ads
ވީޑިއޯ ރިޕޯޓް-
ހުއްދައެއް ނުދޭ، އެކަމަކު ކެމްޕޭނުތައް ދަނީ ކުރިއަށް!
ނިމިދިޔަ އަހަރުގައި ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް-19 ގެ ސަބަބުން ފަސްކުރެވިގެން ދިޔައެވެ. ރާއްޖެގައި އިއުލާނުކޮށްފައި އަޮތް ސިއްހީ ކުއްލި ނުރަކައްލުގެ ހާލަތުގައި އިންތިހާބު ނުބޭއްވޭ ގޮތަށް ސަންސެޓް ގާނޫނެއް ފާސްކުރި ނަމަވެސް އެގާނޫނޫގެ ބައެއް އުސޫލުތަކަށް ބަދަލު ގެނެސް މިހާރު ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބާއްވަން ހަމަޖައްސާފައެވެ.

ނަމަވެސް އެޗްޕީއޭއިން އިންތިހާބަށް ކަނޑައަޅާފައިވާ ގައިޑްލައިންގައި އީސީން ކަންބޮޑުވާ އެތައް ކަމެއް ހުރި ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ. އަދި އިންތިހާބަށް ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނުދެވޭނަމަ އިންތިހާބު ނުވާއްބާނެ ކަމަށް ވެސް ޝަރީފް ވިދާޅުވެފައި ވެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު އިންތިހާބަށް އެއްމަސް އޮތްއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިންގައި ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.

އެގޮތުން ސަންސެޓް ގާނޫނުގެ ހަތް ވަނަ މާއްދާގެ ނޫނުގައި ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އުސޫލުތައް އެކުލަވާލުމުގައި މިނިވަންކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިހާބު ބޭއްވޭނެކަން ޔަގީންކުރަން ޖެހޭ ކަމަށް އޮވެ އެވެ. އެހެންނަމަވެސް މުޅި ގައިޑްލައިން ބަލާލުމުން ހީވަނީ މިއީ ކަރަންޓީނުގައި ތިބޭ މީހުންނާއި އައިސޮލޭޝަންގައި ތިބޭ ފަރާތްތަކަށް އެކަނި އޮތް އެއްޗެއްހެން ކަމަށް ވެސް ހަބީބް ވިދާޅުވެފައި ވެއެވެ.   

މުޅި ގައިޑްލައިންގައި ހުރި އުސޫލުތަކަށް ބަލާއިރު ކެމްޕެއިން ކުރުމުގައި ހުރި ހަމަހަމަ އުސޫލުތަކުގެ ވާހަކަ ނެތް ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން އިންތިހާބުތައް ބޭއްވިއިރު އެގައުމުތަކުގެ އިލެކްޝަންސް ކޮމިޝަނަށް ލުއިތަކެއްދީފައިވާ ކަމަށާއި އެކަމަކު އެފަދަ ލުޔެއް ވެސް މިގައިޑްލައިންގައި ނެތްކަން ހަބީބް ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން ހަބީބް ވިދާޅުވީ، 27 ދުވަސް ލިބިގެންދާއިރު ޕާޓީތަކުންނާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނާއި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ހައްގުތައް ރައްކާތެރިކުރަން ޖެހޭ ކަމަށެވެ. އަދި 28 ދުވަސް ދޭއިރު އެ 28 ދުވަހުގެ ތެރޭގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބޭނަމަ މި އިންތިހާބަށް ނުރަނގަޅު އަސަރު ފޯރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

އީސީގެ ނައިބު ރައީސް އިލެކްޝަނާ ގުޅޭގޮތުން ކަންބޮޑުވުންތައް ހާމަކޮށްފައިވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރަން އަދި އެއްވެސް ކެންޑިޑޭޓަކަށް ފުރުސަތު ނުދޭ ކަމަށް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ ވިދާޅުވެފަ އެވެ.

މައިމޫނާ މިހެން ވިދާޅުވެފައިވީ ނަމަވެސް ވާދަވެރިކަމާއެކު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަދި އެމްޑީޕީއިން ދަނީ ފޯރީގައި ކެމްޕެއިން ކުރަމުންނެވެ. 

އެގޮތުން މާލޭގެ މެޔަރު ކަމަށް ވާދަކުރާ އަނަސްކެ ކެމްޕޭނުގައި ރައިސް ނަޝިދު ދަނީ ޑޯޓުޑޯ ވެސް ޖައްސަވަމުން ނެވެ. އަދި އިދިކޮޅުން އަންނަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިހްތިޖާޖު ކުރަމުންނެވެ. އަދި މިހާރު ދެ ޕާޓީން ވަނީ ރަސްމީކޮން ކެމްޕެއިންވެސް ލޯންޗުކޮށްފަ އެވެ.

އެހެންކަމުން މައިމޫނާ އެހެން ވިދާޅުވި ނަމަވެސް ފެންނަ މަންޒަރު އުޑާ ބިމާއިހާ ތަފާތެވެ. އަދި އެއް ބަޔަކަށް ފިޔަވަޅު އަޅާފައި އަނެއް ބަޔަކަށް ފިޔަވަޅު ނާޅާ މަންޒަރު ފެންނަކަމަށް ބުނެ އެކަމުގެ ޝަކުވާތައް ވެސް ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް