ads
ވީޑިއޯ ރިޕޯޓް-
ފްލެޓުތަކުގެ މައްސަލައާއެކު ސަރުކާރަށް ކުރާ އިތުބާރު ގެއްލެނީ؟
ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތަކުގެ ވާހަކައަކީ ދިވެހިންގެ ބޯހިޔާވަހިކަމުގެ ހުވަފެނުގެ ވާހަކައެވެ. މި ފްލެޓުތަކުގެ ތެރެއިންވެސް އެއް ކޮޓަރީގެ ފްލެޓްތަކަކީ ނެތް ތަންތަން ގޮތުގައި ގަބޫލުކުރުމަށް ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވުމުން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށާއި ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިދިޔަ މަހު ފަހު ކޮޅު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވަނީ އެއް ކޮޓަރީގެ ފްލެޓްތަކަކީ ނެތް ތަންތަން ގޮތުގައި ގަބޫލުކުރުމަށް ވިދާޅުވެފައެވެ.

މިހާރު ހިޔާ މަޝްރޫގެ ދަށުން ފްލެޓްތައް ލިބޭމީހުންގެ ލިސްޓު އާންމު ކޮށްފައިވާއިރު، އެއްކޮޓަރީގެ ފްލެޓު ލިސްޓެއް އާންމު ކޮށްފައެއް ނުވެއެވެ. އަދި ސަރުކާރުން ވަނީ އެ ފްލެޓުތަކަކީ ނެތް ތަންތަން ކަމަށް ބުނެފައެވެ. އަދި ފަހުން އޭގެ ތެރެއިން ބައެއް އެޕާޓްމަންޓުތައް ހުރި ކަމަށްވެސް ބުނެފައިވެއެވެ. 

ކޮންމެއަކަސް ސަރުކާރުން އެއް ކޮޓަރީގެ ފްލެޓުގެ ކަންކަމުގައި އެކި ފަހަރު ދެއްކީ އެކި ވާހަކައެވެ. ދެން އައިސް މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވަނީ އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ހުރި ނަމަވެސް ގަބޫލު ކުރަންވީ އެއީ ނެތްތަންތަން ކަމަށް ވިދާޅުވެފައެވެ. 

މިނިސްޓަރު ކިޔައިދެއްވި ގޮތުގައި، އެއް ކޮޓަރީގެ އެޕާޓްމަންޓުތައް އަޅަން 2017 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި 20 ކުންފުންޏަކާއި އެކު އޭރުގެ ސަރުކާރުން ސޮއެކުރި އެގްރިމެންޓުގައި، އިމާރާތްކުރާ ފްލެޓްތަކުގެ ތެރެއިން 1 ކޮޓަރީގެ އެޕާޓްމަންޓު ތަކުގެ 50 އިންސައްތަ، 38 ހާސް ޑޮލަރުގެ ރޭޓުން ސަރުކާރަށް ވިއްކަން ޖެހޭނެކަމަށް ހިމަނާފައިވާ ވެއެވެ. ނަމަވެސް އެ އެޕާޓްމަންޓުތައް ވިއްކަން ޖެހޭނީ ސަރުކާރުން އެ އެޕާޓްމަންޓުތައް ގަންނާނެ ކަމުގެ ލިއުމެއް އެ ކުންފުނިތަކަށް ދިނުމުން ކަމަށް އެގްރިމެންޓުގައި ވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

އެގްރިމަންޓުގައި ބުނެފައި އެވާ "ޕާޗޭސް ގެރެންޓީ" ސަރުކާރުން އެ ކުންފުނިތަކަށް ދީފައި ނުވާކަމަށާއި، 20 ކުންފުނީގެ ތެރެއިން މަސައްކަތް ކުރިއަށް ގެންދިޔަ މަދު ފަރާތްތަކަށްވެސް އެ ގެރެންޓީ ދީފައި ނުވާކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވެފައިވެއެވެ.

މިއާއެކު އުފެދޭ ސުވާލަކީ،މިއީ ވަކި ސަރުކާރަކާއެކު ހަދާފައިވާ އެއްބަސްވުންތަކެއްތޯއެވެ؟ ގައިމުވެސް މި ސަރުކާރަށް ދެ އަހަރު ވެގެން ދިޔައިރު، މި ސަރުކާރުންވެސް އެ ކުންފުނިތަކަށް "ޕާޗޭސް ގެރެންޓީ" ދެވޭނެހާ މުއްދަތު ފާއިތުވެގެން ގޮސްފިއެވެ. ހާއްސަކޮށް ބައެއް ކުންފުނިތަކުން އެ ފްލެޓްތައް އަޅަން ފަށާފައިވާތީ އެވެ.

މިހާރު އެކިކުންފުނިތަކުން އަޅާފައިވާ ފްލެޓުތަކާއި ގުޅިގެން ސަރުކާރުން ވަނީ އެއީ ސަރުކާރަށް ދޭންޖެހޭ ގޮތަށް އޮތް ތަންތަނެއް ނޫން ކަމަށާއި، އަދި އެއީ އެގްރިމެންޓުގައި ސަރުކާރުން ކުރަންޖެހޭނެ ކަމަށް ބުނެފައިވާ ކަމެއް ކޮށްފައި ނެތުމުގެ އިތުރަށް، އެ ފްލެޓް ތަކަކީ ސީދާ ސަރުކާރުގެ ޕްރިޖެކްޓެއްގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއް ނޫން ކަމަށްވެސް ބުނެފައެވެ.

ނަމަވެސް ހަގީގަތަކީ މި ފްލެޓްތައް އެޅުމުގެ މަސައްކަތް އެ ކުންފުނިތަކުން ފެށީ ސަރުކާރުން "ޕާޗޭސް ގެރެންޓީ" ދޭނެ ކަމަށް ބަލާފައި ކަމަށެވެ. ގައިމުވެސް ބައެއް ކުންފުނިތަކުގެ ފްލެޓުތައް ނިމުމަކާ ހަމައަށް އައިސްފައިވާއިރު، އެއް ކޮޓަރި ފްލެޓުގެ ކެޓަގަރީއަށް ފޯމުލީ މީހުންނަށް އެމީހުންގެ ހައްގު ހޯދައި ދިނުމަށް ސަރުކާރަށް މަސައްކަތް ނުކުރެވެންވީ ސަބަބެއް ނެތެވެ.

އެންމެ ފުރަތަމަވެސް ކުރީ ސަރުކާރުން "ޕާޗޭސް ގެރެންޓީ" ނުދިނުމުގެ ސަބަބުން، އެއް ކޮޓަރި ފްލެޓަކީ ވުޖޫދުގައު ނެތް އެއްޗެއް ކަމަށްބުނެ، އެ ކެޓަގަރީ އުވާ ނުލީ ކީއްވެތޯ އެއީ ގައިމުވެސް އުފެދޭނެ ސުވާލެކެވެ. ގައިމުވެސް ފަހު ވަގުތާ ޖެހެންދެން ބަޔަކަށް އުއްމީދެއްދީ، ލިސްޓު އާންމު ކުރުމާއެކު އެތައް ބައެއްގެ ހުވަފެނުގައި ކޮޅުފައިން ޖެހުމަކީމިސަރުކާރުން ވީވައުދެއް ނޫނެވެ.

ސަރުކާރުން ވެރިކަމަށް އައީ ބޯހިޔާވަހިކަމުގެ ވައުދަކާވެސް އެކުއެވެ. އެހެން ކަމަށްވާނަމަ މިކަމުގައި ހޯދައިދޭން ބުނިއިންސާފު ކޮބާ ހެއްޔެވެ؟ މި ސަރުކާރަށް ކުންފުނިތަކަށް "ޕާޗޭސް ގެރެންޓީ" ދީގެން ނަމަވެސް، އެއްކޮޓަރީގެ ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ނުގެންދެވެންވީ ސަބަބެއް އޮތް ކަމަށް ނުފެނެއެވެ. އެކަމަށް އުޒުރުވެރިވާ ސަބަބެއް އޮތް ކަމަށްވާނަމަ އެކަންވެސް ސަރުކާރުން ރައްޔިތުންނަށް ދައްކަން މިހާރުވެސް މާ ލަސްވެއްޖެއެވެ. 

މިފަދަ ދޯހަޅި ކަންކަމުގެ ސަބަބުން މަޑުމަޑުންމިދަނީ ސަރުކާރަށާއި ސަރުކާރުގެ މިނިސްޓަރުންނަށް ރައްޔިތުން ކުރާ އިތުބާރު ކުޑަ ވަމުންނެވެ. މިއީމިކަމުގައި އަހަރެން ދެކޭގޮތެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް