ads
ފެނަކައިގެ އެމްޑީ ސައީދު--ފޮޓޯ:ސަން
ކޮރަޕްޝަނުގެ ތުހުމަތުތަކަށް ފެނަކައިގެ ރައްދެއް!
މިހާރު ނޫހުގައި އެންޓިކޮރަޕްޝަން ކޮމިޝަނާއި ހަވާލާދީ ފެނަަކަ ކޯޕަރޭޝަަނަށް ރައްދުވާގޮތަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަށް އެ ކުންފުނިން ރައްދުދީފިއެވެ.

"ދެ ކުންފުންޏެއްގެ ކޮރަޕްޝަންގެ ހާލަތު: ޒީރޯ ޓޮލަރެންސް ކޮބާ؟" މިސުރުހީގެ ދަށުން، މިއަދު މިހާރު ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވަނީ، އޭސީސީގެ ރިޕޯޓުގައި 2012 ވަނަ އަހަރުން ފެށިގެން 2020 އަހަރާ ހަމައަށް ހުށަހެޅި މައްސަލަތަކުގެ ތަފްސީލް ހިމަނާފައިވާއިރު ވޭތުވެދިޔަ ނުވަ އަހަރަށް ބަލާއިރު އެންމެ ގިނަ މައްސަލަ ފެނަކައާ ގުޅޭ ގޮތުން ހުށަހެޅީ މިދިޔަ އަހަރު ކަމަށް ބުނެފައެވެ. އެއީ 79 މައްސަލަ އެއް ކަމަށް ބުނެފައިވެއެވެ.                                                

އަދި އޭސީސީގެ ރިޕޯޓުގައި 2012 ވަނަ އަހަރުން ފެށިގެން ހުށަހެޅި މައްސަލަތަކާ ގުޅިގެން ކަންކަން އިސްލާހު ކުރަން އަންގާފައިވާނެ ކަަމަށް ބުނެފައި ވީނަމަވެސް މިހާތަނަށް އެދެވޭ ބަދަލުތަކެއް ގެނެސްފައި ނުވާ ކަމަށް ބުނެފައިވެއެވެ. އޭގެއިތުރުން ފެނަކައާ ގުޅޭ ގޮތުން ހުށަހަޅާ ކޮރަޕްޝަންގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން އޭސީސީން ފާޅުކޮށްފައިވާ ކަމަށާއި ފެނަކަ ކޯޕަރޭޝަނާ ގުޅޭ ގޮތުން ހުށަހެޅޭ ގިނަ މައްސަލަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނީ ކޮރަޕްޝަންގެ އަމަލުތައް ހިންގަން މަގުފަހިވާ ފަދަ ބަދަލުތައް އެ ކޯޕަރޭޝަންގެ ގަވާއިދަށް ގެނެސްފައި ހުންނަ ކަންކަމަށް ތުހުމަތުކޮށްފައިވެއެވެ.

މިހާރު ނޫހުން ޝާއިއުކޮށްފައިވާ މި ލިޔުމުގައި ފެނަކައަށް ރައްދުވާގޮތަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ހަގީގަތް ހާމަކޮށް، އެ ކަންކަމާގުޅޭ ގޮތުން ފެނަކައިން ނެރެފައިވާ ބަޔާނެއްގައި އެ ތުހުމަތުތަކަށް ދެއްވި ތަފްސީލީ ޖަވާބުގައި ފެނަކައިން ބުނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދު 2015 ގައި ތިން ހާސް ރުފިޔާއިން ދެލައްކަ ފަންސަވީސް ހާސް ރުފިޔާއާއި ދެމެދުގެ މުއާމަލާތެއްނަމަ އެ މުދަލެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދޭ ތިން ފަރާތެއްގެ ކޯޓޭޝަން ހޯދުމަށް އޮތްއޮތުން، 26 ޖޫން 2018 ގައި ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުން، ދިހަ މިލިއަން ރުފިޔާއަށް މަތި ކުރަން ނިންމާފައިވާއިރު، އެ ނިންމުން 2018 ޑިސެމްބަރުގައި ފެނަކަ މެނޭޖްމަންޓާއި އަލަށް ހަވާލުވި ޑިރެކްޓަރުންގެ ބޯޑުންވަނީ އިސްލާހުކުރައްވާފަ ކަމަށެވެ. 

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދުގައި ރާއްޖޭން ބޭރުން މުދަލާއި ހިދުމަތް ހޯދުމުގައި އާންމު ބިޑު އުސޫލުން އިއުލާންނުކޮށް ކުރިއަށް ގެންދެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކޮށްފައި ނުވާކަމަށް އޭސީސީއިން ފާހަގަކޮށްފައިވާކަން ފާހަގަކޮށް ފެނަކައިންބުނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދު 2015 ގެ 3.6 ވަނަ މާއްދާގައި، ރާއްޖެއިން ބޭރުން މުދަލާއި ހިދުމަތެއް ހޯދާއިރު މަދުވެގެން ފަސް ފަރާތަކަށް ކޯޓޭޝަން ހޯދަން ފޮނުވާންވާނެކަމަށް ބަޔާންކޮށް، މަދުވެގެން ތިން ފަރާތެއްގެ ކޯޓޭޝަން ލިބުމުން ދިހަ މިލިއަން ރުފިޔާގެ މުއާމަލާތް އޭރަކު ކުންފުނި ހިންގެވުމާއި ހަވާލުވެހުރި ފަރާތެއްގެ ހުއްދައާއި އެކު ކުރިއަށް ގެންދެވިދާނެކަމަށް ބަޔާންކޮށްފައި އޮތް އޮތުންވެސް، 2018 ޑިސެމްބަރުގައި އަލަށް އެކުލަވާލެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މިހާރުގެ ޑިރެކްޓަރުންގެ ބޯޑުން ވާނީ ބަދަލުގެނެސްފަކަމަށެވެ.

އެގޮތުން ގެނެވިފައިވާ ބަދަލުތަކުގެ ތެރޭގައި ދެލައްކަ ފަންސަވީސް ހާސް ރުފިޔާއިން ފެށިގެން ފަސް މިލިއަން ރުފިޔާގެ މުއާމަލާތެއްނަމަ އެ މުއާމަލާތެއް ކުރިއަށް ގެންދާނީ ޑައިރެކްޓް ޕާޗޭސް ކޮމިޓީއިން އިވެލުއޭޓްކޮށް ފާސް ކުރެވިގެންކަމާއި، އަދި ފަސް މިލިއަން ރުފިޔާއިން ފެށިގެން މަތީ މުއާމަލާތެއް ނަމަ އެ މުއާމަލާތެއް ކުރިއަށް ގެންދާނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ހުއްދަ ލިބިގެންކަމުގައި ވާނީ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާގެ ގޮތުގެ ގަވާއިދު އިސްލާހުކުރެވިފަކަމަށް ފެނެެކައިން ބުނެއެވެ.

ފެނަކައިގެ މިހާރުގެ ޑިރެކްޓަރުންގެ ބޯޑުން މި އިސްލާހު ގެނެސްފައިވަނީ، ވަގުތާއި ހާލަތަށްބަލައި އަދި މި ކުންފުނިން ފޯރުކޮށްދެވެމުންދާ ހިދުމަތުގެ ބާވަތަށްބަލައިގެން މެދުނުކެނޑި ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރަންޖެހޭ މުއާމަލާތްތައް އިދާރީ ހުރަސްތަކެއްނެތި، ފަސޭހައިން މުދަލާއި ހިދުމަތް ހޯދުމުގެ ބޭނުމުގައި ކަމަށާއި، އަދި އެ ނިންމުންތަކުންވެސް، ކުންފުނިން ނިންމާ ބޮޑެތި ނިންމުންތައް ނިންމުމުގެ ބާރު އެންމެ ފަރާތަކަށް ދިނުމުގެ ބަދަލުގައި، އެއަށްވުރެ ހަރުދަނާ އުސޫލުތަކަކަށް ބަދަލުކުރެވިފައިވާކަން ސާފުވާނެކަމަށް ފެނަކއިގެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ފެނަކައިން ބުނީ އެ ކުންފުންޏަށް ތުހުމަތު ކުރެވޭ ގޮތަށް އެހެން ފަރާތަކާ ހަވާލާދެއްވާފައި ވިޔަސް ލިޔުއްވުމުގެ ކުރިން، ކަމާގުޅޭ ތަފްސީލް އެކުންފުނިން ހޯއްދެވުމަށްފަހު، ކަމުގެ ހަގީގަތް ކިޔުންތެރިންނަށް ސާފުވާނެ އުސޫލަކުން މައުލޫމާތު އާންމު ކުރެއްވުމަށް އެ ކުންފުނިން އިލްތިމާސް ކުރާ ކަމަށާއި، އެއްވެސް ނޫހަކުން މަޢުލޫމާތެއް ހޯދަން އެދިގެން، އެއްބާރުލުން ނުދީ، ކަންކަން ސިއްރުކުރުމަކީ އެކުންފުނީގެ އަދުގެ މެނޭޖްމަންޓުން ގެންގުޅޭ އުސޫލުތަކާ ބީރައްޓެހި ގޮތެއްކަން ވެސް ތަކުރާރުކޮށް ފާހަގަކުރާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް