ads
ހައުސިން މިނިސްޓަރު އަސްލަމް--
ފްލެޓަށް ހުޅުވާލާއިރު ވަކި ތަނެއްގައި ވަޒީފާ އަދާކުރޭތޯ ނުބަލާނަން: އަސްލަމް
ފްލެޓަށް އެދި ހުޅުވާލާއިރު އެމީހަކީ ކޮން ތަނެއްގައި ވަޒީފާ އަދާކުރާ މީހެއްތޯ އާއި އުމުރު ބަލައި ނުހަދާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ، މިނިސްޓަރު އަސްލަމްއާ ސުވާލުކުރުމަށް އެދިފައިވާތީ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ވަނީ ހާޒިރުވެވަޑައިގެންފަ އެވެ. 

ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ކައުންސިލް ކެޓަގަރީގައި 3000 އަދި އެފޯޑަބަލް ކެޓަގަރީގައި 570 އަދި މިޑްލް އިންކަމް ކެޓަގަރީގައި 550 ފްލެޓް އަޅާނެ ކަމަށެވެ. އަދި އެ ފްލެޓްތަކަކީ އެއް ތައްގަނޑަކަށް އެއް ސައިޒަކަށް ހުންނާނެ ތަންތަން ނޫންކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެފޯޑަބަލް ކެޓަގަރީގައި މަހު ފީގެ ގޮތުގައި ކޮންމެ މަހަކު ދައްކަން ޖެހޭނީ 7000-13000 ރުފިޔާއާ ދެމެދުގެ އަގެއް ކަމަށެވެ. އެ ތަންތަނަކީ ދޭއް ނުވަތަ ތިން ކޮޓަރީގެ ތަންތަނެވެ. 

މިޑްލް އިންކަމް ކެޓަގަރީގެ ފަރާތްތަކުން ދައްކަން ޖެހޭނީ 13،000 ރުފިޔާ އާއި 23،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށް ވެސް ވިދާޅުވި އެވެ. 

ހައުސިން ދިނުމުގައި އަމަލުކުރާނެ ގޮތް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ ހައުސިން ޔުނިޓްތައް ހުޅުވާލުމުގައި ވަކި ވަޒީފާއަކަށް ވަކި އުމުރަކަށް ބަލައިގެން ތަންތަން ދިނުމުގެ ވިސްނުން ސަރުކާރުގެ ނެތް ކަމަށެވެ. އަދި ކޮންމެ މީހަކީ ވެސް ފްލެޓް ބޭނުންވާނަމަ އެމީހަކުގެ ހާލަތު ބެލުމަށް ފަހު އެތަންތަން ދެވޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ފްލެޓްތަކަށް އެދި ފޯމު ހުށަހަޅާއިރު ހުށަހަޅާ ތަކެއްޗާއި އިވެލުއޭޓްކުރާނެ ގޮތަށް ވެސް ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. 

އޭގެ އިތުރުން ހައުސިން ބޭނުންވާ މީހުންގެ ތެރެއިން މާލޭގެ 5600 އާއިލާއާ ހާއްސަކޮށް ވަކި ޕްރޮގްރާމެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް