ads
މެސީއާ ރޮނާލްޑޯ
ރޮނާލްޑޯއަކަށް ނުވި، މެސީއަށް ވާނެތަ؟
ޗެމްޕިއަންސް ލީގުގައި ދެވަނަ ލެގުގައި ޔުވެންޓަސް ގޮވައިގެން ނުކުމެ ޕޯޓޯ މައްޗަށް ކުރި ހޯދުމުގެ ދަތުރު ރޮނާލްޑޯއަށް ކާމިޔާބު ނުކުރެވުނު އިރު، ބާސާ ގޮވައިގެން ހަމަ އެ ދަތުރު، ޕީއެސްޖީއާ ދެކޮޅަށް މިރޭ ކުރާނީ މެސީއެވެ.

ޗެމްޕިންސް ލީގުގައި ބާސެލޯނާއާ ޕީއެސްޖީ ވާދަކުރާ ރައުންޑް އޮފް ސިކްސްޓީންގެ ދެވަނަ ލެގުގެ މެޗު މިރޭ ކުޅެން ހަމަޖެހިފައިވާއިރު މި ދެ ޓީމުގެ ފުރަތަމަ މެޗު ހަތަރު ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީއެވެ. އެހެންކަމުން މެޗުގެ ނަތީޖާ އަނބުރާލާ ކުއާޓާރއިން ބާސާއަށް ޖާގަ ހޯދައިދިނުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އޮތީ މެސީއަށެވެ.

މިރޭ ރަށުން ބޭރުގައި ބާސާއަށް އޮތް ގޮތަކީ ހަތަރު ލަނޑަށްވުރެ ބޮޑު ތަފާތަކުން މެޗުން މޮޅުވުމެވެ. ކަމަކީ އުނދަގޫ ކަމެއް ނަމަވެސް މީގެ ކުރިން ހަމަ ޕީއެސްޖީއާ ދެކޮޅަށް ބާސާއިން ނަތީޖާ އަނބުރާލާފައިވާތީ ކަމަކީ ނުވާނޭ ކަމެކޭ ނުބުނެވޭނެއެވެ. ޗެމްޕިއަންސް ލީގުގައި މީގެ ހަތަރު އަހަރު ކުރިން، ހަމަ މި ދެ ޓީމު ވާދަކުރި އިރު ފުރަތަމަ ލެގު ހަތަރު ލަނޑު ސުން ލަނޑުން ޕީއެސްޖީ ކާމިޔާބުކޮށްފައިވަނިކޮށް ބާސާއިންވަނީ ދެވަނަ ލެގުގައި ހަ ލަނޑު ޖަހައި މެޗު އަނބުރާލާފައެވެ.

މިރޭގެ މެޗުގައި ބާސާއަށް ބޮޑު ޗެލެންޖެއް އޮތް އިރު، ހަމަ މިހާލަތުގައި ރޭ ޔުވެންޓަސް ގޮވައިގެން ނުކުތް ރޮނާލްޑޯވަނީ ކުއާޓާރއިން ޔުވެންޓަސް ފުރުސަތު ހޯދައިދިނުމުގައި ނާކާމިޔާބުވެފައެވެ.

ބާސެލޯނާއާ ޕީއެސްޖީ ވާދަކުރާ ޗެމްޕިއަންސް ލީގުގެ މެޗު ފެށޭނީ ރާއްޖޭ ގަޑިން ދަންވަރު އެކެއް ޖަހާއިރުއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް