ads
މިނިސްޓަރު ޒަހާ ވަހީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
"ޒަހާ މައްސަލަ ވެއްދީ އަންހެނުން ބާރުވެރިކުރުމާއި ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން"
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީ އަންހެނުން ބާރުވެރިކުރުމާއި ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން ކަމަށް އެކަމަނާ ނިސްބަވްވެވަޑައިގަންނަވާ އެމްއާރުއެމް އިން ބުނެފި އެވެ.

މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އިއްޔެ ވެއްދީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ކޯލިޝަންގެ އަށް މެމްބަރުންނާއި، މިނިވަން ދެ މެމްބަރެއްގެ ސޮޔާއިއެކު އެވެ.

އެކަމާއި ގުޅިގެން އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނީ ކޯލިޝަން ސަރުކާރުން ގައުމުގެ އިސް މަގާމުތަކުގައި އަންހެނުންނަށް ފުރުސަތުދީފައިވާއިރު އެކަމާއި ހަސަދަވެރިވެ އަންހެނުން ބާކީކޮށް ނިކަމެތިކުރުމުގެ ވިސްނުން ގެންގުޅުއްވާ މަދު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރައްވަން ތިއްބެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ގައުމުގެ ތަރައްގީއަށް އަންހެނުންގެ ހިއްސާ އިތުރު ކުރުމަކީ ނުހަނު ބޭނުންތެރިކަމަކަށް ވާއިރު، ޒަހާގެ އިތުބާރުނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކީ އަންހެނުން ބާރުވެރިކުރުމާއި ދެކޮޅަށް ކުރާ މަސައްކަތެއް ކަަމަށް ވެސް އެމްއާރުއެމުން ބުނެ އެވެ.

"ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށްބުނެ އިދިކޮޅު ކޯލިޝަންގެ މެންބަރުން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކީ އެއްވެސް އަސާސެއްނެތް، ސަރުކާރު ކޯލިޝަން ތެރޭގައި ފިތުނަވެރިކަން އުފެއްދުމަށް ސިޔާސީ ބޭނުމަކަށް ހުށަހަޅާފައިވާ މައްސަލައެއް ކަމުގައި މި ޕާޓީއިން ދެކެމެވެ،"

އެމްއާރުއެމުން ބުނީ ޒަހާއަކީ މެރިން ބައޮލޮޖީ އަދި އޯޝަނުގްރަފީ ދާއިރާއިން ޖޮއިންޓް އޮނާސް ޑިގްރީ ފުރިހަމަ ކުރައްވާ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖުމަންޓް) ދާއިރާއިން މާސްޓާސް ޑިގްރީ ހައްދަވައިގެން، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. މިނިސްޓަރުކަމާއި ހަވާލުވެ ވަޑައިގެން 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި އޮތް މަސްވެރިކަމުގެ ގާނޫނު ޒަމާނީ ގާނޫނަކަށް ބަދަލުކޮށް މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލަވާލެއްވި ކަމަށެވެ. 

އަދި ކޮވިޑްގެ ދަތި ހާލަތުގައިވެސް އިގްތިސޯދީ މުހިންމު ސިނާއަތްތަކެއް ކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭން މަގު ފަހިކޮށްދެއްވިކަން ފާހަގަކޮށް ބުނީ ޔޫރަޕްގެ މާކެޓްގައި ދިވެހި މަހަށް ރަނގަޅު އަގެއް ހޯދުމަށްޓަކައި ހުއްޓުމެއް ނެތި ކުރައްވާ މަސައްކަތާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށްޓަކައި ޕެސްޓިސައިޑް ގާނޫނެއް ވުޖޫދަށް ގެންނެވުމާއި، މެރިކަލްޗާ ސިނާއަތެއް ރާއްޖޭގައި ތަރައްގީކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށެވެ. 

އޭގެ އިތުރުން، މިފްކޯގައި ހުރި ޒަމާންވީ ގިނަ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިނިސްޓަރު ޒަހާ އިސްވެ ހުންނަވައިގެން ޕްލޭންތައް ހައްދަވައި އެކަމުގެ އަމަލީ މަސައްކަތް ފެއްޓެވި ފެއްޓެވުމުން ވެސް މިނިސްޓަރު ޒަހާގެ ހިންގުންތެރިކަމާއި ގާބިލުކަން އެނގިގެންދާ ކަމަށް އެމްއާރުއެމުން ބުނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް