ads
ފިރުޝާން-
މަސްނޫއީ ފައެއް ޖަހަން ފިރުޝާން އާންމުންގެ އެހީއަށް ބޭނުންވެފައި!
ރައްޓެހިންތަކަކާއެކު ލޮނުދޫހުއްޓާއަށް ދަތުރުކޮށް އުޅެނިކޮށް ބޯ މައްޗަށް ސީލިންގެއް ވެއްޓި އަނިޔާވި ގދ. ގައްދޫއަށް އުފަން އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނަށް ލިބުނު އަނިޔާތަކުގެ ސަބަބުން ވަނީ އޭނާގެ ކަނާތު ފައިގެ ކަކުލު ހުޅަށްވުރެ ތަންކޮޅެއް މަތިން ބުރިކޮށްލާފަ އެވެ. މިއަދު އަމިއްލަ ފައިމައްޗަށް އޭނާއަށް ތެދުވެވެން އޮތީ މަސްނޫއީ ފައެއް ޖަހައިގެން ކަމުން، އާއިލާއިން މިވަނީ އެހީ ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

ލޮނުދޫހުއްޓާގައި އުޅެނިކޮށް އަނިޔާވުމާއެކު ފިރުޝާން އެންމެ ފުރަތަމަ ގެންދިޔެއީ ގައްދޫ އަށެވެ. އޭގެ ގަޑިއެއްހާ އިރުގެ ތެރޭގައި އެ ރަށުން ސީ އެމްބިއުލާންސްގައި ގދ. ތިނަދޫއަށް ގެންދެވުނަސް، އެތަނުގެ ފަރުވާއާ މެދު ހިތްހަމަނުޖެހުން އާއިލާ އިން ވަނީ ފިރުޝާން ގޮވައިގެން އިތުރު ފަރުވާއަށް މާލެއަށް އައިސްފަ އެވެ. 

އެގޮތުން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވެސް އެތައް ދުވަހަކު ފިރުޝާނަށް ފަރުވާދޭން ޖެހުނެވެ. ކަނާތު ފައިގެ ތިން ތަނެއް ބިންދައިގެންގޮސް އޮތުމާއެކު ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން ފެބްރުއަރީ މަހުގެ ކުރީކޮޅު ވަނީ އޭޑީކޭ އިން ފިރުޝާންގެ ފައި ބުރިކޮށްލާފަ އެވެ. 

އޭގެ ފަހުން އަތުގެ ސާޖަރީއެއް ވެސް ހަދަން ޖެހުނުއިރު އެ ސާޖަރީ، އޭޑީކޭއިން ހެދެން ނެތުމުން، އައިޖީއެމްއެޗަށް ބަދަލުކޮށް، އެތަނުން އެ ސާޖަރީ ވަނީ ހަދާފަ އެވެ. މިހާރު ސާޖަރީ ހަދާއި، ގެއަށް ދޫކޮށްލިތާ ތިން ދުވަސްވެފައިވާކަން ފާހަގަކޮށް އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ސީއެންއެމްއަށް ކިޔައިދެ އެވެ. 

ފިރުޝާންގެ ދައްތަ، ބުނީ، މިވަގުތު ވެސް އެމީހުން މާލޭގައި ތިބިއިރު ރަށަށް ދާން ބޭނުންވަނީ ފިރުޝާންގެ މަސްނޫއީ ފައެއް ޖަހައިގެން ކަމަށެވެ. އެކަމަކު މަސްނޫއީ ފައެއް ޖެހުމަށް އެކަނި ވެސް 5000 ޑޮލަރު ހަރަދުވެ އެވެ. އެހާ ތަނަވަސްކަން އާއިލާގައި ނެތުމުން އެމީހުން އެދިފައި މިވަނީ އާންމުންގެ އެހީތެރިކަމަށެވެ. 

ފިރުޝާނުގެ ދައްތަ ބުނީ އިންޑިއާއަށް ގޮސް އެކޮޅުގައި ތިބެންޖެހޭނެ މުއްދަތު ވެސް އަދި ނޭނގޭ ކަމަށެވެ. މިހެންކަމުން، އާސަންދަ ހޯދުމަށް އާދިއްތަ ދުވަހު ސިޓީލާނެ ކަމަށެވެ.

ފިރުޝާންއަކީ އުމުރުން ހަގަސް ވިސްނުން ތޫނު، ޒިންމާދާރު ކުއްޖެކެވެ. ސްކޫލު ނިމުމާއެކު އާއިލާ ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ، އޭނާ ދާން ފެށީ މަހަށެވެ. ނަމަވެސް މަސް ދޯންޏަށް ދިމާވި މައްސަލައަކާ ގުޅިގެން ލިބުނު ކުރު ޗުއްޓީއެއްގައި އެކުވެރިންނާއެކު ދަތުރު ގޮސް އުޅެނިކޮށް  މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާފައިވާއިރު އެ އާއިލާގެ މިހާރުގެ އުއްމީދަކީ މަސްނޫއީ ފައެއް ޖަހައިގެން ކޮއްކޮ ހިނގާބިނގާވެ އުޅޭތަން ބެލުމެވެ.

އެކައުންޓު ނަންބަރު: 7730000301568

ނަޝީދާ މުހައްމަދު: 7257881

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.

90%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް