ads
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިން: ފޮޓޯ / އަވަސް
އިންތިހާބަށް އަލުން ހުޅުވާލުމަށް އެދި ހުށަހެޅި މައްސަަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިފި
އަންނަ މަހުގެ ދިހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ފަސްވުމާއި ގުޅިގެން ނަން ނަގާފައިވާ ދާއިރާތަކުން އަލުން އިންތިހާބަށް ހުޅުވާލަން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހްތިސާސްއެއް އެ ކޯޓަށް ނެތްކަމަށް ހުކުމްކޮށްފި އެވެ.

މިދިޔައަހަރު ބޭއްވުމަށް ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ކޮވިޑް-19އަށް ފަސްކުރަމުން ގޮސް އޭގެ ފަހުން ހެދި "ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު"ގައި ވާގޮތުން އެ އިންތިހާބުަގައި ކުރިމަތިލެވޭނީ ކުރިން އިންތިހާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށެވެ.

އެ ގާނޫނަށް އިތުރުކޮށްފައިވާ އެ އަކުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ހިލާފަށް ފާސްކޮށްފައިވާ ބާތިލު އަކުރެއްކަމަށް ކަނޑައަޅައިދިނުމަށް އެދި، ހައިކޯޓަށް ހުށަހަޅާފައިވަނީ، ތ.ކަނޑޫދޫ، މެނީލާ މުހައްމަދު ތަސްލީމް އެވެ. މި މައްސަލަ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތެވެ.

މައްސަލަ ހުށަހެޅި ތަސްލީމް ދައުވާ ބިނާކޮށްފައިވާ ހަ ސަބަބެއް ފާހަގަކޮށް، އެކަންކަމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެ ސަބަބުތަކުގެ ތެރޭގައި، ކޮވިޑް-19 ގެ ސަބަބުން ލޯކަލް ކައުންސިލް އިންތިހާބު 2020، އަހަރަކަށްވުރެވެސް ގިނަ ދުވަސްވަންދެން ލަސްކުރެވި ގޮސްފައިވާއިރު، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އެތައްބައެއްގެ ކިބައިން މަހްރޫމްކުރުމުގެ އިތުރުން، އެއްވެސް އިތުރު މީހަކަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު، އާންމު ގާނޫނަކުން ބަންދުކޮށްފައި ވާކަމަށް ބުނެ ހުށަހެޅި ސަބަބާއި، އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްމެ ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ވާދަކުރުމުގެ ހައްގަކީ، އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށްމެ އެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގެކޭ އެއްދަރަޖައެއްގައި އެއް އަސާސެއްގެ މައްޗަށް ބިނާވެގެން، ދުސްތޫރީ ގޮތުން ކަށަވަރުކޮށްދީފައިވާ، ދުސްތޫރީ ބަޔާންކުރުމަކުން މެނުވީ، ހަނިނުކުރެވޭނެ އަސާސީ ހައްގެކެވެ.

 އަދި ދިމިޤްރާތީ ދައުލަތެއްގެ ޟަރޫރީ އަސާސީ ސިފައަކީވެސް ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ އިންތިހާބުތަކެއްކަމީ ދުސްތޫރީ މަބްދައުއެއްކަމަށް ބުނެ ހުށަހެޅި ސަބަބުވެސް ފާހަގަކޮށްފައިވެއެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ. އެ މައްސަލައަކީ ހައިކޯޓަށް ހުށަހެޅިދާނެ މައްސަލައެއްތޯ ސުވާލުކުރުމުން މައްސަލަ ހުށަހެޅިފަރާތުން ބުނެފައިވަނީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅޭނެ ޤާނޫނީ ހައިސިއްޔަތު ބަޔާންކޮށްދީފައި ވާނެކަމަށެވެ. އަދި މި މައްސަލަ ހައިކޯޓަށް ހުށަހެޅިދާނެކަމަށް ޤަބޫލުކުރާކަމަށް މައްސަލަހުށަހެޅި ފަރާތުން ބުނެފައިވެއެވެ. އިތުރަށް މައްސަލަ ހުށަހެޅިފަރާތުން ބުނެފައިވަނީ ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ އިޚްތިސާސް ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާކަމަށެވެ. އަދި އެންމެ ފުރަތަމަ މި ދުސްތޫރީ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށްކަމަށް މައްސަލަހުށަހެޅި ފަރާތުން ބުނެފައިވެއެވެ.

އެމައްސަލައަކީ ޤައުމުގެ އާންމު މަސްލަހަތު ހިމެނޭ މައްސަލައެއްތޯ ޝަރީއަތުން ސުވާލުކުރުމުން މައްސަލަހުށަހެޅި ފަރާތުން ބުނެފައިވަނީ މި މައްސަލާގައި އާންމު މަސްލަހަތު ހިމެނޭ ކަމަށާއި ތަފާތު އެކި މިންވަރަށް ޢާންމު މަސްލަހަތު ހިމެނޭ މައްސަލަތައް ހުންނާނެކަމަށެވެ. ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމި އިލެކްޝަނާ ބެހޭ ގަޒިއްޔާ، އައްޑުއަތޮޅު އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ މައްސަލަ، އެއީ ވެސް އާންމު މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށާއި ދުސްތޫރީ ހުސްކަމަކަށް އައިސްދާނެ ނޫނީ މުޅި ޤައުމުގެ މަސްލަހަތު ހިމެނޭ މައްސަލަތަކާ އަސްލީ އިހްތިސާސް ސުޕްރީމް ކޯޓަށް ލިބިދޭ މައްސަލަތަކާ އަދި ކޮންމެ ދުސްތޫރީ މައްސަލައާ ހިލާފުކަމަށް އެ ގަޒިއްޔާގައިވެސް ކަނޑައަޅާފައިވާކަމަށް މައްސަލަހުށަހެޅި ފަރާތުން ބުނެފައިވެއެވެ.

މިމައްސަލަ ރައްދުވާ ދައުލަތުގެ ފަރާތުން ބުނެފައިވަނީ ބައެއް ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލައަކަށްވާތީ، މި މައްސަލައަކީ ހައިކޯޓަށް ފުރަތަމަ މަރުހަލާގެ ކޯޓެއްގެ ގޮތުގައި ބެލޭނެ މައްސައެއްކަމަށެވެ. އިލެކްޝަން ކޮމިޝަނުންވެސް ބުނެފައިވަނީ ދައުލަތުން ދެކޭގޮތް އެއީ އިލެކްޝަން ކޮމިޝަނުންވެސް ދެކޭގޮތްކަމަށާއި އެ ނުކުތާގައި އިތުރުކަމެއް ފާހަގަކުރަންނެތް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ހައިކޯޓުން ބުނެފައިވަނީ ތަސްލީމްގެ ފަރާތުން ދިވެހިދައުލަތުގެ މައްޗަށް ދައުވާ ރައްދުވާގޮތަށް ހުށަހަޅާފައިވާ މި ދައުވާއަށާއި، ދައުވާ ބިނާކޮށްފައިވާ ސަބަބުތަކުގެ މައްޗަށް އަދި ޤައުމު މިހިނދު އޮތް ހާލަތުގެ މައްޗަށް ބަލާއިރު، މި މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތާ ގުޅުމެއްނެތް ދުސްތޫރީ މައްސަލައެއްކަން އެނގެންނެތުމުން މި މައްސަލަ ހުށަހެޅިފައިވާ ގޮތަށް ހައިކޯޓުގައި ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލެއްނުކުރެވޭ ކަމަށެވެ. އަދި މި މައްސަލާގައި މައުލޫއީގޮތުން ގޮތެއް ކަނޑައަޅަންޖެހޭ ސަބަބެއް އޮތްކަމަށް ނުދެކޭކަމަށްވެސް އެ ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވެއެވެ. 

އެެހެންކަމުން ތަސްލީމްގެ ފަރާތުން ދިވެހި ދައުލަތުގެ މައްޗަށް ދައުވާ ރައްދުވާގޮތަށް ހުށަހަޅާފައިވާ އެ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 37ވަނަ މާއްދާއާއި ހައިކޯޓު ޤަވާއިދުގެ 25ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ލިބިގެންވާ ދުސްތޫރީ މައްސަލަތައް ބެލުމުގެ އިހްތިސާސްގެ ތަރަހައިގެ ތެރޭގައި ހިމެނޭ މައްސަލައެއްކަމަށް
ނުފެންނާތީ، އެ ގަޒީއްޔާއަކީ މައުލޫއީގޮތުން ގޮތެއް ކަނޑައެޅިދާނެ މައްސަލައެއްނޫންކަމަށް މި މައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް