ads
އަމިއްލަ އަތުން ކަނޑުތަކުގެ ދިރުން ހަލާކޮށްލަނީ؟
ރާއްޖެއަކީ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދަށް ވެފައި ފަތުރުވެރިކަމާއި މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ތަނބެވެ. މިދެ ސިނާއަތަކީ ވެސް ކަނޑުގެ ދިރުމާއި ކަނޑު އަޑީގެ ރީތިކަމަށް ވަރަށް މުހިންމު ސިނާއަތެކެވެ. ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ގައުމެކެވެ. ރީތި ތޮންވެލި ތުނޑިއާއި ސާފު ފެން އަދި ކުލަކުލައިގެ މުރަކަތައް ބަލާލުމަށް ރާއްޖެއަށް އަންނަ ފަތުރުވެރިން ގިނައެވެ.
ރާއްޖެއަކީ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދަށް ވެފައި ފަތުރުވެރިކަމާއި މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ދެ ތަނބެވެ. މިދެ ސިނާއަތަކީ ވެސް ކަނޑުގެ ދިރުމާއި ކަނޑު އަޑީގެ ރީތިކަމަށް ވަރަށް މުހިންމު ސިނާއަތެކެވެ. ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ގައުމެކެވެ. ރީތި ދޮންވެލި ތުނޑިއާއި ސާފު ފެން އަދި ކުލަކުލައިގެ މުރަކަތައް ބަލާލުމަށް ރާއްޖެއަށް އަންނަ ފަތުރުވެރިން ގިނައެވެ.

ބައިނަލްއަގްވާމީ ގޮތުން ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލަށް ބަލާއިރު ދިވެހިރާއްޖެއަކީ ހަތް ވަނައަށް އެންމެ ބޮޑު މުރަކައިގެ ނިޒާމު އޮންނަ ގައުމެވެ. އެގޮތުން ދުނިޔޭގެ މުރަކައިގެ ނިޒާމްގެ ތެރެއިން 3.14 އިންސައްތަ އޮތީ ރާއްޖޭގައެވެ.

ނަމަވެސް މިހާރު ގިނަ ބަޔަކު ދައްކާ ވާހަކަ އަކީ މީގެ ކުރިން ރާއްޖޭއިން ފެނިގެންދިޔަ ގުދުރަތީ ރީތިކަން ގެއްލެމުން ދާ ވާހަކައެވެ. އަދި މިކަމުގެ ފަހަތުގައި ވަނީ ވެސް ދިވެހިން ކަމަށެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ މޫދަށް އުކާލެވޭ ޕްލާސްޓިކެވެ.

އަހަރުންމެންގެ ބޭނުންތަކަށް އުފައްދާ ޕްލާސްޓިކް މޫދަށް އުކާލުމުގެ ސަބަބުން ކަނޑުގެ އެތަކެއް ދިރުންތަކަށް ގެއްލުންތައް އަންނަނީ ލިބެމުންނެވެ. އެގޮތުން އުކާލެވޭ އެޕްލާސްޓިކު ޝިކާރައަކަށްވެ އެދިރުންތައްވެ އަންނަނީ މަރުވަމުންނެވެ.

އިނގިރޭސި ސަރުކާރަށް ހުށަހެޅި 'ފޯސައިޓް ފިއުޗާ އޮފް ދަ ސީޒް' ރިޕޯޓުން ބުނާގޮތުގައި އީ.ކޮލީ ފަދަ ބެކްޓީރިޔާތައް ފެތުރުމުގައި ޕްލާސްޓިކު ކުނީގެ ދައުރު ވަރަށް ބޮޑެވެ. އޭގެ އިތުރުން ކުރިއަށް އޮތް 10 އަހަރު ތެރޭ ކަނޑަށް ޕްލާސްޓިކު އެޅުން ކޮންޓްރޯލު ނުކުރެވިއްޖެނަމަ ކަނޑަށް އެޅޭ ޕްލާސްޓިކުގެ މިންވަރު ތިން ގުނަ އަށް އިތުރުވެގެންދާނެއެވެ.

މިއީ ދިވެހިން ވަރަށް ބޮޑަށް ކަންބޮޑު ވާން ވެއްޖެކަމަށެވެ. މިހާރު ވެސް ރާއްޖޭގެ ގިނަ ރަށްރަށަށް، ހާއްސަކޮށް ފަޅުރަށްތަކުގެ ތުނޑިއަށް ބަލާއިރު ވެސް ފެނިގެންދާނީ ޕްލާސްޓިކު ފުޅިއާއި މަރުވަފައި އޮންނަ މަސް ފަދަ ތަކެއްޗެވެ. ނޭނގި ގިނަ ފަހަރު އުކާލެވޭ ޕްލާސްޓިކު އެއްޗެހި ކަނޑުގެ ދިރުންތަކު ކާން އުޅުމުގެ ސަބަބުން ވަނީ މަރެވެ. އަދި ޕްލާސްޓިކް ކޮތަޅު ފަދަ އެއްޗެހި މުރަކައިގެ އެޅުމުގެ ސަބަބުން ހަލާކު ނުވެ ގިނަ ދުވަސްވެ އެ މުރަކަތައް ވެސް މަރުވާ މަންޒަރު ފެނެއެވެ.

މާލެ ދަތުރު ފަތުރު ކުރާ ބޯޓު ފަހަރުން ދަތުރު ކުރާ މީހުން ހޮޑުލާނަމަ ބޭނުން ކުރަނީ ވެސް ޕްލާސްޓިކު ކޮތަޅެވެ. އަދި ކޮންމެ ދަތުރެއްގައި އެތައް ޕްލާސްޓިކު ހޮޑު ކޮތަޅު އެއްލާލަނީ މޫދަށެވެ. މިއީ ވެސް މުރަކަތައް ހަލާކުވެ މަސްމަހާމެހި މަރުވާ އެއް ސަބަބެވެ.

އުތުރު ޕެސިފިކް ކަނޑުގައި އުޅޭ މަސްމަހާމެހި ގާތްގަނޑަކަށް 12،000 އާއި 24،000 ޓަނުގެ ޕްލާސްޓިކް ކޮންމެ އަހަރަކު ކާ ކަމަށް ބެލެވެ އެވެ.

އެކަމާ ގުޅޭގޮތުން ރާއްޖޭގެ ސަފާރީއެއްގެ އިސް ޑައިވަރެއް ބުނީ ކުރިއާ މިހާރާ ބަލާއިރު ކަނޑު އަޑީގެ ދިރުންތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ކުރީގެ އެހުންނަ ރީތިކަން މުރަކަ ތަކުގައި މިހާރު ނުފެންނަ ކަމަށެވެ.
=====
"މިހާރު ހަމަ ބައެއް ސަރަހައްދުތަކުގައި މުރަކަތައް ހުންނަނީ ހަމަ އެއްކޮށް ހަލާކުވެފަ، ޕްލާސްޓިކު ކޮތަޅު އެއްޗެހިވެސް ހުރޭ މުރަކައިގަ އެޅިފަ، ބައެއް މުރަކަތައް ހުންނަނީ ބްލީޗްވެފައި، ދެން ފަރުތައް ހުންނަނީ ވަރަށް ބޮޑަށް ހަލާކުވެފައި، މިއީ ވަރަށް ހިތާމަ ހުރި ކަމެއް، އެތަންތަނަށް ފަތުރުވެރިން ނުގެންދަން" ސަފާރީގެ އިސް ޑައިވަރު ބުންޏެވެ.

"އަސްލު ވަރަށް ދެރަވޭ، އަހަރުމެންގެ ގުދުރަތީ ވެށި އެހާބޮޑަށް ހަލާކުވެގެންދާތަން ކޮންމެ ދުވަހަކު ބަލަންޖެހޭތީ، މިހެން ފައިބާ އުޅޭއިރު ވެސް ފެންނާނެ މޫދު އަޑިން ޕްލާސްޓިކް ޒާތުގެ އެއްޗެއްސާއި މަސް މަހުގައި ވާތައް އޮޅިފައި އޮންނަ ތަންވެސް. އަހަރުމެން އަސްލު ނޭންގިގެން ކޮށްލާ ކަމަކުން ވެށި ވަރަށް ބޮޑަށް ހަލާކުވާތަން ދެކެން ވަރަށް ހިތްދަތިވޭ. މިކަމާ ދޭތެރޭ އެންމެން ވެސް ވަރަށް ވިސްނަން ޖެހޭނެ. އެހެންނޫނީ މާ ގިނަ ދުވަހެއް ނުނަގާނެ މޫދުން މުރަކަ އަދި މަހުގެ ބަދަލުގައި ޕްލާސްޓިކު ފެންނާކަށް،" ނަން މަޝްހޫރު ޑައިވަރެއް ބުންޏެވެ.

އާންމުންގެ ބައެއް ޝަކުވާ!
"މިހާރު ކައިރި ފަޅުރަށަކަށް ދަތުރުދާއިރު ވެސް ރަށް ވަށައިގެން ގިނައިން ފެންނާނީ ޕްލާސްޓިކު ފުޅިތަކާއި އެކި ކަހަލަ ފުޅި. ދެން އެރަށްރަށަށް ގޮސް ވެސް ޕްލާސްޓިކު އެއްޗެހި ބޭނުންކޮށްފަ އުކާލާނީ ހަމަ އެރަށެއްގެ މޫދަށް، އަހަރެން ވަރަށް ގިނަ ފަހަރު ހުންނާނެ އެހެން ފެނިއްޖިއްޔާ ސާފުކޮށްފައި" ތިމާވެށީގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޭލުންތެރިކުރުމުގެ މަސައްކަތުގައި އުޅޭ ފާތުމަތު ފައުޒާ ކިޔާ ޒުވާނަކު ބުންޏެވެ.

ރާއްޖޭގެ ބައެއް ރަށްތަކުގައި ކުނި މެނޭޖު ކުރާނެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން މޫދަށް ޕްލާސްޓިކު ފަދަ ކުނި އުކާލާ ފަހަރު ގިނައެވެ. އޭގެ ސަބަބުން މޫދުގެ ރީތިކަން ގެއްލި ލޮނުގަނޑު ތަގައްޔަރުވާ މަންޒަރު ފެނިގެންދެއެވެ. އަދި އެއުކާލާ ކުނި ރާއްޖޭގެ ރީތި ރިސޯޓުތަކަށް ލައްގާ މަންޒަރު ފެނެއެވެ.

"އަހަރުމެން ރަށުގައި ނޯންނާނެ ކުނި މެނޭޖު ކުރާނެ ގޮތެއް ހަދާފައެއް. އެހެންވެ ރަށު އެންމެން ކުނި އަޅާނީ ބަނދަރު ކައިރިއަށް. ގިނަ ފަހަރު އެކުނިތައް ހަމަ ވަންނަނީ ފަޅުތެރެއަށް. އަދި ބައެއް ފަހަރު ރިސޯޓުތަކުން ވެސް ޝަކުވާ ކުރާނެ އަހަރުމެން ރަށުން އުކާލާ ކުނި އެރިސޯޓަށް ލައްގައޭ ކިޔާފަ،އި. ކުނި މެނޭޖުކުރާނެ ރަނގަޅު ނިޒާމެއް ގާއިމް ކުރީމަ މިކަމަށް ހައްލެއް އަންނާނެ،" ފައުޒާ ބުންޏެވެ.

އޭނާ ބުނީ ދިވެހިން މޫދަށް ކުނި އަޅަނީ ކަންނެތް ކަމުން ކަމަށާއި ދަތުރު ގޮސް ވެސް ހަމަ ކުނިތައް މޫދަށް އުކާލާނީ، އެކަމުގެ ސަބަބުން ލިބޭ ގެއްލުން ވަޒަން ނުކުރެވޭތީ ކަމަށެވެ. މީހުން ހޭލުންތެރި ކުރުވުމާއެކު މޫދަށް އުނި އަޅާ މީހުންނާ މެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ނޫން ނަމަ މިކަމަށް ހައްލެއް ނުލިބޭނެެކަމަށް ފައުޒާ ބުންޏެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ވެސް ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ ފަތުރުވެރި ކަމަށް އެންމެ ނުރައްކާ ބޮޑު އެއްކަމަކީ ޕްލާސްޓިކު ފުޅި އާއި ޕްލާސްޓިކު ކޮތަޅު އަދި އެހެނިހެން ޕްލާސްޓިކު އިތުރުވެ ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި މޫދު ތަގައްޔަރުވުމެވެ.

މިކަމަށް އޮތް ހައްލަކީ ކޮބާ؟
ރާއްޖޭގެ ކަނޑުގެ ދިރުންތައް ޕްލާސްޓިކުން ހިމާޔަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އަމިއްލަ ފަރުދީ ޒިންމާ މިކަމުގައި ނެގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މޫދަށް ޕްލާސްޓިކު ފަދަ ތަކެތި ނޭޅުމާއި އެފަދަ ތަކެތި މީހަކު މޫދަށް އުކާލާނަމަ އެމީހަކަށް ވިސްނައިދީ ނުވަތަ އެކަމުން ވެސް ހައްލެއް ނާންނަ ނަމަ ކަމާ ބެހޭ ފަރާތަކަށް ރިޕޯޓު ކުރުމެވެ.

އޭގެ އިތުރުން މީހުން ހޭލުންތެރިކުރުމުގެ ގޮތުން ސަރުކާރުން ވެސް ގިނަ ކަންތައްތަކެއް ކުރަން އެބަޖެހެއެވެ. އަދި ހަމަ އެހެންމެ ކޮންމެ ރަށެއްގައި ވެސް ކުނި ރަނގަޅު ގޮތުގައި ނައްތާލެވޭނެ ނިޒާމެއް ގާއިމް ކުރުން ވަރަށް މުހިންމެވެ. އަދި އެގޮތަށް އަމަލު ނުކުރާ ފަރާތްތަކަށް އަދަބު ދީގެން ނަމަވެސް އެކަމަށް ހައްލެއް ގެނައުން މުހިންމެވެ. ނޫންނަމަ ކުރިއަށް އޮތްތަނުގައި އަހަރުންގެ މި ގުދުރަތީ ރީތިކަން އެއްކޮށް ހަލާކުވެގެންދާން ގިނަ ދުވަހެއް ނުނަގާނެއެވެ.

ހަމައެހެންމެ މާލެ ދަތުރު ކުރާ ބޯޓު ފަހަރުން ވެސް ހޮޑުލާނަމަ ޕްލާސްޓިކު ކޮތަޅު ބޭނުން ކުރުމުގެ ބަދަލުގައި ކަރުދާހުން ހަދާފައިވާ ތިމާމެއްޓާ ރައްޓެހި ކަރުދާސް ކޮތަޅު ބޭނުން ކުރުން މުހިންމެވެ. އަދި ފަޅު ރަށްރަށުގެ ގޮނޑުދަށް ކުނި އެލުމުގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް އެކުނިތައް ނައްތާލުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދެހާސް ފަންސާސް ވަނަ އަހަރު އަންނައިރު ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައިވާ ފަރުތައް ވާނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައި ކަމަށް މާހިރުން ވަނީ ބުނެފައެވެ. އަދި އެކަމަށް އޮތް ހައްލަކީ އެންމެން ކަނޑުގެ ދިރުންތައް ހިމާޔަތް ކުރަން އަތުގުޅުވައިގެން މަސައްކަތް ކުރުމެވެ. އެހެން ނޫން ނަމަ ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވެ، ފޫނުބެއްދޭވަރުގެ ގެއްލުމާ ކުރިމަތިލާނެ އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް