ads
އިސްލާމީ މަރުކަޒު ވެކްސިން ކިއު-
"މިސްކިތުގައި ވެކްސިންޖަހަން ސަފުހެދޭ، ނަމާދުކުރަންވީމަ ގައިދުރުކުރަންޖެހޭ ހަމަޖެހޭ؟"
ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިންޖެހުމަށް މިސްކިތުގައި ގައިދުރުކަމެއްނެތި ސަފުހެދޭއިރު، ނަމާދަށް އަރަންވީމަ ގައިދުރުކުރަންޖެހުން އެއީ ހަމަޖެހޭ އުސޫލެއްތޯ މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ސުވާލު އުފައްދައިފި އެވެ.

މާލޭ ސަރަހައްދުގައި ވެކްސިންޖެހުމަށް ހާއްސަކޮށްފައިވާ މަރުކަޒުތަކުގެ ތެރޭގައި އިސްލާމިކް ސެންޓަރު ހިމެނެއެވެ. އަދި ކޮންމެ ދުވަހަކުވެސް އެ ސަރަހައްދަށް އެތަށް ބަޔަކު ވެކްސިން ޖެހުމަށް ޖަމާވެއެވެ. މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން ކުރިއަށް ގެންދަން ނިންމާފައިވަނީ މިމަހުގެ 15 ގެ ނިޔަލަށް ކަމަށް އެޗްޕީއޭއިން އިއުލާން ކުރުމާއި ގުޅިގެން މިއަދުވެސް ވަނީ ވެކްސިން ޖެހުމަށް އެ ގިނަ ބަޔަކު ވެކްސިން މަރުކަޒްތަަކަށް ޖަމާވެފައެވެ. އެގޮތުން އިސްލާމީ މަރުކަޒަށްވެސް މިއަދުވަނީ ގިނަ ބަޔަކު ވެކްސިން ޖެހުމަށްޓަަކައި ޖަމާވެ ސަފްހަދާފައެވެ.

މި މަންޒަރު ފެންނަ ފޮޓޯއަކާއިއެކު ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވަނީ ވެކްސިންޖެހުމަށް މިސްކިތުގައި ގައިދުރުކަމެއްނެތި ސަފުހެދޭއިރު، ނަމާދަށް އަރަންވީމަ ގައިދުރުކުރަންޖެހޭތީ ކަންބޮޑުވުން ފާޅުކޮށް އެކަމާއިމެދު ސުވާލު އުފައްދާފައެވެ. އެގޮތުން އިޔާޒް ވިދާޅުވީ، ވެކްސިންޖެހުމަށް އެއްވެފައިވާ މީހުން އެގޮތަށް ތިބެފައި ނަމާދަށް އަރައިފިނަމަ ތިން ފޫޓަށް ދުރަށް ޖެހެންޖެހޭ ކަމަށެވެ. އަދި އެއީ ހަމަޖެހޭ އުސޫލެއްތޯ ޑރ. އިޔާޒް ސުވާލު އުފައްދާފައިވެއެވެ. 

އެޗްޕީއޭއަށް ޓެގްކޮށް ޑރ. އިޔާޒް މި ސުވާލު އުފެއްދެވިއިރު، އެ ސަރަހައްދަށް އެއްވެފައިވާ މީހުން ވެކްސިންޖެހުމަށް އޮތް ދިގު ސަފުގައި އެއްވެސް ވަރަކަށް ގައިދުރުކަމެއް ނެތެވެ. އެހެންނަމަވެސް ކޮވިޑް-19އިން ރައްކާތެރިވުމަށް  އެޗްޕީއޭއިން އެންމެ ފަހުން އެޅި ފިޔަވަޅުގެ ދަށުން މިސްކިތްތަކުގެ ނަމާދު ޖަމާއަތުގައި ތިން ފޫޓުގެ ދުރުމިން ހުންނަންޖެހެއެވެ. އަދި ބަންގިއަށް ފަހު 5 މިނިޓު ތެރޭގައި ގަމަތްދީ ނަމާދު ފެށަންޖެހޭއިރު އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރަން ވަނީ އަންގާފައެވެ. އޭގެ އިތުރުން ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމާއި ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑުވެސް ނުކުރެވޭއިރު މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުމަށް އޮތީ އަންގާފައެވެ. 

ބަންގިއަށް ފަހު 5 މިނިޓު ތެރޭގައި ގަމަތްދީ ނަމާދު ފެށަންޖެހޭއިރު އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރަން އަންގާފައިވަނީ، މިސްކިތްތެރޭ ގިނަ ވަގުތު ގިނަ ބަޔަކު ހޭދަކުރަންޖެހޭނަމަ ކޮވިޑް ފެތުރުމުގެ ފުރުސަތު އޮންނާނެކަމަށް ބުނެ ކަމަށްވީއިރު ވެކްސިން ޖެހުމަށް އިސްލާމީ މަރުކަޒުތެރޭ 10 މިނެޓަށްވުރެ ގިނައިރު ކިޔޫގައި ގައިދުރުކަމެއް ނެތި ތިބެންޖެހެއެވެ. އެހެންކަމުން އެކަމަކީ ހަމަޖެހޭ އުސޫލެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް