ads
ޝަކުވާ
ބޮޑުކޮޓަރި ތެރެއަށް ނަވްޔާ ދިޔައިރު ސޯފާގައި އިށީނދެގެން ބޮޑުބެ އިނެވެ. އަތުގައި އޮތް ފައިލަށް ބަލަހައްޓައިގެން އިން އިރު ނިތްކުރިމައްޗަށް ރޫ އަރައިފައި ހުއްޓެވެ. ނަވްޔާގެ ހިލަން ވެގެން އަޅައިގެން އިން އައިނުގެ މަތިން ބަލައިލުމަށް ފަހު ފައިލު ބޭއްވިއެވެ. އަދި ހިނިތުންވެލާފައި ކައިރިއަށް އަންނަން އިޝާރާތް ކުރިއެވެ. ބޮޑުބެގެ ކުރިމައްޗަށް ވާ ގޮތަށް ވަކިން ހުރި ސޯފާގައި ނަވްޔާ އިށީނެވެ. ކޮންމެ ވެސް ބޮޑު ވާހަކައެއް ބޮޑުބެ ދައްކަން އުޅޭހެން ހީވެގެން ހާސްވެ ދެ އަތް ދެ އަތާ މޮޑެން ފެށުނެވެ.
ޝަކުވާ (23 ވަނަ ބައި)

ބޮޑުކޮޓަރި ތެރެއަށް ނަވްޔާ ދިޔައިރު ސޯފާގައި އިށީނދެގެން ބޮޑުބެ އިނެވެ. އަތުގައި އޮތް ފައިލަށް ބަލަހައްޓައިގެން އިން އިރު ނިތްކުރިމައްޗަށް ރޫ އަރައިފައި ހުއްޓެވެ. ނަވްޔާގެ ހިލަން ވެގެން އަޅައިގެން އިން އައިނުގެ މަތިން ބަލައިލުމަށް ފަހު ފައިލު ބޭއްވިއެވެ. އަދި ހިނިތުންވެލާފައި ކައިރިއަށް އަންނަން އިޝާރާތް ކުރިއެވެ. ބޮޑުބެގެ ކުރިމައްޗަށް ވާ ގޮތަށް ވަކިން ހުރި ސޯފާގައި ނަވްޔާ އިށީނެވެ. ކޮންމެ ވެސް ބޮޑު ވާހަކައެއް ބޮޑުބެ ދައްކަން އުޅޭހެން ހީވެގެން ހާސްވެ ދެ އަތް ދެ އަތާ މޮޑެން ފެށުނެވެ.

ދުރުގައި ނީނދެ ކައިރިއަށް އައުމަށް ބޮޑުބެ ބުނުމުން ނަވްޔާ އިންތަނުން ތެދުވިއެވެ. ބޮޑުބެ އިން ސޯފާގައި އިށީނުމުން ނަވްޔާގެ ބޮލުގައި ބޮޑުބެ ފިރުމައިލިއެވެ. އިރުކޮޅަކު އަނގައިން ނުބުނެ އިނުމުށް ފަހު ވާހަކަދައްކަން ފެށިއެވެ. ބޮޑުބެއަށާއި ނަވްޔާގެ މަންމައަށް ވާރުތައިން ދެ ގޯތި ލިބިފައިވާ ކަމަށާއި އެއްގެއަކީ ނަވްޔާ ކުޑައިރު އުޅުނު ގެ ކަމަށްވާ "ރިވެލި" ކަމަށް ބޮޑުބެ ބުންޏެވެ. އަދި ބޮޑުބެ ބޭނުންވަނީ އެ ގޯތި ނަވްޔާގެ ނަމަށް ބަދަލުކުރަން ކަމަށާއި ބޮޑުބެގެ އެހެން ކުއްޖެކޭ އެއްވަރަށް ބޮޑުބެގެ މުދަލުން ވެސް ނަވްޔާއަށް ލިބޭނެ ގޮތް ހަމަޖައްސާނެ ވާހަކަ ބުންޏެވެ. މުދަލުން ބައެއް ނުލިބުނަސް އެންމެ ރަނގަޅުކަމުގައި ނަވްޔާ ބުނުމުން ބޮޑުބެ ބޯ ހޫރުވައިލިއެވެ. ނަވްޔާއަކީ ދަރިއެއްފަދަ ކުއްޖަކޭ ބުނީ ހިތުގެ އެންމެ އަޑިން ކަމަށާއި ބޮޑުބެއަށް މަޢާފު ކުރިނަމަ އެ ގޮތަށް ރުހެން ބޮޑުބެ އެދުނެވެ. ކާގެއިން ނުކުމެގެން ދިޔަ ޝަމްނާއަށް ބަލައިލަމުން ނަވަޔާ ބޯ ޖަހައިލިއެވެ.

"ނަވްޔާ ކުރަން ބޭނުންވާ ވަކި ކަމެއް އެބައޮތްތަ؟" ނަވްޔާ ދާން އުޅެން ފެށުމުން އަދި މަޑުކޮށްލަން ބުނެފައި ބޮޑުބެ އެހިއެވެ.

ބޭނުންވާ ކަންތައް ބުނަން ނަވްޔާ ފަސްޖެހުނެވެ. އެއް އިނގިލިން ނޭފަތުގައި ކޮއްޓައިލެވުނީ އެ ވާހަކަ ބުނާނީ ކިހިނެއްބާވައޭ ހިތަށްއަރާފައެވެ، އެ ވަގުތު ބޮޑުބެ ލުއި ހުނުމުގެ އަޑު ނަވްޔާގެ ކަންފަތުގައި ޖެހުނެވެ. ހައިރާންވެފައި ނަވްޔާ ބަލައިލިއިރު ބޮޑުބެ އިނީ ފެންކަޅިވެފައެވެ.

"ދަރިފުޅުގެ މަންމަ ވެސް ބޭނުންވާ ކަމެއްގެ ވާހަކަ ބުނުމުގެ ކުރިން ތި ގޮތަށް ނޭފަތުގައި ކޮއްޓައިލާނެ." ލޮލުން ފޭބި ކަރުނަ ފޮހެލަމުން ބޮޑުބެ ބުންޏެވެ.

މަންމަ ބުނެ އުޅުނީ ތެދެކޭ އެ ވަގުތު ނަވްޔާ ހިތަށްއެރިއެވެ. މަންމަދެކެ ބޮޑުބެ ވަރަށް ލޯބިވިއެވެ. މަންމަގެ ކޮންމެ ހަނދާނެއް ބޮޑުބެ ރައްކާކޮށްފައި ވަނީ ހިތުގެ އެންމެ ފުންމިނުގައެވެ.

"ދެން ބުނެބަލަ ބޭނުންވާ ކަމެއް." އޯގާތެރި ކަމާ އެކު ބޮޑުބެ ބުންޏެވެ.

"ކިޔަވަން މާލެ ދާން ބޭނުން." މަޑުމަޑުން ނަވްޔާ ބުނެލިއެވެ.

ކިޔަވާ މޮޅު ކުއްޖަކަށް ނަވްޔާ ހެދުމަކީ މަންމަ ދުށް ހުވަފެނެކެވެ. މަންމަ ނިޔާވި ނަމަވެސް މަންމަގެ އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ އެދުން ނަވްޔާގެ ހިތުގައި އަބަދުވެސް ވިއެވެ. ހާލަތުގެ ސަބަބުން އެ އެދުން ވަޅުޖެހުނު ނަމަވެސް މިއަދު އަނެއްކާ ވެސް ހާލަތު ބަދަލުވެ އެ އުންމީދު ހިތުގައި އާވެއްޖެއެވެ. އެހެންނޫނަސް ހައްޔާނާއި އަޒްކާ ފެންނަ ކޮންމެ ފަހަރަކު އެތައް ހާސް މަރަކުން މަރުވުމަށް ވުރެ މި ތަނާ ދުވަސްކޮޅަކަށް ދުރަށް ގޮސްލުން ރަނގަޚުވާނެ ކަމުގައި ނަވްޔާ ދުއްޓެވެ. މާލެ ގޮސް ކިޔެވުމައިގެން އުޅެން ފެށުމުން ހައްޔާންގެ މަތިން ހަނދާން ނައްތައިލުމަށް ވެސް ފަސޭހަވާނެއެވެ.

ނަވްޔާގެ އެދުމުގެ ވާހަކަ ބުނުމުން އިރުކޮޅަކަށް ނިޒާރު ހިމޭންވިއެވެ. ލޮލުގެ ފިނިކަން ކަމުގައި މިހާރު ނަވްޔާ ވެފައިވާއިރު ނުފެންނަ ހިސާބަށް ދުރަށް ފޮނުވަން ފަސްޖެހެވުނީއެވެ. ނަމަވެސް އެއީ ރަނގަޅު ޚިޔާލެއް ކަމުގައި ނިޒާރަށް ވެސް ޤަބޫލު ކުރެވުނެވެ. އަޒްކާގެ ކައިވެނީގެ ކަންތައް ނިންމާފައި މާލެ ފޮނުވުމުގެ ކަންތައް ހަމަޖައްސައިދޭނަމޭ ބުނުމުން ނަވްޔާގެ މޫނަމައްޗަށް ވެރިވި އުފާވެރިކަން ފެނިފައި ހިތްހަމަޖެހުނެވެ.

ނަވްޔާ ދިޔުމުން ފައިލު ހިފައިގެން ނިޒާރު ކޮޓަރިއަށް ދިޔައެވެ. މޭޒުމަތީގައި ފައިލު ބޭއްވުމަށްފަހު ފާޚާނާއަށް ވަނީ ފެންވަރާ ތާޒާވެލުމަށެވެ. ފާޚާނާއިން ނުކުތް ވަގުތު ވައިސޫރިއެއް ހެން ނަސީމާ އައިސް ވަނެވެ.

"ޝަމްނާ އެ ބުނީ ތެދެއް؟" ކުރިމައްޗަށް ހުއްޓިފައި ދެ އުކުޅުގައި އަތް ވިއްދާފައި ނަސީމާ އެހިއެވެ.

"ކޮން ކަމެއްގެ ވާހަކަ ތި ދައްކަނީ؟" ނިޒާރު އެހިއެވެ.

"ނަވްޔާގެ ނަމަށް "ރިވެލި" ބަދަލުކުރާ ވާހަކަ. މުދަލުން ވެސް ނަވްޔާއަށް ބައި އަޅާ ވާހަކަ."

"ހޫނ. އެއީ އަހަރެން ނިންމި ގޮތް. ނަސީމާގެ ގަތުގައި ވެސް އެ ވާހަކަ ބުނަން މި ހުންނަނީ." ހަމަޖެހިލާފައި ގަމީސް ލަމުން ނިޒާރު ބުންޏެވެ.

"އެކަމަކު އަހަރެން ޤަބޫލެއް ނޫން" ދެ އަތް ތިރިކޮށްލާފައި ނަސީމާ ބުންޏެވެ.

"މި ކަމުގައި ބަހުސުކޮށް، ނަސީމާ ގޮތްކިޔާކަށް ޖާގައެއް ނެތް. "ރިވެލި"ގެ ހައްޤުވެރިއަކީ ނަވްޔާ. ދެން އަހަރެންގެ މުދަލުން ދޭންވާ އެއްޗެއް ދޭނެ މީހެއް އެނގޭނީ އަހަރެންނަށް. ނަސީމާގެ ރުހުން މިކަމުގައި ބޭނުމެއް ނުވޭ. އަހަރެމެންގެ ކުދިންނެއް ވެސް ދެކޮޅެއް ނުހަދާނެ. އެހެންވީމަ ނަސީމާ ވެސް މައްސަލަ ޖައްސާނެ ކަމެއް ނެތް."

އެއްޗެކޭ ބުނަން އަނގަހުޅުވާލައިފައި ވެސް ނަސީމާ ހިމޭންވިއެވެ. ނިޒާރުގެ ބަދަލުވެފައިވާ މިޒާޖުގެ ކުރިމަތީގައި ނަސީމާއަށް ވާހަކަދައްކައިގެން ކުރި ނުހޯދޭނެތީއެވެ. ނަސީމާ ޖެހޭނީ ބުއްދީގެ ބޭނުންކޮށްގެން ކޮންމެވެސް އެހެން ގޮތެއް ހޯދާށެވެ. ސިކުނޑިއަށް ވެރިވެފައިވި ރުޅިވެރިކަން ހިންދަން މަސައްކަތް ކުރަމުން ނަސީމާ އެނދުގައި އިށީނެވެ. ނިޒާރު ބޭރަށް ނުކުތުމުން ހުމައިދާއަށް ގުޅިއެވެ.

*********

ހައްޔާނާއި އަޒްކާގެ ކައިވެނި ކުރެވުނީ ރަށު ތުނޑީގައި ހަވީރުގެ ހިތްގައިމު ވަގުތަކުއެވެ. ކައިވެނީގެ މޭޒު ޒީނަތްތެރިކުރުމާ ހަމައިން ރޭގަނޑު ސްކޫލްގައި އޮތް ޕާޓީއާ ހަމައަށް ވެސް ކަންތައްތައް އިންތިޒާމް ކޮށްފައިހުރީ ނަވްޔާ އޭރު ހައްޔާން ކައިރީގައި ވާހަކަދެއްކި ގޮތަށެވެ. ކައިވެންޏާ ދޭތެރޭގައި ނަވްޔާ ދެކުނު ހުވަފެނެއްތަކުގައި ހައްޔާން ކުލަޖައްސައި ދީފިއެވެ. ތަފާތަކީ އެ ހުވަފެންތައް ކުލަ ޖެއްސުމުގައި ހައްޔާންގެ ގާތުގައި ނަވްޔާގެ ބަދަލުގައި އަޒްކާ ހުރިކަމެވެ. ނަވްޔާގެ އުފާތައް ފޭރިގަތް ފަދައިން އެ ހުވަފެންތައް ވެސް ހައްޔާން ފޭރިގަތްފިއެވެ.

ހައްޔާންގެ މަޤުސަދަކީ ކޮބައިކަމެއް ނަވްޔާއަކަށް ނޭނގެއެވެ. ކައިވެނި ޒީނަތްތެރި ކުރަން ބޭނުން ކޮށްފައިވާ ކޮންމެ މަލަކުން، ކޮންމެ ބައްތިއަކުން ނަވްޔާއަށް ކުރެވެމުންދިޔައީ ހިތުގެ ލޯތްބާއި ދެކުނު ހުވަފެންތައް ބީވިކަމުގެ އިހުސާސެވެ. އެ އިހުސާސްތަކުން ނަވްޔާގެ ހިތް ގެނބެމުން ދިޔައެވެ. އަޒްކާގެ އުފަލަށް ޓަކައި ހިތުގައި އަޅަމުން ދިޔަ ވޭން ވަންހަނާކުރަން ކަނޑައެޅި އަޒުމުގައި ފައިތިލަ ސާބިތުކޮށްގެން ހުންނަން އުނދަގޫވިއެވެ.

ކައިވެނީގެ ހެދުމުގައި އަޒްކާ ފެންނަލެއް ނުހަނު ފުރިހަމައެވެ. މޫނުމަތީގައިވާ އުފާވެރި ހިނިތުންވުމުގެ އަސަރުން ދެ ލޮލުގެ ވިދުން ގަދަވެފައިވެއެވެ. އަޒްކާގެ އަތުގައި ހިފާލައިގެން ހުރި ހައްޔާންގެ މޫނުމަތިން ވެސް ފެންނަނީ ހިތްހަމަޖެހިފައި ހުރި ކަމުގެ އަސަރުތަކެވެ. އަޅިކުލައިގެ ކޯޓުފަޓުލޫނުގައި ހައްޔާންގެ ފިރިހެންވަންތަކަން އިތުރުވެފައިވާ ހެން ނަވްޔާއަށް ހީވިއެވެ. އެ ހިތްގައިމު ސޫރައަށް ބަލަހައްޓައިގެން ތާ އަބަދު ހުންނަ ހިތްވިއެވެ.

ނަމަވެސް ހައްޔާނަކީ މިހާރު އަޒްކާގެ ހައްޤެކެވެ. ހައްޔާންގެ ސޫރައިން ނަޒަރު ވަކިކޮށްލުމަށް ފަހު އަޒްކާގެ ގައިގައި ނަވްޔާ ބައްދައިލިއެވެ. ހެޔޮ ހިތުން އަޒްކާ އުފަލުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރިއެވެ. ލިބެމުން ދިޔަ ވޭނުން ނަވްޔާގެ ހިތް ފިއްސަމުން ދިޔައެވެ. އެ ތަނުން ދުރަށް ދާން ހިނގައިގަތީ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް އޮހިގެންފާނެ ކަމުގެ ބިރަށެވެ. ޖޫހާއި ފެން ބަހައްޓާފައި ހުރި މޭޒު ކައިރިއަށް ނަވްޔާ ގޮސް އެއް ނޭވާ އިން ފެންތައްޓެއް ބޮއިލިއެވެ.\

"އަރުގައި ހިތި ރަހަ ލަނީތަ؟ ހުޔޫންގެ އަޑު އިވުނެވެ.

ހުޔޫންގެ އަޑުގައިވި މަލާމާތުގެ އަސަރުން ނަވްޔާގެ ސިކުނޑިއަށް ބާރުބޮޑުވިއެވެ. ރައްދުގައި އެއްޗެއް ބުނަން އުޅެފައިމެ ނަވްޔާގެ ޚިޔާލު ބަދަލުވިއެވެ. ހުޔޫންއާ ވާހަކަދައްކައިގެން ހިތުގައިވާ ޒަޙަމުތައް އިތުރަށް ފުންވާކަށް ނަވްޔާ ނޭދެއެވެ.

ޕާޓީގެ ކަންތައްތަކުގައި އުޅެފައި ގެއަށް ގޮސް ތައްޔާރުވެގެން އިމާޒަށް ޕާޓީއަށް އާދެވުނީ ގޭ އެހެން މީހުންނަށް ވުރެ ލަހުންނެވެ. އަޒްކާމެންނާ އިރުކޮޅަކު ވާހަކަދައްކައިލަން ހުރުމަށް ފަހު ރައްޓެހިންގެ ގާތަށް އިމާޒު ދިޔައެވެ. އިމާޒުގެ ނަޒަރު ހޯދަމުން ދިޔަ ސޫރަ ފެނިފައި ހިތުގައިވި ބޭޤަރާރު ކަމަށް ލުޔެއް ލިބުނު ހެން ހީވިއެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ދޮށުގައި ނަވްޔާ އެކަނި އިށީނދެލައިގެން އިނެވެ. މަޑު ޕީޗްކުލައިގެ ހެދުމެއް ލައިގެން އިންއިރު ހުޅިއަކުން އިސްތަށިގަނޑު ހައްޔަރުކޮށްފައި ވެއެވެ. މޫނަށް ބޮކީގެ ރަތްއަލި އެޅިފައިވުމުން ހުވަފެނީ ގޮތެއް ހުއްޓެވެ. އެ ދިމާއަށް އިމާޒަށް ހިނގައިގަނެވުނީ ބޭ އިކްތިޔާރުގައެވެ. ހިތުގެ ހާލަތު މިރޭ ނަވްޔާއަށް ބަޔާންކޮށް ދޭން އިމާޒު ބޭނުމެވެ. ޖަވާބު އަންނާނެ ގޮތެއް ނޭނގޭތީވެ ހިތް ތެޅެމުން ދިޔައެވެ.

"މާޒް، ހިނގާބަލަ ދޮންބެއާއި އަޒްކޮއާ އެކު ފޮޓޯ ނަގަން." މީހުންތަކާ ތަންކޮޅެއް ދުރަށް ދެވުނުތަނާ ކުރިމައްޗަށް އަރަމުން ހުޔޫން ބުންޏެވެ.

"އަހަރެމެން ކަހަލަ މީހުން ފޮޓޯ ނެގީމަ ރީއްޗެއް ނުވާނެ، ހުޔޫން ދޭ ފޮޓޯ ނަގަން. ފޮޓޯތައް ރީތި ވާނީ އޭރުން."

ނަވްޔާއާ ހަމައަށް ދިޔުމުގެ ހުރަހަކަށް އަނެއްކާ ވެސް ހުޔޫންވުމުން ލިބުނު ހިތްހަމަޖެހުން ފޮރުވަން މަސައްކަތް ކުރަމުން އިމާޒު ބުންޏެވެ.

ތުއި ގޮތަކަށް ހުޔޫން ހީނގަތެވެ. ނުސީދާކޮށް ވެސް އިމާޒުގެ ދުލުން ތައުރީފުގެ ބަހެއް އިވުމުން އުފަލުން ހިތް ނަށައިލިއެވެ. ނަމަވެސް އެއީ ހިނދުކޮޅަކަށެކެވެ. އިމާޒު ގެ ނަޒަރު ހުއްޓިފައި ހުރި ދިމާ ފެނުމުން ހުޔޫންގެ ހިނިތުންވުން ފޭދުނެވެ.

"ދެން ހިނގާބަލަ." އިމާޒުގެ ސަމާލުކަން ހޯދަން މަސައްކަތް ހުޔޫން ބުންޏެވެ.

"ފޮޓޯ ނަގަން ބޭނުމިއްޔާ ހުޔޫން ދޭބަލަ." މި ފަހަރު އިމާޒުގެ އަޑުގައި ނުރުހުމުގެ އަސަރުވިއެވެ.

"މާޒްއާ އެކު ދާނީ." އިމާޒުގެ އަތުގައި ހިފަމުން ހުޔޫން ބުންޏެވެ.

ހުޔޫންގެ އަތް އިމާޒު ފޮޅުވައިލިއެވެ. އަދި ކުރަން ބޭނުން ނޫން ކަމެއް ގަދަކަމުން ކުރުވަން ނޫޅުމަށް ބުންޏެވެ.

"މާޒް ކީއްވެ ތި ގޮތަށް ކަންތައް ތި ކުރަނީ. މާޒްދެކެ އަހަރެން ލޯބިވާކަން ހަމަ ނޭނގެނީތަ؟" އަނެއްކާ ވެސް އިމާޒުގެ އަތުގައި ހިފަމުން ހުޔޫން ބުންޏެވެ.

(ނުނިމޭ)
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް