ads
--------
ހަތަރު ކުއްޖަކާ ބެހުނު މައްސަލައެއް އަލުން ބަލަން ހުކުމްކޮށްފި
ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ ތިން މީހުންގެ މައްސަލަ ދަށު ކޯޓުން ބޭރުކޮށްލާފައިވަނިކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ހުވަދޫ އަތޮޅުގެ ރަށެއްގައި ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރީ ހަތަރު މީހެއްގެ މައްޗަށެވެ. އެއީ ކުދިންގެ މަންމަ އާއި ދޮން ބައްޕަ އާއި ދުވަސްވީ މީހެއްގެ އިތުރުން ބިދޭސީއެކެވެ. 

އޭގެ ތެރެއިން ދުވަސްވީ މީހާއާއި ބިދޭސީ މީހާގެ މައްޗަށް ކޮށްފައި ވަނީ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. އަދި މަންމަގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ކުޑަކުއްޖަކު ލައްވާ ޖިންސީ އަމަލެއް ހިންގުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާ އާއި ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި، ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓުނުކުރުމުގެ ކުށުގެ ދައުވާ އެވެ. ދޮން ބައްޕަގެ މައްޗަށް ކޮށްފައި ވަނީ ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި، ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ކުށުގެ ދަޢުވާ އާއި ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓުނުކުރުމުގެ ކުށުގެ ދައުވާ އެވެ. 

އޭގެ ތެރެއިން ބަންގްލަދޭޝް މީހާގެ ޕާސްޕޯޓް 12 އޮގަސްޓް 2018 ދުވަހުން ފެށިގެން 92 ގެ މުއްދަތަށް ހިފަހައްޓާފައިވަނިކޮށް، 05 ސެޕްޓެމްބަރު 2018 ގައި ވަނީ ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފަ އެވެ. އޭގެފަހުން ރާއްޖެއަށް އެނބުރި އައިކަމަށް ރެކޯޑްތަކުން ނުދައްކާ ކަމަށް ކަމާއި ބެހޭ ފަރާތްތަކުން މައުލޫމާތުދީފައިވާ ކަމަށާއި އޭނާ ރާއްޖޭގައި ނެތުމުން، މި މައްސަލައިގެ އަޑުއެހުންތަކަށް ހާޒިރުވެފައި ނުވާކަން ފާހަގަކުރެ އެވެ. 

އެ ހަތަރު މީހުންގެ މައްސަލަ ކޯޓުން 2018 ވަނަ އަހަރު ތިނަދޫ ކޯޓުން ބޭރުކޮށްލިއިރު ދައުލަތން އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅާނެކަން ވެސް އަންގާފައެއް ނުވެ އެވެ. އަދި މައްސަލަ އަލުން ހުށަހަޅާފައި ވަނީ ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ދައުވާކުރުމުގެ މުއްދަތު ފަހަނައާ ދިޔަ ފަހުންނެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފްކުރުމުން ހައި ކޯޓުން އިއްޔެ އިއްވި ހުކުމްގައި ބުނެފައި ވަނީ ކޯޓުން މުއްދަތު ގުނާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެއްގޮތަށް ނޫން ކަމަށެވެ. އަދި ދުވަސްވީ މީހާގެ މައްސަލައެއް އެހެން ކޯޓެއްގައި އޮތުމުން މައްސަލަ އަނބުރާ ގެންދިޔައީ އިތުރަށް މުރާޖައާކުރަން ކަމަށާއި އެ ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމުގައި ލަސްތަކެއް ހުރިކަން ފާހަގަކުރެވޭތީ، މައްސަލައަކީ ކުޑަކުދިން ގެ މަސްލަޙަތާއި މުޖުތަމަޢުގެ މަސްލަޙަތު ބޮޑު މައްސަލައެއްކަމަށް ވުމުން، މައްސަލައިގެ އިހްތިޞާސް އޮތް އެހެން ކޯޓަކަށް މައްސަލަ ހުށަހަޅައި އަވަހަށް މައްސަލަ ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި މައްސަލަ އަނބުރާ ގެންގޮސް އަލުން އެ މައްސަލައިގައި ދަޢުވާ ކުރުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ބާރެއްކަން ފާހަގަކުރެ އެވެ. 

އެފަދަ ސަބަބުތަކާހުރެ ކޯޓުން ނިންމާފައި ވަނީ ދުވަސްވީ މީހާގެ މައްސަލަ ތިނަދޫ ކޯޓުން އަލުން ބެލުމަށެވެ. އަދި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކުދިންގެ މަންމަ އާއި ދޮން ބައްޕަގެ މައްސަލަ ވެސް އަލުން ބެލުމަށެވެ. އޭގެ އިތުރުން ބަންގްލަދޭޝް މީހާ ރާއްޖޭގައި ނެތުމާއެކު އޭނާ ދިރިއުޅޭތަނެއް ސާފުވުމުން އެބައި އިސްތިއުނާފުކުރުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ ކަމަށް ހުކުމްގައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް