ads
މީގެކުރިން ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން -- ފޮޓޯ / ސަން
ޑްރަގުގެ ބޮޑެއް ކަމަށް ބުނާ މީހަކު ދޫކޮށްލީ ކީއްވެ؟
ފަހުގެ ތާރީހުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އެތައް ބަޔަކު ހައްޔަރުކޮށް، އެމީހުންނަށް ދައުވާ ކޮށްފައިވާއިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ކަމަށް ތުހުމަތުކޮށް ބައެއް މީހުން ހައްޔަރު ކޮށްފައިވެއެވެ.

މަސްތުވާތަކެތީގެ ކޮންމެ މައްސަލައެއް ވެސް ބެލުމަށްފަހު، ފުލުހުން މައްސަލަ ޕީޖީއަށް ފޮނުވާ، ޕީޖީން މައްސަލަ ކޯޓަށް ވައްދާ ހިސާބުން ދިމާވަނީ އެއް މައްސަލައެކެވެ. އެއްކަލަ، މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ތުހުމަތު ކުރެވޭ މީހާ މުޖުތަމައުއަށް ދޫވެގެން ދަނީއެވެ. 

މިފަދަ ގިނަ ކަންކަމަކީ ތަހުގީގީ މަރުހަލާގައި ހެކި ނުލިބުމުގެ ސަބަބުން ނުވަތަ މައްސަލަ ހުށަހެޅުން ލަސްވުން ފަދަ އެކި ކަންކަމާ ގުޅިގެން ހިނގާ ކަންކަމެވެ. މީގެ އިތުރުން ޑްރަގް މައްސަލަތަކުގައި ޑްރަގް އެތެރެކޮށް ވިއްކުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ މީހުން ދޫވެގެން ދަނީ "ރިޝްވަތާއި ކޮރަޕްޝަނުގެ" އަމަލުތަކުން ކަމަށް ތުހުމަތު ކުރާ މީހުން ވެސް މަދެއް ނޫނެވެ.

އީރާނުގެ ބޯޓަކުން އަތުލައިގަތް 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ މޭއިސްތިރިއެއް ކަމަށް ތުހުމަތު ކުރެވޭ މީހަކުވެސް ވަނީ މިދިޔަ ހަފްތާގައި ބަންދުން ދޫކޮށްލާފަ އެވެ. އެ މައްސަލައާ ގުޅިގެން ދޫކޮށްލާފައިވަނީ، ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު އެވެ.

އެގޮތުން އަންވަރަށް ދައުލަތުން ކޮށްފައިވަނީ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުމުގައި އެހީތެރިވުމުގެ ދައުވާއެވެ. އަދި އޭނާ ބަންދުން ދޫކޮށްލީ ޝަރުތުތަކަކާއެކު ކަމަށް ޕީޖީން ބުނެއެވެ. 

އޭނާ ބަންދުން ދޫކޮށްލި ނަމަވެސް، އޭނާގެ ބަންދުގެ މައްސަލަ އިސްތިއުނާފު ނުކުރުމަށް އެއޮފީހުން ނިންމާފައިވާ ކަމަށް ޕީޖީން މައުލޫމާތު ދިނެވެ. އަދި އެ ނިންމުމަކި އަންވަރަށް ކޮށްފައިވާ ދައުވާއާއި، އޭނާ ބަންދުގައި ހޭދަކުރި މުއްދަތާއި، އަންވަރާއި ދެކޮޅަށް ލިބިފައިވާ ހެއްކާއި ގަރީނާގެ އިތުރުން މައްސަލައިގެ ވަށައިގެންވާ ހުރިހާކަމަކަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށް ޕީޖީން ބުނެއެވެ. އަދި މި ހުރިހާ ކަމަކަށް ބަލާއިރު އޭނާގެ ބަންދުގެ މައްސަލަ އިސްތިއުނާފު ކުރުމުގެ މަސްލަހަތު ނެތް ކަމަށް ފެނިފައިވާ ކަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން ނުވަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ގދ. ހޯޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދަކީވެސް ޑްރަގް ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވިފައިވާ މީހެކެވެ. ނަމަވެސް މިދިޔަ މަހު ކްރިިމިނަލް ކޯޓުން އޭނާ ބަންދުން ދޫކުރުމަށް އަމުރު ނެރުނީ އޭނާ ބަންދުގައި ބެހެއްޓުމަށް އެދެވޭ ހެކި ނެތް ކަމަށް ބުނެއެވެ. 

މި މައްސަލަ ޕީޖީ އޮފީހުން ވަނީ އިސްތިއުނާފު ކޮށްފައެވެ. އަދި މި މައްސަލައިގައި ހައިކޯޓުން ވަނީ މިދިޔަ ހަފްތާގައި ހުކުމްވެސް ކޮށްފައެވެ. އެގޮތުން ޝަރީއަތް ނިމެންދެން އަރުޝަދު ބަންދު ކުރުމަށް ހައިކޯޓުން ހުކުމް ކޮށްފައިވެއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އަރުޝަދު ދޫކޮށްލުންވީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރި ކަމަކަށެވެ. އަރުޝަދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާ، ނެރުނު ކޯޓު އަމުރުގައިވަނީ މި މައްސަލައިގައި ހެކިބަސްދީފައިވާ ފުލުހުންގެ އޮފިސަރުން އަރުޝަރު ދިރިއުޅޭތަނުން ނުވަތަ އޭނާގެ "ހިޔާޒަތުން" އެއްވެސް މަސްތުވާއެއްޗެއް ނުވަތަ ސީދާ ގުޅުން ހުރި އެއްޗެއް ފެނިފައި ނުވާކަން ފާހަގަ ކޮށްފައެވެ. 

މީގެ އިތުރުން އަރުޝަދާ ދެކޮޅަށް ހުށަހަޅާފައިވާ ވަރަށް މުހިއްމު ހެއްކެއް ކަމަށް ދައުލަތުން ބުނަމުން ދިޔަ ފަރާތެއް، ޝަރީޢަތުގެ މަޖިލީހަށް ހެކިބަސް ދޭން ބޭނުން ނުވާކަމަށް ބުނެ، އޭނާ ފުލުހުންނަށް ބަޔާންދީފައިވަނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ހުރެކަމަށް ބުނެ، ފުލުހުންނަށް ދިން ބަޔާނަށް އިންކާރުކޮށްފައިވާކަން ފާހަގަ ކޮށްފައިވެއެވެ. އަދި އޭރު އަރުޝަދު ދޫކޮށްލާފައިވަނީ މައްސަލައިގައި ގިނަ ހެކިންގެ ހެކިބަސް ނަގައި ނިމުމުން މައްސަލައިގެ ހާލަތަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ބުނެއެވެ.

ގދ. ހުޅުވާރުލުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައަކީ ވެސް ގިނަބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރި ކަމެކެވެ. މި މައްސަލަ އެންމެ ފުރަތަމަ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅިއިރު އެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނީ މައްސަލަ ހުށަހަޅަން ޖެހޭނީ އެ ކުށެއްގެ އަމަލު ހިނގި ސަރަހައްދުގެ ކޯޓަށް ކަމަށް ބުނެ އެވެ. އެ ނިންމުމާއެކު ޕީޖީ އޮފީހުން ދެން މައްސަލަ ހުށަހަޅާފައި ވަނީ ގައްދޫ ކޯޓަށެވެ. ގައްދޫ ކޯޓަށް މި މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަވި ފަހުން އެ ކޯޓަށް މައްސަލަ ހުށަހަޅާފައިވާތީ ކަމަށް ބުނެ، އެ ކޯޓުން މައްސަލަ ބޭރުކޮށްލާފައެވެ. ދައުލަތުން މި މައްސަލައިގައި ފަސް މީހަކަށް ދައުވާ ކޮށްފައިވެއެވެ.

މި މައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީން ވަނީ ނިންމާފައެވެ. ޕީޖީން ވަނީ މި މައްސަލަ ދަށު ކޯޓުން ބާތިލު ކުރީ އިޖުރާއީ މައްސަލަތަކަކާ ހުރެ ކަމަށް ބުނެފައެވެ. އަދި މި މައްސަލައިގައި އިޖުރާއީ މައްސަލަތަކެއް ހުރިކަން ޕީޖީންވެސް ގަބޫލު ކުރާ ކަމަށާއި، މައްސަލަ އިސްތިއުނާފު ނުކުރަން ނިންމި ނަމަވެސް، މައްސަލައާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ޕީޖީން އޭރު ބުނެފައި ވެއެވެ. 

މިއީ އަދި މިއަހަރު ތެރޭ ފެނިގެން ދިޔަ ފާހަގަކޮށްލެވޭ މައްސަލަތަކެވެެ. މިއީ އެކަމަކާ އަބަދުމެ ޝަކުވާ ކުރެވެމުން އަންނަ ކަންކަމެވެ. ސުވާލަކީ ޑްރަގުގެ ބޮޑެއް ކަމަށް ބުނާ މީހުން ދޫވަނީ ކީއްވެގެންތޯ އެވެ؟

މަސްތުވާތަކެތީގެ މައްސަލައަކީ މި ކުޑަކުޑަ މުޖުތަމައުގައި ބޮޑުވެފައިވާ މައްސަލައެކެވެ. އެކަމަށް ހައްލެއް ބޭނުންވެފައިވާ ކަމެކެވެ. މުޖުތަމައުތެރޭ އޮތް މިފަދަ ބޮޑު މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރު ކުރެވި، އެމީހެއްގެ މައްޗަށް ޑްރަގުގެ ބޮޑެއް ކަމަށް ބުނެ ތުހުމަތު ކުރާނީ ގައިމުވެސް ހެކިތަކެއް ހުރެގެންކަން އެއީ ކަށަވަރު ކަމެކެވެ. ނަމަވެސް އެއްވެސް މައްސަލައެއް ކޮޅެއްގައި ނުޖެހި ދާކަމީ އާންމުންގެ ކަންބޮޑުވުން ހުރިކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް