ads
ލަންކާ---
ލަންކާގައި މޫނު އެޅުން މަނާކޮށް އިސްލާމިކް ސްކޫލުތައް ބަންދުކުރަނީ
މޫނު ބުރުގައި އެޅުން މަނާކޮށް، ސްރީލަންކާގެ ހާހެއްހާ އިސްލާމިކް ސްކޫލުތައް ބަންދުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހުކުރު ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު، ސަރަތު ވީރަސެކެރާ ބުނީ، މޫނު ބުރުގާ އެޅުން މަނާކުރުމަށް ކެބިނެޓްގެ ހުއްދަ ހޯދުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގައި ވެސް މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.

އޭނާ ބުނީ، ކުރިން މުސްލިމު އަންހެނުންނާއި އަންހެން ކުދިން ވެސް ބުރުގާ އަޅާ ނޫޅޭ ކަމަށެވެ. އެހެންކަމުން، ވަރަށް ފަހުން، އެގޮތަށް މީހުން ބުރުގާ އެޅުމަކީ ހައްދު ފަހަނަ އަޅައިދިއުމުގެ ނިޝާނެއް ކަމަށެވެ. އަދި އެކަން މަނާކުރާނެ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރުން ސްކޫލެއް ހުޅުވަން ބޭނުންވާ އެންމެނަށް ސްކޫލު ހުޅުވަން ފުރުސަތުދީ ބޭނުންހާ އެއްޗެއް އެތަންތަނުގައި ކިޔަވައިދެވިގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ހަމަލާތަކާއެކު ވެސް ވަނީ އެގައުމުގައި މޫނު އެޅުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ. ބުދިސްތުންގެ މެޖޯރިޓީއެއް އޮންނަ ލަންކާގައި ނަސޯރާއިން އީސްޓާ ފާހަގަ ކުރަނިކޮށް ދިން ހަމަލާގައި 235 މީހުން މަރުވެފައިވާއިރު، އެގައުމުގެ ސަލަމަތީ ކަންކަން އޭގެ ފަހުން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. 

އޭގެ ފަހުން ކޮވިޑްގެ ތެރޭގައި ވެސް ލަންކާގައި މުސްލިމުންނާއި މެދު ކަންތައް ކުރި ގޮތުން ދުނިޔޭގެ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެކިއެކި ޖަމިއްޔާތަކުން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން މުސްލިމުންގެ އާއިލާތަކުގެ ހުއްދައަކަށް ނޭދި ބަލީގައި މަރުވާ މީހުން އަންދާލާފައިވާއިރު އެ ބަލީގައި މަރުވާ މީހުން ވަޅުލުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދިނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެވެ. 

ލަންކާ ސަރުކާރުން ކޮވިޑްގައި މަރުވާ މީހުން އަންދަން ނިންމީ ވަޅުލައިފިނަމަ، ބިމުގެ ފެންފަށަލަ ހަލާކުވެ، ވައިރަސް ފެތުރިދާނެކަމަށް އެގައުމުގެ ބުޑިސްޓުން ތުހުމަތުކުރުމުންނެވެ. 

ސަރުކާރުގެ އެ ނިންމުމާއި ދެކޮޅަށް އެތައް މުސްލިމުންނެއް ތެދުވެ ފާޑުކިޔާފައި ވަނީ ސަރުކާރުން ނިންމި ނިންމުމަކީ އެއްވެސް ސައިންޓިފިކް ހެއްކެއް ލިބިފައިނުވާ ކަމެއްގެ މައްޗަށް ބިނާކޮށް ނިންމުމެއް ކަމަށް ބުނެ އެވެ. އަދި ފާޑުކިޔުމާއި ހުރެ އެންމެ ފަހުން ހުއްދަ ދޭން ޖެހުނީ އެވެ. 

ލަންކާގެ އާބާދީގައި 21 މިލިއަން މީހުން ދިރިއުޅެމުން އަންނައިރު އޭގެ ތެރެއިން ދިހަ އިންސައްތަ މީހުންނަކީ މުސްލިމުންނެވެ. 

25%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް