ads
ސީޕީ ހަމީދު
އާ ގާނޫނުގެ ދަށުން ކުރާ ހޭދައާ ބައްދަލު ހިދުމަތެއްދެވޭނެ: ސީޕީ
މިމަހުގެ 27 ވަނަ ދުވަހު އަމަލުކުރަން ފަށާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުން ދައުލަތުން ފުލުހުންގެ ހިދުމަތަށް ކުރާ ހޭދައާ ބައްދަލު ހިދުމަތެއް ފޯރުވައިދީ، އެކަންކަމަށް މުއައްސަސާ ޖަވާބުދާރީކުރުވުމުގެ އިންތިޒާމްތައް ހަރުދަނާކުރުވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު މިހެން ވިދާޅުވީ ދ. ވާނީގައި ގާއިމްކޮށްފައިވާ ޕޮލިސް ޓްރެއިނިން ސްކޫލުގައި ރޭ ބޭއްވި 32 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގް ކޯހުގެ ދަސްވެނިވި ހިނގާލުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަގަ އެވެ.

އެ ރަސްމިއްޔާތުގައި ސީޕީ ވަނީ މިމަހުގެ 27 ވަނަ ދުވަހު އަމަލުކުރަން ފަށާ ފުލުހުންގެ އާ ގާނޫނަކީ ދިވެހި މުޖުތަމައު އެދޭފަދަ ޒާމާނީ ޑިމޮކްރެޓިކް އުސޫލުތަކާއި، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ، ދައުލަތުން ފުލުހުންގެ ހިދުމަތަށް ކުރާ ހޭދައާ ބައްދަލު ހިދުމަތެއް ފޯރުވައިދީ، އެކަންކަމަށް މުއައްސަސާ ޖަވާބުދާރީކުރުވުމުގެ އިންތިޒާމްތައް ހަރުދަނާކުރުވާނެ ގާނޫނެއް ކަމަށް ވިދާޅުވެފަ އެވެ. 

ފުލުހުންގެ ޕްރޮފެޝަން ތަރައްގީކޮށް ގާބިލްކަން އިތުރުކޮށް، ލޯކަލް ލެވަލްގައި ރައްޔިތުންނާއި އެހެން ފަރާތްތައް ގުޅިގެން ޕްރޯ އެކްޓިވް ޕޮލީސިން ފަލްސަފާއެއްގެ މައްޗަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް އާގާނޫނު ލާޒިމްކުރާކަމަށް ވަނީ ވިދާޅުވެފަ އެވެ. 

އަދި އާ ގާނޫނުން ތަސައްވަރުކުރާ ފުލުހުންގެ ހިދުމަތް ބިނާކުރުމަށް ހުރިހާ ފުލުހުންނާއި މުވައްޒަފުން އަތުކުރި އޮޅާލުމަށް އިލްތިމާސްކުރައްވައި، އެކަމުގައި ކޮންމެ ފުލުހަކާއި މުވައްޒަފެއްގެ ދައުރެއް އެބައޮތްކަަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ސީޕީ ވަނީ ވަކިން ހާއްސަކޮށް ޕޮލިސް ރެކްރޫޓް ޓްރެއިނިންގް ފުރިހަމަކޮށް ދަސްވެނިވާ ދަސްވެނިން ވެގެންދާނީ ހިދުމަތުގެ ތެރެއަށް ވަންނަ އާޖީލެއްގެ ފުލުހުންކަމަށްވާއިރު، އާ ގާނޫނުން ފުލުހުންގެ ހިދުމަތަށާއި ފުލުހުންގެ ޕްރޮފެޝަންއަށް ލިބިގެންދާނެ އަލިކަން ގަދަކޮށް އެއަލިކަން ދެމެހެއްޓުމަށް މަސައްކަތްކުރާނެ ދަރުމަވެރިންނަށް ދަސްވެނިވާ ފުލުހުން ވެގެންދާނެކަމަށް ވެސް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް އަހަރަކީ ފުލުހުންގެ ހިދުމަތަށް އެތައް ދާއިރާއަކުން ތަރައްގީއާއި ކުރިއެރުން ލިބިގެންދާނެ އަހަރެއްކަން ފާހަގަކުރަމުން ސީޕީ ވިދާޅުވީ އެގޮތުން ފުލުހުންގެ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނާއި ފުލުހުންގެ އިންފްރާސްޓްރަކްޗާއަށް މީގެ ކުރިން ދުވަހަކު ގެނެވިފައިނުވާ ތަރައްގީއާއި އެންމެ ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރެވިގެން ދާނެކަމަށެވެ. 

އަދި ފުލުހުންނާއި މުވައްޒަފުންގެ ކޮމްޕިޓެންސީ އިތުރުކުރުމަށްޓަކައި ފްރޭމްވޯކްތައް ތައާރަފްކުރެވި، ތައުލީމާއި ތަމްރީނުގެ އޮނިގަނޑުތައް އެފްރޭމްވޯކްތަކާ ގުޅުވިގެންދާނެކަމަށާއި އާ ގާނޫނުން ތަސައްވަރުކުރާ ހިދުމަތް ރައްޔިތުންނާއި ފުލުހުންގެ ހިދުމަތަށް އެދޭ އެންމެހާ ފަރާތްތަކަށް ފޯރުވައިދިނުމަށްޓަކައި މުއައްސަސާގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެވޭނެކަމަށްވެސް ސީޕީ ވަނީ ވިދާޅުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް