ads
ޑިފެންސް މިނިސްޓަރު މާރިޔާ--
ލީކުވި އެއްބަސްވުން: ރައްޔިތުން ވާނުވާގައި!
އިންޑިއާ ސަރުކާރުގެ އެހީގައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރެވިފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގަ އެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއެކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ޑރ. އެސް، ޖެއިޝަންކަރު އެވެ.

އިތުރުތިލަފަޅުގައި ނޭވީ ޕޯޓެއް ތަރައްގީކުރަން އިންޑިއާ ސަރުކާރާ އެކު އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން ސޮއެކުރުމާ އެކު، އެއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ ފަދަ ކަމެއް ކަމަށް ސިފަކޮށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް އެ އެއްބަސްވުމަކީ ކުރީގެ ރައީސް އަބަދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި އެގައުމުގެ ސަރުކާރާ އެކު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ހިމެނޭ އެއްބަސްވުމެއް ކަމަށްވެ އެވެ.

ކޮންމެއަކަސް، މި އެއްބަސްވުމުގެ ތަފްސީލު ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގެ ބަހުސްގައި އުތުރުތިލަފަޅުގެ މައްސަލާގައި ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުުގެ ކޮޕީއެއް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލަތް) އަށް ދެއްކެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެ އެވެ. އަދި އެދުވަހު ދޮން ބިލަތްވަނީ، އުތުރުތިލަފަޅުގައި ނޭވީ ޕޯޓެއް ތަރައްގީކުރުމަށް އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުން ވުޖޫދަށް ގެނައުމަށް ރައިސް ޔާމީންގެ ވެރިކަމުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި، މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު، ބުރަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވައި ޝުކުރު ދަންނަވާފަ އެވެ.

އެ ދުވަހު ދޮންބިލެތް އެހެން ވިދާޅުވުމުން މެމްބަރު ޝިޔާމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި، އެވާހަކަ ދޮގުކުރައްވާފައެވެ. އެކަމަކު އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރިޔާސަތުން ރައީސް ނަޝީދު ވިދާޅުވީ، އެއްބަސްވުމެއްގައި އާދަމް ޝަރީފް ސޮއި ކުރެއްވިކަމަށް ދޮންބިލެތް ވިދާޅު ނުވާކަމަށެވެ. ނަމަވެސް ކުރީސަރުކާރުން އެތަން ތަރައްގީކުރުމަށް އިންޑިއާ އާ އެކު ކުރި މަޝްވަރާތަކުގެ ތަފްސީލު ތަކާއި ޔައުމިއްޔާތައް މަޖިލީހުގައި އެބަހުރި ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ލިޔެކިއުންތަކުގެ ކޮޕީއެއް އެމަނިކުފާނު މެމްބަރު ހަލީމް އަށް ދެއްކެވި ކަމަށެވެ.

އުތުރުތިލަފަޅުގައި ނޭވީ ޕޯޓެއް ތަރައްގީކުރަން ރައީސް ޔާމީންގެ ވެރިކަމުގައި އިންޑިއާ އާ އެކު ކުރި މަޝްވަރާތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހުގައި އެބަހުރި ކަމަށާއި، އެ ލިޔެކިއުންތައް މެމްބަރުންނަށް ހިއްސާކުރައްވާނެ ކަމަށް 23 ފެބްރުއަރީގައި އޮތް ޖަލްސާގައި ނަޝީދު ވިދާޅުވިއިރު އިއްޔެ ހެނދުނު އިރު އަރައިގެން އައީ މީޑިއާތަކުގައި އެ އެއްބަސްވުމަކީ "ފިތްކަނޑައިގެން" ދާވަރުގެ ވާހަކަތަކެއް ހުރި އެެއްބަސްވުމެއް ކަމަށް ބުނެ ރިޕޯޓްކުރި ހަބަރުންނެވެ. 

އުތުރުތިލަފަޅުގެ އެެއްބަސްވުންކަމަށް ބުނެ ސޯޝަލް މީޑިއާގައި ލީކު ކޮށްލި، އެއްބަސްވުމުގައި ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާނެ ފަދަ ވަރަށް ގިނަ ކަންތައްތައް ހުރި ކަމަށް ރިޕޯޓް ކުރެވުނެވެ. އެގޮތުން އުތުރުތިލަފަޅުގައި އެކްޓިވް ޑިއުޓީގައި މަސައްކަތްކުރާ އިންޑިއާ އަސްކަރިއްޔާއަށް ނިސްބަތްވާ މީހުންނަށް، ހަތިޔާރާއި އެ ނޫން ވެސް އެފަދަ އާލާތްތައް ގެންގުޅެވޭނެ ކަމަށް އޭގައިވާ ކަމަށްވެ އެވެ. 

ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާގެ ބަޔަކު ތިބުމަށް ދިވެހިން ފާޅުގައި ދެކޮޅު ހަދަމުން އައި ނަމަވެސް މިބުނާ ލީކްވި އެއްބަސްވުމުގައި 30 އަހަރުގެ މުއްދަތަކަށް އިންޑިއާ ސިފައިން އެ ތަނުގައި ތިބެވޭނެކަމަށް ބުނާއިރު އެ ތަނުގައި ހުންނަ މުވާސަލާތީ ހިދުމަތްތައް ވެސް ބޭނުން ކުރެވޭނެ ކަމަށްވެ އެވެ. 

ކޮންމެއަކަސް، މިހާރުގެ ސަރުކާރުން މިއީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ސޮއިކުރަން އެއްބަސްވި އެއްބަސްވުމެއްކަމަށް ބުނާއިރު މިއަދު ފެންމަތިވި ވާހަކަތަކާއެކު އަނެއްކާ ވެސް ފެނިގެން މިދިޔައީ އެކަމުގެ މައުލޫމާތު އަދިވެސް އިދިކޮޅުގެ މެމްބަރުންނަށް ވެސް ސާފު ނުވާކަން ހާމަވާ މަންޒަރެކެވެ.

އުތުރުތިލަފަޅު އެއްބަސްވުން މަޖިލީހުގެ 241 ކޮމިޓީއަށް ލިބޭނެގޮތް ހަދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީދާއިރާާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހުގައި އެދިވަޑައިގެންފައިވާއިރު މަޖިލީހުގެ އިދާރާއަށް ހުށަހެޅުއްވި ސިޓީގައި ވަނީ، އުތުރުތިލަފަޅު ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއި އެކުގައި ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުންކަމަށް ބެލެވޭ ލިއުމެއް ދައުރުވަމުން އަންނަ ކަމަށާއި، އެ ލިއުމަށް ބަލާއިރު، ގައުމީ ސަލާމަތައް ނުރައްކާވާފަދަ، އަދި ގައުމުގެ މިނިވަންކަމާއި ސިޔާދަތައް ނުރައްކާވާފަދަ ކަންތައްތަކެއް ފާހަގަކުރެވޭ ކަމަށެވެ. 

އެއްބަސްވުމާއި ގުޅިގެން ރައްޔިތުން ވާނުވާގައި ތިބިއިރު ރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ކޮޕީއެއް ކަމަށްބުނެ، ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ހަގީގަތާ ހިލާފު ދޮގު ލިޔެކިޔުންތަކެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އެއްބަޔަކު އަނެއް ބައެއްގެ ބޮލަށް އެއްބަސްވުމުގެ ކަންކަން ކަނޑަމުން އަންނައިރު މިހާރު މި އެއްބަސްވުމާއި ގުޅޭ މައުލޫމާތު އެނގޭ ބަޔަކު ނެތެވެ. ލީކުވީ އަސްލު އެއްބަސްވުން ކަމަށް ބުނާއިރު، އެކަން ދޮގުކުރުން ނޫން ކަމެއް އެމްއެންޑީއެފުން ނުކުރެ އެވެ. އެއްބަސްވުމުގެ މައުލޫމާތު ރައްޔިތުންނަށް ހިއްސާކޮށް، ނުވަތަ މަޖިލީހުގެ މެމްބަރުންނަށް ހިއްސާކޮށްގެން ނަމަވެސް އެއްބަސްވުމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ހިއްސާކުރަން މާބޮޑަށް ވެސް ލަސްވެއްޖެ އެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް