ads
ވީޑިއޯ ރިޕޯޓް:
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން: މައްސަލައެއް ނޫން!
އުތުރު ތިލަފަޅުގައި ރާއްޖެއިން އިންޑިއާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫގެ ޑޮކިއުމަންޓުތައް ކަމަށް ބުނާ ޑޮކިއުމަންޓުތަކެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްކޮށް ހުންނަވައިގެން ވަނީ ލީކުކޮށްލައްވާފައެވެ.

އެގްރީމަންޓު ލީކު ކޮށްލުމަށް ފަހު އުފައްދަމުން ގެންދެވި އޮއިވަރަކީ "އިންޑިއާ ސިފައިން ދިވެހިރާއްޖޭގައި ތިބޭ" ކަމަށް ބުނާ އޮއިވަރެކެވެ.

އުމަރު ނަސީރު "އިންޑިއާ ސިފައިން" ދެކެ ރައްޔިތުން ބިރު ގެންނެވުމަށް ނުކުމެވަޑައިގަތްއިރު 1998 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ދިން އުދުވާނީ ހަމަލާއިން ދިވެހިން ސަލާމަތް ކޮށްދިނީ އިންޑިއާ ސިފައިންކަން އުމަރު ނަސީރު ހަނދުމަފުޅު ނެތުނީތޯއެވެ؟ ނުވަތަ އެދުވަހު ރާއްޖެއަށް އެރި ބާގީންގެ ސައިޑު ނަންގަވަނީތޯ؟ ވެސް ސުވާލު އުފެދެއެވެ. 

ދެން އޮތް ސުވާލަކީ އިންޑިއާއަކީ ދިވެހިރާއްޖެއަށް އޮތް ބިރެއްތޯ އުފެދޭ ސުވާލެވެ.

އިންޑިއާއި ރާއްޖެ އާ ދެމެދު އޮތް ގާތް ގުޅުމަކީ ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ ވެސް ފާހަގަކޮށްލެވޭ ގުޅުމެކެވެ. އޭގެ ކުރިން ވެސް ދިވެހިންނާއި އިންޑިއާ އާ މީހުންނާއި ދެމެދު އޮތީ ތިމާގެ ކަމުގެ ގުޅުމާއި އަވަށްޓެރިކަމުގެ ގުޅުމެވެ. ގިނަ  ދިވެހިންތަކަކާއި އިންޑިއާގެ އެކި ސަރަހައްދުގެ މީހުންނާއި ދުރުތާ ތިމާގެވެސް ވާނެއެވެ.

ގިނަ އަދަދެއްގެ ދިވެހިންނަށް އިންޑިއާ ފިލްމާއި، ލަވަ އާއި، ހެދުމާއި، ކާބޯތަކެތި ކަމުދެއެވެ.

ދެއިރު ދެދަޅައަށް ގަދަ ބާރުން ދަރިފުޅު ސްކޫލަށާއި ޓިއުޝަނަށް ފޮނުވައިގެން، އިނގިރޭސި ބަހާއި އަރަބި ބަސް ފަދަ ބަސްބަސް ދަސްކޮށްދޭން މަސައްކަތް ކުރާ އެތައް ބައެއްގެ ދަރިން އެއްކަމެއް ނުކުރިއަސް ހިންދީ ބަސް ދަސްކުރެއެވެ.

އިންޑިއާގެ ބޮލީވުޑުގެ އެކްޓަރުންނަކީ ގިނަ ޒަމާނުއްސުރެ ދިވެހިންގެ ހިތްތަކުގައި ރަސްކަމާއި ރާނިކަން ކުރާ ބައެކެވެ.

ދިވެހި އެކްޓަރުން އެންމެ ފުރަތަމަ ކޮޕީ ކުރީ އިންޑިއާ އެކްޓަރުންނެވެ. އެމީހުންގެ ފިލްމުތަކެވެ. ދިވެހިންގެ ގިނަ ބަޔަކަށް އެ ރަހަތައް ކަމުދިޔައެވެ.

ދިވެހި ލަވަކިޔުންތެރިން ލަވަތައް އެންމެ ފުރަތަމަ ރެކޯޑު ކުރަން މަސައްކަތް ކުރީ އިންޑިއާގެ ލެޖެންޑުންކަމަށްވާ މުހައްމަދު ރަފީ ސާބާއި، ލަތާ މަންގޭޝްކަރު ފަދަ ފަންނާނުންގެ ލަވަތަކެވެ.

ދިވެހި ޅެންވެރިކަމުގައި ވެސް ހިންދީބަހުގެ ކިތައް ބަސް މިހާތަނަށް ބޭނުންކޮށްފައިވާނެތޯ އެވެ؟

އަދިވެސް ބައެއް މީހުންނަށް ދިވެހި ލަވަތަކަށް ވުރެ ވެސް ހިންދީ ލަވަތައް ކަމުދާ މީހުން ވެސް އުޅެއެވެ.

ކާބޯ ތަކެއްޗަށް ބަލައިލިކަމުގައި ވީނަމަވެސް، އިންޑިއާ މީހަކަށް ދިވެހި ބަދިގެއަކުން ކައިލެވޭނެއެވެ. އަދި ދިވެއްސަކަށް ހިތްފުރާ އިންޑިއާ ބަދިގެއަކުން ކާނެއެވެ. އިންޑިއާ މީހާއަށްވުރެ ދިވެހި މީހާއަށް އިންޑިއާ ބަދިގެ ކަމުދާނެކަން ޔަގީނެވެ.

ކެއްކުމުގައި ބޭނުންކުރާ އަސޭމިރުހާ، ހިކިމިރުހާ، ހިނކަދިފަތާ، ކޮތަން ބިރިއާ، ދަވިއްގަނދާ، ރީނދުލާ މިއީ ވެސް އިންޑިއާ މީހުންވެސް ކާތަކެތި ނޫންތޯއެވެ؟

ދިވެހި ބަހަށް ވިސްނާލި ކަމަށްވި އަސް ހިންދީ ބަހުގެ ނުފޫޒު އެހާމެ ބޮޑެވެ. މި ނުފޫޒު އެންމެ ބޮޑަށް ފާޅުވަނީ ޝާއިރުންގެ ފަރާތުންނެވެ.

ދިވެހިރާއްޖޭގައި ތައުލީމީ ދާއިރާ އާއި، ސިއްހީ ދާއިރާ އާއި އަދި އެހެނިހެން ސިނާއީ ދާއިރާތަކުގައި ވެސް ލައްކަ ބައިވަރު އިންޑިއާ މީހުން އެބައުޅެވެ. އެމީހުން ދެކެ އުމުރު ނަސީރު ބިރު ނުގަންނަވަނީ ތޯއެވެ؟

ރާއްޖެ އާއި 2000 ވަރަކަށް ކިލޯމީޓާރު ދުރުގައި އޮތް އިންޑިއާއިން ރާއްޖެ މިނިވަން ވީއްސުރެ އެ މިނިވަންކަން ދެމެހެއްޓުމުގައި މިވީތަނަށް ވެފައިވަނީ އެހީތެރިކަމެވެ.

ދިވެހިރާއްޖެ އޮތީ ޗައިނާ ފަދަ ގައުމެއްކަމެއްގެ ކައިރީގައި ކަމަށްވާނަމަ ދިވެހިރާއްޖޭގެ ބޯޑަރު ކުޑަވަމުން ވަމުން ގޮސް މިހާރު ރާއްޖެ ވެސް ގެއްލިދާނެއެވެ. ނުވަތަ އަލުން ޗައިނާގެ ބާރު ދަށަށް ދިޔައީހެވެ. މިސާލަކަށް ދެވަނަ ބޮޑު ހަނގުރާމައަށް ފަހު މިނިވަންކަން ހޯދި ހޮންކޮންގަކީ މިސާލެވެ. އަދި ޓިބެޓުގެ މައްޗަށް ޗައިނާއިން ވެސް ވެރިވިވެރިވުން ފާހަގަކޮށްލެވެއެވެ.

ނަމަވެސް ރާއްޖެ އާއި ސްރީލަންކާ ފަދަ ކުދި ގައުމުތައް އިންޑިއާއެކު މަސައްކަތް ކުރަމުން އަންނަނީ މިނިވަންކަން ދެމެހެއްޓުމަށެވެ.

ވަކިން ހާއްސަކޮށް ރާއްޖޭއަކީ އިގްތިސާދީގޮތުން ވެސް ބަލިކަށި ގައުމަކަށްވެފައި، ބަލަހައްޓަންޖެހޭ ބޯޑަރުގެ ބޮޑު ކަމާއެކު އެކަން ރާއްޖެއިން އެކަނި ކުރަންވެއްޖެ ނަމަ ބޮޑު ހަރަދެއް ހިނގާނެއެވެ. އެ ފައިސާ ދިވެހި އަސްކަރިއްޔާއަށް ހަރަދު ކުރުމުގެ ބަދަލުގައި ތައުލީމާއި ސިއްހަތައް ހަރަދު ކުރުން ވެސް މާ ހައްގުވާނެއެވެ.

އެހެންކަމުން އިންޑިއާ އާއި އެމެރިކާ ފަދަ ގައުމުތަކުގެ އެހީތެރިކަން ހޯދައިގެން އަސްކަރިއްޔާއަށް ކުރާ ހަރަދު ވީހާ ވެސް ކުޑަކުރުން މުހިންމެވެ.

ގައުމުތަކުގެ އަސްކަރިއްޔާތައް ގުޅިގެން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދުނިޔޭގައި މިހާރު ވެސް ކާމިޔާބުކަމާއެކު ކުރަމުން އަންނަކަމެކެވެ. 1949 ވަނަ އަހަރުން ފެށިގެން ނޭޓޯ ފަދަ ގުޅިފައިވާ އަސްކަރީ ޖަމާއަތްތަކުން އަންނަނީ ދުނިޔޭގައި ހަރަކާތްތެރިވަމުންނެވެ.

ސާކު ސަރަހައްދުގައި ވެސް ގައުމުތަކުން އެއްބައިވެ އަސްކަރީ ކަންކަން ބެލެހެއްޓުން މާ ބުއްދިވެރިވާނެއެވެ. އޭރުން ރާއްޖެ ފަދަ ކުދި ގައުމުތަކަށް ކުރާ ފައިދާ ވެސް މާ ބޮޑުވާނެއެވެ. އަސްކަރިއްޔާއަށް ކުރަންޖެހޭ ހަރަދު ބޮޑުތަނުން ކުޑަވާނެއެވެ.  

ރާއްޖޭގެ ކަނޑުތަކުގައި، ހަތިޔާރު ވިއްކުމާ، މަސްތުވާ ތަކެތި ވިއްކުން ފަދަ ކަންކަން ކޮށްފައިވާކަން މީގެ ކުރިން ވަނީ ހާމަވެފައެވެ. ކަނޑު ފޭރުމާއި، ޓެރަރިސްޓުންގެ ކިބައިންވެސް ދިވެހި ކަނޑުތައް ސަލާމތް ކުރަން އިންޑިއާގެ އެހީތެރިކަން ރާއްޖެއިން ހޯދިދާނެއެވެ.

އަހަރެންގެ ނަޒަރުގައި ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުން އަދި ދިވެހިރާއްޖެއިން އިންޑިއާ ސިފައިންގެ އެހީތެރިކަން ހޯދައިގެން ރާއްޖޭގެ އަސްކަރިއްޔާއިން މަސައްކަތް ކުރުމަކީ މައްސަލައެއް ނޫނެވެ.

އުތުރު ތިލަފަޅުން ފެށިގެން ގޮސް އައްޑު އަތޮޅު ގަމާއި ހަމައަށް ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބައިގެން ނަމަވެސް ދިވެހިންނަށް ރައްކާތެރި ތަނަކަށް ދިވެހިރާއްޖެ ހެދިޖެނަމަ ލިބޭނެ ފައިދާ ބޮޑުވާނެއެވެ.

47%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
32%
ވަރަށް ސަލާމް
ކޮމެންޓްސް