ads
ރައީސް ޝައިހް ހަސީނާ އެކު---
ވައިގެ ދަތުރުތައް އިތުރުކުރަން ނިންމުމުން ރައީސްގެ މަރުހަބާ
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރުމަށް ބަންގްލަދޭޝް ސަރުކާރުން ނިންމެވި ނިންމެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ބަންގްލަދޭޝް ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރަން ނިންމާ ބަންގްލަދޭޝް ސަރުކާރުން އެކަން އިއުލާނު ކުރައްވާފައިވަނީ މިއަދު ބަންގްލަދޭޝްގެ ޑާކާގައި، އެގައުމުގެ ބޮޑުވަޒީރުގެ އޮފީހުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ކުރިޔަށްގެންދިޔަ ރަސްމީ ވާހަކަފުޅުތައް ދެއްކެވުމުގެ ރަސްމިއްޔާތުގައެވެ.

‎ރައީސް ސޯލިހް ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ބައްދަލުކުރައްވާ، ހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަކޮށް އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް މަޝްވަރާކުރައްވާފައިވެއެވެ. އެބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ވަނީ ދެޤައުމު ދޭތެރޭ ބީމާ އެއާލައިންގެ ފްލައިޓްތަކުގެ ދަތުރުތައް ފައްޓަވާކަން އިޢުލާނުކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ދެގައުމުގެ މެދުގައި ވައިގެ މަގުން ކުރާ ދަތުރުފަތުރަށް އިތުރު ދޮރެއް ހުޅުވި، ވައިގެ މަގުން ދެޤައުމު ގުޅުވައިދިނުމަށް އެހީތެރިވާނެ ކަމުގައި އެ ކަމަނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

‎ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވައިގެ މަގުން އިތުރު ދަތުރުތައް ބޭއްވުމަށް މަރުހަބާ ވިދާޅުވެ ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކަށް ހައްލުހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބޭރު ޤައުމުތަކުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރު ކޮށްދެއްވުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

‎މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ޤައުމުގެ މިނިވަންކަމުގެ ބާނީ ބަންގާބަންދު ޝެއިހް މުޖީބުއް ރަޙްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުމާއިގުޅިގެން ހެޔޮއެދުންތައް އަރިސްކުރައްވާ، ބަންގްލަދޭޝްގެ މިނިވަންކަމަށް ރަންޔޫބީލް ފުރޭ އެ މުނާސަބަތުގެ ތަހުނިޔާވެސް ވިދާޅުވެފަވެއެވެ.

‎ރައީސް ސޯލިހް، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާއެކު މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި، ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް ވަރުގަދަކޮށް، ދޭދޭ ފަރުދުންގެ މެދުގައި އޮތް ތާރީހީ އަދި ސަގާފީ ގުޅުންތައް އިތުރަށް ފުޅާކުރުމަށް މަޝްވަރާ ކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި، އެ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ މެދުގައިވާ ގުޅުންތައް ބަދަހިވެ، އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

‎އެ ރަސްމިއްޔާތުގައި ދެޤައުމުގެ ލީޑަރުން ވަނީ މިއަދު ދެ ގައުމުގެ ދެމެދު ސޮއިކުރެވޭ އެއްބަސްވުންތައް މުރާޖާކުރައްވާފައެވެ. މިއަދު ސޮއިކުރެވޭ ބައެއް އެއްބަސްވުންތަކުގެ ތެރޭގައި، ވިޔަފާރި، ސިއްހަތު، މަތީ ތައުލީމް، މީހުން ބިނާކުރުން، ސަގާފަތް، ސަރަހައްދީ ހިންގުން، މަސްވެރިކަން، ދަނޑުވެރިކަން، ފަތުރުވެރިކަން އަދި ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުން ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ދެޤައުމުގެ ލީޑަރުން ވަނީ ދާއިރާތަކުން ގުޅުންބަދަހި ކުރުމަށް ހަތަރު އެއްބަސްވުމަކަށް މަގުފަހިކުރެވުނީތީ އެކަމަށްޓަކައި އުފާފުޅުކުރައްވާކަން ހާމަކުރައްވާފައެވެ.

‎މި ބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުގެ މަސްލަހަތު ހިމެނޭ މޫސުމީ ބަދަލުތަކާއި ސަރަހައްދީ ސަލާމަތް ފަދަ ބޮޑެތި މައްސަލަތަކުގައި އެކުގައި މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ކުރިޔަށްގެންދަވާފައެވެ. 

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެ ގައުމުގެ މެދުގައިވާ ގުޅުންތައް ހަރުދަނާ މިސްރާބަކަށް ގެންދިއުމުގެ އަޒުމް އާކުރައްވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް