ads
ނަހްލާ އަލީ——
ވިލިމާލެ ދާއިރާއަށް ކުރިމަތިލީ ރައީސް ޔާމީންގެ އެދުމަށް: ނަހުލާ
ވިލިމާލެ ކައުންސިލަށް ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދުމަކަށް ކަމަށް އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ކަމަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާ ނަހުލާ އަލީ ވިދާޅުވެއްޖެ އެވެ.

ނަހުލާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން ވިދާޅުވީ، އޭނާއަކީ ސިޔާސީ އަދި އިގްތިސާދީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ބޭފުޅެއް ކަމަށާއި، މާލޭ ސިޓީގެ ވިލިމާލެ ދާއިރާއަށް ކުރިމަތިލީ ރައީސް ޔާމީން ވިދާޅުވެގެން ވިލިމާލެއަށް ހެޔޮ ބަދަލުތަކެއް ގެނެއުމަށްޓަަކައި ކަމަށެވެ.

"އޭރުވެސް އަދި މިހާރުވެސް މި ދާއިރާއަށް ކުރިއެރުން ގެނެސްދެއްވަން ރައީސް ޔާމީން ބޭނުންވޭ. އަޅުގަނޑު މިތަނަށް ފޮނުއްވީ ރައީސް ޔާމީން މި ސަބަބަށްޓަކައި، މި ބުރަ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އެބަހުރި މިކަން ކުރުމުގެ ގާބިލުކަން އަޅުގަނޑުގެ އެބަހުރި އެ ކެރުން އަޅުގަނޑުގެ އެބަހުރި. ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް އިތުބާރު ކުރައްވާ މި ފުރުސަތު އަޅުގަނޑަށް ދެއްވާ" ނަހުލާ ވިދާޅުވިއެވެ.

ނަހްލާ ވިދާޅުވީ، އަންނަން އޮތް ކައުންސިލް އިންތިހާބުން އޭނާއަށް ފުރުސަތު ދެއްވައިފިނަމަ ބައެއްގެ އިހްމާލުން ނަމަވެސް ވިލިމާލެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެންނާނަން ކަމަށެވެ. އަދި ވިލިމާލޭގެ ހާލަތު ބަދަލުކުރާނެ ކަމަށާއި، މާލެ، އަދި ހުޅުމާލެ އެކޭ އެއްގޮތަށް ވިލިމާލެއަށްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަ ފުރުސަތުތަކެއް ހޯދުމަށް މަސައްކަތް ކުރާނަން ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ފުރުސަތު ދެއްވައިފިނަމަ ކުލައަކަށް ފިކުރަކަށް ބެލުމެއްނެތި ތަފާތު ކުރުމެއްނެތި ވިލިމާލޭގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއިއެކު މައްސަލަތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރާނަން. ޒުވާނުންނަށް ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރާނަން ވިލިމާލެ ސިނާއީ ސަރަހައްދުން ފުރުސަތުތައް ހޯދައިދޭން މަސައްކަތް ކުރާނަން" ނަހުލާ ވިދާޅުވިއެވެ.

އޭގެ އިތުރުން ކޮންމެ ކަމެއްގައި ކަނޑެއް ހުރަސްކޮށް މާލެ ދާންޖެހޭ ޖެހުން ހުއްޓުވާން މަސައްކަތް ކުރާނެކަމަށްްވެސް ނަހުލާ ވިދާޅުވިއެެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް