ads
އެފްއޭގެ ރައީސް ބައްސާމް އަދި ޖީއެސް ޖަވާޒް
ލީގު ހުއްޓުވީ އެކަށީގެންވާ ސަބަބެއް ނެތި: ބައްސާމް
ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ހުއްޓުވީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ވިދާޅުވެ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެޗްޕީއޭއަށް ފާޑު ވިދާޅުވެއްޖެއެވެ. އެޗްޕީއޭއަށް ބައްސާމް ފާޑު ވިދާޅުވީ، އެފްއޭއެމްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައެވެ.

ކޮވިޑުގެ ހާލަތު ގޯސްވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދިވެހި ލީގުގެ ކުޅުން މެދު ކަނޑާލަން ޖެހުނީ، މިދިޔަ މަހުގެ ކުރީކޮޅުއެވެ. އެހެންނަމަވެސް ބައްސާމުގެ ބަޔާނުގައި ބުނެފައިވަނީ ދިވެހި ލީގުގެ ކުޅުން ހުއްޓުވާފަވަނީ ޖެނުއަރީ މަހުގައި ކަމަށެވެ.

ކޮވިޑު19 ގެ ހާލަތު ގޯސްކަމަށް ބަލައި އެޗްޕީއޭއިން ފުޓްބޯޅައިގެ ހަރަކާތްތައް މިދިޔަ ޖެނުއަރީ މަހު ހުއްޓުވާލީ 2021 ވަނަ އަހަރުގެ ފުޓްބޯޅަ މޫސުމުގެ ވަރަށް މުހިއްމު ދުވަސްވަރެއްގައެވެ. ކުރިން އިޝާރާތް ކުރުމެއް ނެތި މުބާރާތްތައް ހުއްޓުވާލިއިރު ތިންވަނަ ޑިވިޝަން މުބާރާތްވެސް ފަށަން އޮތީ އެންމެ ހަތަރު ދުވަހެވެ.

ޖެނުއަރީ މަހުގެ ތެރޭގައި ފުޓްބޯޅައިގެ ހަރަކާތްތައް އެޗްޕީއޭއިން ހުއްޓުވާލި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވި ނަމަވެސް ޖެނުއަރީ މަހުގެ އަށާވީސްވަނަ ދުވަހު އަދި އޮނަތިރީސްވަނަ ދުވަހުވެސް މެޗު ކުޅުނެވެ. މިއިން ކޮންމެ ދުވަހަކު ދެ މެޗު ކުޅެފައިވާއިރު، ކޮވިޑުގެ ހާލަތު ގޯސްވެ ލީގުގެ ކުޅުން މެދު ކަނޑާލަން ޖެހުނީ ފެބުރުއަރީ މަހުގެ ދެވަނަ ދުވަހުވެސް މެޗު ކުޅުމަށް ފަހުއެވެ.

އެޗްޕީއޭއަށް ފާޑު ވިދާޅުވަމުން ބައްސާމް އިތުރަށް ވިދާޅުވީ، ފުޓްބޯޅައިގެ ހަރަކާތްތައް ފެށުމަށް ސަރުކާރާއި އެޗްޕީއޭއާއެކު ކުރެވުނު މަޝްވަރާތަކުގައި މިހާތަނަށް އެއްވެސް ހައްލެއް ލިބިފައިނުވާ ކަމަށެވެ.

ފުޓްބޯޅަ ކުޅުންތެރިންނަށް އެ މީހުންގެ ވަޒީފާ އަދާކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކުލަބުތަކުންނާއި ކުޅުންތެރިން އަދި ފުޓްބޯޅަ އެސޯސިއޭޝަނުން މިހާތަނަށްވަނީ ސަރުކާރާއި މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓާއި އެޗްޕީއޭއާ އެކު ވަރަށް ގިނަ ފަހަރު ބައްދަލުކޮށް މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް ކުރިމަތިވެފައިވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިނުވާކަން މި ފުރުސަތުގައި އަޅުގަނޑު ފާހަގަ ކުރަމެވެ.

ފެބުރުއަރީ މަހުގެ ކުރީކޮޅު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދިވެހި ލީގުގެ ކުޅުން މެދު ކަނޑާލިއިރު، އެއްވަނަ ޑިވިޝަނުގައި ބޯޅަ ކުޅޭ ބައެއް ކުޅުންތެރިން ތިބީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް އެކަން އެފްއޭއެމުން އެއްގޮތަކަށްވެސް ހާމަކޮށްފައި ނުވެއެވެ. ބައެއް ކުޅުންތެރިން އޭރު ކޮވިޑަށް ޕޮޒިޓިވްވެ ކޮވިޑު ފެސިލިޓީތަކަށްވެސް ގެންދަން ޖެހުނެވެ. ލީގުގެ ކުޅުން މެދު ކަނޑާލި ދުވަސްވަރު ޕޮޒިޓިވްވީ ބައެއް ކުޅުންތެރިންގެ ތެރޭގައި ޔޫތު އެކޮމޮޑޭޝާން ބްލޮކުގައި ދިރިއުޅޭ ކުޅުންތެރިންވެސް ހިމެނުނެވެ.

އެޗްޕީއޭއަށް، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފާޑުވިދާޅުވެ ބާޔަނެއް އާދިއްތަ ދުވަހުގެ ރޭ ނެރުއްވިއިރު، މީގެ ކުރިން އެ އިދާރާގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒުވަނީ އެޗްޕީއޭގެ ތައްޔާރީތަކާ މެދު ސުވާލު އުފައްދަވާފައެވެ. 

ލީގުގެ ކުޅުން އަލުން ނުފެށިގެން އެފްއޭއެމުން މެދު ނުކެނޑި ޕްރެޝަރު ކުރަމުންދާއިރު، އާދިއްތަ ދުވަހު އެކަނިވެސް މާލެ ސަރަހައްދުން ސަތޭކައަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް