ads
ހިޔާ ފްލެޓްތައް--
ހަވާލުކުރަން ބުނި ފްލެޓްތަކުގެ ތަޅުދަނޑި ލިބިއްޖެތަ؟
މާލޭގެ ތޮއްޖެހުމުގެ ވާހަކަ އަދި ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ހާލަތުގެ ވާހަކައަކީ ދައްކާކަށް އާ ވާހަކަތަކެއް ނޫންކަން އަޅުގަނޑަށްވެސް އެންގެއެވެ.

އެހެންނަމަވެސް މި ވާހަކަތަށް ތަކުރާރުކޮށް ދެއްކެނީ ހައްލު ހޯދައިދޭން ބުނާ މިފަދަ މައްސަލަތަކަށް ބައެއް ފަހަރު ވާނުވާ ނޭގުމާއި ކިރިޔާ މިވާހަކަތަށް ނުދައްކާ ދޫކޮށްލާފިނަމަ ވެސް މިއީ ވުޖޫދުގައިވެސް ނެތް ވާހަކަތަކަކަށް ހަދާ ސިޔާސީ ވެރިންނާއި މިކަމަށް އައްޔަންކޮށްފައި ތިބޭ މީހުން ހަނދާން ނައްތާލާ ދޫކޮށްލާލެއް އަވަސް ވުމުންނެވެ.

ތޮއްޖެހިފައިވާ މާލޭގެ ރައްޔިތުން، އަދި މާލޭގައި ދިރިއުޅެމުން އައި ރައްޔިތުންނަށް އެންމެ އުފާވެރި އެއް ހަބަރަކަށް ވެގެން ދިޔައީ، ސަރުކާރުން ހުޅުމާލޭގައި ފްލެޓް އަޅާ، ފްލެޓުތައް ރައްޔިތުންނަށް ދޭން ނިންމި ހިސާބުންނެވެ.

މިކަން ވެގެން ދިޔައީ ގިނަ ބައެއްގެ އުއްމީދުތަކުގައި ކުލަ ޖެހުނު ކަމަށެވެ. އެކަށޭނެ ބޯހިޔާވަހިކަމެއްގެ ހުވަފެން ދެކެމުން އައި މީހުންނަށް ލިބުނު އުއްމީދަކަށެވެ.

ނަމަވެސް ފުރަތަމަ ފްލެޓުތައް އަޅާ، އެ ފްލެޓުތަކުގެ "ހައްގު ވެރިންނަށް" ފްލެޓުތައް ދޭން ދޫކުރުމާއެކު، ގިނަ ބައެއްގެ ފާޑު ކިޔުމާއި، ނުރުހުން ސަރުކާރަށް އަމާޒުވިއެވެ. 

ކޮރަޕްޝަނުގެ އެކި ތުހުމަތު ކުރެވިގެން ދިޔައެވެ.

އޭގެ ފަހުން އެތައް އަހަރުތަކެއް ވޭތުވެ ގޮސް، ރައީސް ޔާމީންގެ ސަރުކާރު ނިމި، އެމަނިކުފާނު ވެރިކަމުން ފޭބި އިރު ވަނީ ހިޔާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފައިވީ ނަމަވެސް މިހާރުގެ ސަރުކާރުން ވެރިކަމަށް އައިސް، އެކަން މަޑުޖައްސާލީ، ކުރީ ސަރުކާރުން އެކުލަވާލި ފްލެޓް ލިސްޓުގައި މައްސަލަ ހުރި ކަމަށް ބުނެއެވެ.

އެގޮތުން އެއީ ވަކި ބަޔަކަށް މަންފާވާ ގޮތަށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ތުހުމަތުކޮށް، ލިސްޓު ރިވިއު ކުރުމަށް ވަކި ކޮމިޓީއެއް އެކުލަވާލާފައިވެއެވެ.

އެގޮތުން މިހާރު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓުތަކެއް އަދި އޭގެ ފަހުން ދާއިމީ ލިސްޓުތަކެއްވެސް އާންމުކޮށްފައިވާއިރު، އެ ކޮމިޓީން އާންމުކޮށްފައިވާ ލިސްޓުގައި، ކުރިން ފްލެޓު ލިބުނު މީހުންގެ ތެރޭ ހިމެނޭ، ދަތި ހާލަތުގައި ދިރިއުޅެމުން އަންނަ ގިނަ ބަޔަކަށް ފްލެޓު ނުލިބޭތީ އެކަމާ ގިނަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ފްލެޓުގެ މައްސަލައިގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން އެތަށް ބަޔަކު ޝަކުވާ ހުށަހެޅިއިރު އާއްމުންނާއި އަމިއްލަ ޖަމިއްޔާއަކުން އުފުލި ކަންބޮޑުވުންތަކަށް ފަހު އޭރު ހާލަތު ދަށްކަމުން ކަމަށް ބުނެ ފްލެޓް ނުދިން ބައެއް ފަރާތްތަށް ދާއީމީ ލިސްޓުގައި ފަހުން ހިމަނާފައިވެއެވެ.

އޭގެ ފަހުންވެސް ފްލެޓްތަކުގެ މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ހާއްސަކޮށް ފްލެޓްތައް އެޅި އެ ފްލެޓްތަކުގެ ހައްގުވެރިން ކަނޑައެޅުމުގައި ކޮޅެއް މެދެއް ނުފެނި އެތަނަށް ވަންނަން ތިބި ރައްޔިތުންނަށް މިހާ ދުވަސްވީއިރު އެތަނަށް ވަދެވިފައި ނުވާތީ ގިނަ ބައެއްގެ ކަންބޮޑުވުން އެބަހުއްޓެވެ.  

މިކަންބޮޑުވުންތަކާއިއެކު އަމިއްލަ ޖަމިއްޔާތަކުންވެސް މިމައްސަލާގައި އަޑުއުފުލުން ހުއްޓާނުލާ ކުރި ބުރަ މަސައްކަތުން ސަރުކާރުން ވަނީ މިހާރު ވަގުތީ ލިސްޓުގައި ނަން އޮތް ހުރިހާ ފަރާތްތަކަށް މިމަސްތެރޭ ފްލެޓްތަކުގެ ތަޅުދަނޑިތައް ހަވާލުކުރާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް މިމަސް ދެބެއިވެ، ނިމުމަކާއި ގާތްވެފައިވާއިރު މިފަދަ ފަރާތްތަކަށް ތަޅުދަނޑި ލޮލަށް ފެންނަ ވަރު ނުވާތާ ފްލެޓް ކޮމެޓީގެ ފަރާތުން ހަބަރެއް ދަބަރެެއް ނުވާ ކަމަށް އެ ފާރާތްތަކުން ބުނެއެވެ

އެފަރާތްތަކުން ބުނާ ގޮތުން ފްލެޓް ލިބިފައިވާކަން އެނގުނީ ވެސް ގެޒެޓްގައި ޝާއިއުކޮށްފައިވާ ލިސްޓުންނެވެ. އަދި މިމަސްތެރޭ ތަޅުދަނޑި ހަވާލުކުރާނެ ކަމުގެ އަޑުތަކާއި އެހެންވެސް ފްލެޓާއި ގުޅޭ ކަންކަމުގެ މައުލޫމާތު ލިބެނީ ހަބަރުތަކުން ކަމަަށް އެފަރާތްތަކުން ބުނެއެވެ. ފްލެޓް ކޮމެޓީގެ ފަރާތުން ބަހެއް ނުބުނާ ކަމަށާއި ހަދާ ނަހަދާ އެއްވެސް ނޭނގޭ ކަމަށް އެފަރާތްތަކުން ބުނެ އެވެ. 

ފްލެޓްތަކުގެ ތަޅުދަނޑިތަށް މިމަސްތެެރޭ ހަވާލުކުރާނެ ކަމަށް ބުނެފައިވާއިރު، މިކަމުގެ އެއްވެސް މައުލޫމާތެއް ހައްގުވެރި ފަރާތްތަކަށް ފްލެޓް ކޮމެޓީގެ ފަރާތުން އަންގާފައި ނުވުމާއި އެ ތަޅުދަނޑިތައް ހަވާލުކުރަން ބުނި ދުވަސް ފަހަނައަޅާ ދާއިރުވެސް އެކަން އެގޮތަށް ވެފައި ނުވާތީ އެކަމުގެ ސުވާލު ރައީސް އޮފީހުގެ ތަރްޖަމާން މަބްރޫކް އަޒީޒްއަށް ދެންނެވުމުން ސީއެންއެމްއަށް ވިދާޅުވެފައިވަނީ، އެކަން ލަސްވަމުން ދަނީ ފްލެޓްތައް ހަވާލުކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތަކެއް ތައްޔާރު ކުރަމުންދާތީ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ކުރަން ހުރި ކަންތައް އަދިވެސް ފްލެޓް ކޮމެޓީން ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެން ނަމަވެެސް އެ ފަރާތްތަކަށް މި މަސްތެރޭ ތަޅުދަނޑި ހަވާލުކުރަން ނިންމާފައިވާ ނިންމުން އަދިވެސް އޮތީ އެގޮތަށް ކަމަށާއި މިމަސް ނިމުމުގެ ކުރިން ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެހެންކަމުން އުންމީދުކުރެވޭ ގޮތުން މިމަސް ނިމުމުގެ ކުރިން ފްލެޓްތަކުގެ ތަޅުދަނޑި ހައްގުވެރިންގެ އަތަށް އަރާވަރުވާނެ ކަމަށް ބެލެވެއެވެ. 

އެހެން ނަމަވެސް މަޖިލީހަށް ހައުސިން މިނިސްޓަރު އަސްލަމް ހާޒިރު ކުރެވުނު ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު ވަނީ މިހާރު އާއްމު ކުރެވިފައިވާ ލިސްޓުގައިވެސް މައްސަލަތަކެއް ހުރިކަން ފާހަގަވާކަމަށް ވިދާޅުވެ ލިސްޓުގައި ހިމެނިފައިވާ މީހުންނަށް ފްލެޓް ހައްގުވޭތޯ ނުވަތަ ނޫންތޯ ނިންމަވާނީ މަޖިލީހުން އެކަން ބެލުމަށް ފަހު ކަމަށް ވިދާޅިވެފަައިވެއެވެ.

އެކަމުގައި މިނިސްޓަރަށް ލަފާ އަރުވާނެ ކަމަށް ނަޝީދު ވިދާޅިވިއެވެ. 

އެހެންކަމުން މިހާރު ފްލެޓް ކޮމެޓީން ނެރެފައި މިވާ ދާއިމީ ލިސްޓުވެސް މިއީ ވަގުތީ ލިސްޓަކަށްވެ، އެ ލިސްޓުން ބައެއް ނަންތައް އުނިވުންވެސް އެއީ އެކަށީގެން ވާކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެވެ. 

އެހެންކަމުން ލިސްޓުގައިވާ ފަރާތްތަކަަށް ތަޅުދަނޑި ހަވާލު ނުކުރެވި މި ލަސްވާ ލަސްވުމަކީ ފަހަރުގައި އެއީ ކަމަށްވުން ވެސް އެކަށީގެންވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

3%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް