ads
އެގްރޯ ނެޓް:
ވެޔޮތަކުގައި މެލަންތަށް ފުރިފައި، ވިކިވެސް ހުސްވެއްޖެ!
ރާއްޖޭގެ އިގްތިސޯދު އެންމެ ކަމަކަށް ބަރޯސާވެފައި އޮތުން ހުއްޓުވާ، އިގްސޯދު ސިންދިފާދު ކުރުމަށް އިތުރު ގޮތްތަށް ހޯދަން ޖެހޭކަން އެންމެ ބޮޑަށް ދިވެހިންނަށް އިހްސާސް ކުރެވުނީ މި ކޮވިޑް-19އިގެ ބަލިމަނޑުކަމުގެ ތެރެއިންނެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭރުންވެސް ދިވެހިންގެ އަމިއްލަ އުފެއްދުންތަކުންވެސް އިގްތިސޯދު ހިފެހެއްޓެން އެބައޮތެވެ. އެެހެންނަމަވެސް މިހާތަނަށް ނެތިފައިވަނީ އެ މަަސައްކަތްތައް ފުޅާކޮށް ކުރިއަރުވަން ބޭނުންވާނެ އެންމެ ފުރިހަމަ އެއްބާރުލުމެވެ. ރާއްޖޭގައި ކުރިއަރުވާ އިތުރަށް ފުޅާކުރުމަށް ސަރުކާރުތަކުންނާއި އެހެނިހެންވެސް ތަންތަނުން ބޮޑަށް މަސައްކަތް ކުރެވިފައިވަނީ ފަތުރުވެރިކަން ކަމުން ފަތުރުވެރިކަން ކުރިއަރައިދިޔަ ދަތުރުގައި ފަހަތަށް ގޮސް އަތުން ކަހާލާފައިވާ އަނެއް ސިނާއަތަކީ ދަނޑުވެރިކަމުގެ ސިނާއަތެވެ. 

މިއީ ރާއްޖޭގައި ކާބަފައިން ޒަމާނުންސުރެ ކުރަމުން އައި އަމިއްލަ މަސައްކަތްތަކުގެ ތެރެއިން އިހުގައި އެންމެ ކުރިއެރި އެއް މަސައްކަތްވެސް މެއެވެ. ނަަމަވެސް ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން އަތުކުރި އޮޅާލިއިރު ދަނޑުވެރިކަން އަތުން ދޫވެގެން ގޮސް މިމަސައްކަތް ކުރާ ފަރާތްތަކަަށް ބޭނުންވާ އެންމެ ރަނގަޅު އެހީތެރިކަން ނުދެވި ވަނީ މި މި ސިނާއަތް އަތުން މުޅިންހެން ދޫވެފައެވެ. 

ކޮވިޑް-19އިގެ ދަނޑިވަޅުގައި ފަތުރުވެރިކަން ހުއްޓާލަންޖެހުމުން އިގްތިސާދަށް އެއާ ހީނަރުކަމުން ލިބުނު ފިލާވަޅުން ސަރުކާރުން ވަނީ ފަތުރުވެރިކަމުގެ އިތުރުންވެސް އިތުރު ދާއިރާތަކުން އިގްތިސޯދު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން މަަސައްކަތް ފަށާފައެވެ

އެގޮތުން މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ އިތުރަށް އިގްތިސާދު ހިފެހެއްޓޭނެ ސިނާއަތަކަށް އޮތީ ދަނޑުވެރިކަން ކަމުން އެ ދަނޑުވެރިންގެ އަތުގައި ހިފައި ކޮޅަށް ނެގީ ސަރުކާރުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ނަމުގައި އުފެއްދި ކުންފުނީގެ "ކޮންޓްރެކްޓް ފާމިން" އިންނެވެ. 

ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާކެޓް ނުކުރެވި އެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެން ނުދިއުމުގެ މައްސަލައަށް ހައްލު ގެނެސް އެގްރޯ ނެޓުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގޮތް ހުސްވެފައިވާ މިފަދަ އެތަށް ދަނޑުވެރިންނަކަށް އުންމީދު އާކޮށްދީ ދަނޑުތަކަށް އުޖާލާކަން ގެނުވާފައެވެ. 

ދަނޑުވެރިންނާއިއެކު މިދިޔަ އަހަރު ފެށި އެ މަސައްކަތުން އެގްރޯ ނެޓުގެ ފުރަތަމަ ހާވެސްޓްގައި މޭވާ އަޅާފައިވަނީ ލ. އަތޮޅުގެ ދަނޑުވެރިއެއްގެ ދަނޑުގައެވެ. މި ދަނޑުގައި ހާވެސްޓްކުރި ރޮކް މެލަން ވެލުން 185 ކިލޯގެ މެލަން ވަނީ މިމަހުގެ 23 ވަނަ ދުވަހު ކަނޑާފައެވެ. 

your imageލ. ގަން ދަނޑުވެރިޔާގެ ފާމިންގައި އަޅާފައިވާ މެލަން

މިކަމުގެ މައުލޫމާތު ސީއެންއެމްއާއި ހިއްސާކުރައްވަމުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ހެޑް އޮފް މާކެޓިން އަހްމަދު ޒަކީ ވިދާޅުވީ، ކޮންޓްރެކްޓް ފާމިން މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ކަނޑާފައިވަނީ 185 ކިލޯގެ ރޮކް މެލަން ކަމަށާއި އެ ހުރިހާ މެލަންއެއްވެސް މިހާރު ވަނީ މާލެ ގެނެވި ވިކި ހުސްވެފައި ކަމަށެވެ. 

ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ކޮންޓްރެކްޓް ފާމިންއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެގްރޯ ނެޓްގެ ބެލުމުގެ ދަށުން ދަނޑުވެރިން ދަނީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންނެވެ. މިމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ދަނޑުވެރިންނަށް މުޑުވައް ހިލޭ އެ ކުންފުނިން ފޯރުކޮށްދޭއިރު އެގްރޯ ނެޓުން ދަނޑުވެރިންނާއިއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ދަނޑުތަކުގައި ހައްދާތަކެތި ދަނޑުވެރިންގެ އަތުން ގަނެ، އެކަށީގެންވާ ފައިދާއެއް ދަނޑުވެރިންނަށް ލިބޭނެ އަގެއްގައި އެގްރޯ ނެޓުން އަންނަނީ ވިއްކަމުންނެވެ.

އެގޮތުން އެ ކުންފުނީގެ ފުރަތަމަ ހާވެސްޓްގެ ދަށުން 185 ކިލޯގެ ރޮކް މެލަން ގެނެސް ވިއްކާފައިވާއިރު، މި އަންނަ ހަފްތާގެ ތެރޭގައިވެސް އިތުރު 250 ކިލޯގެ މެލަން ގެނެސް ހޯލްސޭލް އުސޫލުން ވިއްކޭނެ ކަމަށް ޒަކީ ވިދާޅުވިއެވެ. 

"އެގޮތަށް އެހެން ސަރަހައްދުތަކުގައި ވެސް މިހާރު ބާވަތްތަށް ހެއްދެމުން ދަނީ. މިހާރު އަޅުގަނޑުމެން މި ބަލަނީ ރޯދަމަހަށް ގިނަ ބާވަތްތަކެއް ބާޒާރަށް ނެރެވޭތޯ. ދަނޑުވެރިކަމުގެ ފަންނީ މައުލޫމާތާއި ޓްރޭނިން އަޅުގަނޑުމެން ދެން . މިކޮޅުގަ ތިއްބަވާނެ ދަނޑުވެރިކަމުގެ ހާއްސަ މާހިރުން އެބޭފުޅުން އިރުޝާދު ދެއްވާނެ. މިހާރު އަމާޒު ހިފާފައި މިވަނީ އިންތިޒާމް ކުރެވިގެން ދުރާލާ ރޭވިގެން ހިންގޭ ދަނޑުވެރިކަމަކަށް . ފާހަގަކޮށްލަން ބޭނުން މި މަޝްރޫއުގެ ދަށުން ހެއްދިގެންދާނީ މުޅިންވެސް އޯގަނެކް ބާވަތްތައް ކަންވެސް" ޒަކީ ވިދާޅުވިއެވެ.

your imageރޮކް މެލަން

ކޮންޓްރެކްޓް ފާމިންގެ ފުރަތަމަ ފިޔަވަހީގައި ރާއްޖެ ފަސް ޒޯނަކަށް ބަހާލައިގެން 43 ރަށެއްގައި 17 ބާވަތެއް ހެއްދުމަށް ހަމަޖެހިފައިވާއިރު، ހައްދާތަކެތި ދަނޑުވެރިންގެ މެދުގައި ބަހާލައި ކޮންމެ ދަނޑުވެރިއަކަށްވެސް މަދުވެގެން 2 ބާވަތް ހެއްދުމަށް ދޭނެކަމަށް ޒަކީ ވިދާޅުވިއެވެ.

އެގްރޯނެޓްއިން މިތަކެތި ވިއްކަނީ ހޯލްސޭލްކޮށް ތަރުކާރީއާއި މޭވާ ގަންނަ ފަރާތްތަތަކަށެވެ. އެގޮތުން ހޯލްސޭލްކޮށް މި ބާވަތްތައް ގަންނަން ބޭނުންވާ ފަރާތްތަަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާއިރު އެފަދަ ފަރާތްތަކުން ކަސްޓަމާ ރެޖިސްޓްރޭޝަން ފޯމު ފުރުމަށްފަހު އެގްރޯނެޓްގެ މާކެޓިން މެއިލްއަށް ފޮނުވުމުން އެ ބާވަތްތަށް ގަތުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. ކަސްޓަމާ ރެޖިސްޓްރޭޝަން ފޯމު އެ ކުންފުނީގެ އޮފީހުންވެސް ލިބެން ހުންނާނެއެވެ. 

ދަނޑުވެރިންނަށް ހުޅުވިފައި މިވާ ފުރުސަތުގައި ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާކެޓް ނުކުރެވި އެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެން ނުދިއުމުގެ މައްސަލައަށް އެގްރޯ ނެޓުން މިވަނީ ހައްލު ހޯދައިދީ އުންމީދު ގެނެސްދީ މިފަދަ ފަރާތްތަކުގެ ދަނޑުވެރިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް