ads
ޓްރެއިނިން އިފްތިތާހް ކުރުމުގެ ތެރެއިން
އިމާރާތުގެ ހަކަތަ ސަމަކާރަ ގައިޑްލައިންގެ ޓްރޭނިން ފަށައިފި
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގުޅިގެން ތައްޔާރުކުރަމުން އަންނަ ހަކަތަ ސަމަކާރަ ބިލްޑިން ގައިޑްލައިނުގެ ޓްރެއިނިން މިއަދު ފަށައިފިއެވެ.

އެޓްރެއިނިންގައި ރާއްޖޭގައި ޕްރެކްޓިސް ކުރާ ޕްރޮފެޝަނަލުންގެ 93 ބޭފުޅުން ބައިވެރި ވެފައިވެއެވެ.

އިމާރާތުގެ ހަކަތަ ސަމަކާރަ ގައިޑްލައިނެއް ތައްޔާރުކުރުމުގެ މަގްސަދަކީ އިމާރާތްކުރުމުގެ ދާއިރާ ކުރިއަރައިގެންދާ ދިއުމުގައި، ބިނާކުރާ އިމާރާތްތަކުގައި ކަރަންޓު ބޭނުންކުރަންޖެހޭ މިންވަރު ދަށްކުރުމަށް މިހާރަށްވުރެން ސަމަކާރަ ގޮތްތައް ހިޔާރުކޮށް އިމާރާތްތަކުން އިސްރާފުވާ ކަރަންޓުގެ ނިސްބަތް ދަށްކުރުމެވެ. އެ ގައިޑްލައިނަކީ ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާއާއި އެކުތައްޔާރުކުރާ ގައިޑްލައިނެއް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި އާކިޓެކްޓްސް އެސޯސިއޭޝަނާއި، ސިވިލް އެންޖިނިއާސް އެސޯސިއޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީއާއި، ޔުޓިލިޓީ ކުންފުނިތަކުން ބޭފުޅުންގެ ބައިވެރިވުން ހިމެނެއެވެ

އޮންލައިންކޮށް ފެށި، ތިން ދުވަހުގެ އެޓްރެއިނިން އިފްތިތާހްކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގައި އުފައްދާ ހަކަތައިގެ ބޮޑު ބައެއް އިމާރާތްތަކުގައި ބޭނުންކުރާކަމާއި، އިމާރާތެއް ހަކަތަ ސަމަކާރަ ކުރަން ބޭނުންނަމަ އެ އިމާރަތުގެ ބިންގަލާއެކު އެކަމުގެ އަމަލީ މަސައްކަތް ފެށެންޖެހޭކަން ފާހަގަ ކުރެއްވިއެވެ. 

އަދި އެ ގައިޑްލައިން އަދި އޮތީ ޑްރާފްޓެއްގެ ގޮތުގައި ކަމާއި، އެގައިޑްލައިން ޑްރާފްޓެއް ގޮތައް އޮވެ ޓްރޭނިން ހިންގުމުގެ ބޭނުމަކީ ޓްރޭނިން ތެރޭގައި ހަދާ އެކްސަޒައިޒު ތަކާއެކު އާމުންގެ ހުރި ހިޔާލުވެސް ހިމަނައިގެން ގައިޑްލައިން ފުރިހަމަ ކުރުމުގެ މަޤުސަދުގައި ކަން ފާހަގަ ކުރެއްވިއެވެ. 

އެގައިޑްލައިން ތައްޔާރުކުރަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ ހިލޭއެހީގެ ދަށުން، މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްއިއްޔާ އެކު ހިންގަމުން އަންނަ "ސްޓްރެންތެނިން ލޯ ކާބަން އެނަޖީ އައިލެންޑް ސްޓްރެޓަޖީސް" މަޝްރޫއުގެ ދަށުންނެވެ. 

އެމަޝްރޫއުގެ މައިގަނޑު މަގުސަދަކީ އިމާރާތްކުރުމުގެ ދާއިރާއިން ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމާއި، ރާއްޖޭގައި އުފައްދާ ހަކަތަ އޭގެ އެންމެ ހެޔޮގޮތު ގައި ބޭނުންކުރުމަށް ބާރުއެޅުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް