ads
ވީޑިއޯ ރިޕޯޓް-
ކެމްޕެއިން ކުރަން ނޭނގެނީ ތޯ؟ ނުވަތަ ފުރުސަތު ނެތީ ތޯ؟
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބޭއްވޭނެ ތާރީހު ކަނޑައެޅިގެން ދިޔުމާއެކުގައި އިދިކޮޅުން ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނެތް ކަމުގެ ވާހަކަ ދައްކަން ފެށި އެވެ.

ވެރިކަން ކުރާ ޕާޓީ ކަމަށްވާ އެމްޑީޕީގެ ކެޑިޑޭޓުން ކެމްޕެއިން ކުރަށް ފުރުސަތު ދީފައިވާ ކަމަށާއި އެޗްޕީއޭއިން ވެސް އިދިކޮޅާ މެދުގައި ކަންތައް ކުރަނީ ބޭއިންސާފުން ކަމަށް އެމީހުން ހަރުއަޑުން ބުނަމުން ގެންދެއެވެ.

އެގޮތުން މިއަދު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިދިކޮޅު ފަރާތްތަކަށް ހަމަހަމަ ފުރުސަތު ފަހިކޮށްދޭން ގޮވާލައި، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

ސައީދު ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކުގެ ސިޔާސީ މަންފާ އެންމެ ފުޅާ މިނުގައި ނަގައި، ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ މެމްބަރުން ކަރަންޓީނު ވުމެއް ނެތި އަތޮޅު ތެރެއަށް ގޮސް، ރައްޔިތުންނާ ބައްދަލުކޮށް، ސިޔާސީ ހަރަކާތްތައް ސިއްރާއި ފާޅުގައި ހިންގަމުން އަންނަ ކަމަށެވެ. 

"އެއްވެސް ފުރުސަތެއް ވާދަވެރި އަދި އިދިކޮޅު ފަރާތްތަކަށް ފަހިކޮށްދީފައި ނެތުމަކީ ސަރުކާރުން ލޯކަލް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ދެކޭނެ ފުރުސަތު އެބައޮތް،" - ސައީދު -

ސައީދު މިހެން ވިދާޅުވުމާ އެކުގައި އެމްޑީޕީއިން ވަނީ ވަރުގަދަ ރަށްދެއް އިދިކޮޅަށް ދީފަ އެވެ. އެގޮތުން މައްސަލައަށް ބަހުސްކުރައްވަމުން އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ ވާދަވެރި ސިޔާސީ ހަރަކާތައް އެމްޑީޕީން އަބަދުވެސް ހިތްވަރުދީ ވަކާލަތު ކުރާނެ ކަމަށެވެ. 

"ކޮވިޑް19 އާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތުގައި ވެސް ވާދަވެރި ސިޔާސީ ހަރަކާތް ހިންގަން ޕީޕީއެމް ޕީއެންސީ އަށް ގޮވާލަން. އެމްޑީޕީ އިން މި ހާލަތުގައި ވެސް ކާމިޔާބު ކެމްޕޭނު ހަރަކާތްތައް މި އަންނަނީ ހިންގަމުން،" -އިލްޔާސް-

އަދި އެމްޑީޕީން މިހާރު ވެސް ކެމްޕޭނު ލަވަ ނެރެ، ކެމްޕޭނު ކުރާނެ ގޮތް ކެންޑިޑޭޓުންނަށާއި ކެމްޕޭނު ޓީމުތަކަށް ކިޔައިދީ އެ ފަރާތްތައް ތަމްރީނު ކުރަމުން އަންނަ ކަން ފާހަގަކުރަމުން އިލްޔާސް ވިދާޅުވީ އިންތިހާބު އޮންނަ ދުވަހު މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ މަންދޫބުންނަށް ބޭނުންވާ ތަމްރީނުވެސް ދެމުން އަންނަ ކަމަށެވެ.

އިލްޔާސް މިހެން ވިދާޅުވެފައިވާއިރުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ދުނިޔެ ބޮޑު ޕެންޑެމިކް އެއްގެ ތެރޭގައި އޮތް އިރު، ސިޔާސީ ހަރަކާތަތްތައް ވެސް ކޮންމެސް ވަރަކަށް ބަދަލުވާންޖެހިފައިވާ ކަމަށެވެ. 

ރަށްރަށަށް ގޮސް، މަގުމައްޗަށް ނުކުމެ މެގަފޯނުތައް ހިފައިގެން ވާހަކަ ނުދެއްކޭތީ، އެމްޑީޕީއަށް ވުރެ ބޮޑަށް ހިތާމަކުރާނެ ބަޔަކު ނޫޅޭނެ ކަން ފާހަގަކުރަމުން އީވާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް ގޮވާލުމާއެކު އެމްޑީޕީން ކެމްޕޭނު ހަރަކާތްތައް ފަށައިފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވި އެއް މަސް ދުވަހުގެ ތެރޭގައި އެމްޑީޕީގެ ފަރާތުން 122 ރަށަކާއި، ހަތަރު ސިޓީއަކާއި، 17 އަތޮޅަކާއި 800 އެއްހާ ކެންޑިޑޭޓުންނާއެކު، ކެމްޕޭނު ހަރަކާތެއްގެ ގޮތުގައި ބައްދަލުކޮށްފައިވާ ކަމަށް ވެސް އީވާ ފާހަކޮށްފައި ވެއެވެ.

ހާލަތަށް ފިޓުވާން އެމްޑީޕީން ވެސް ދަސްކުރީ ކަމަށާއި ޕީޕީއެމް އިން ވެސް ޝަކުވާ ކުރުމުގެ ބަދަލުގައި އެކަން ދަސްކުރަންޖެހޭ ކަން ފާހަގަކޮށްލަމުން އީވާ ވިދާޅުވީ އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް އެމްޑީޕީން މަގުމަތީގައި މުޒާހަރާ ކުރުމާއެކު، ވަރުގަދަ ކެމްޕޭނެއް ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. 

"ޕީޕީއެމް އަށް ވެސް އެކަން ދެކަންތައް ވާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލެވޭ ކަމަށާއި އެހެން ނަމަވެސް ހުސް ޝަކުވާގެ ބަދަލުގައި ކޮންމެސް އޮށްޓަރު ހުރި ވާހަކައެއް ވެސް ޕީޕީއެމް ދައްކަން ޖެހޭ،" -އީވާ -

އެހެންކަމުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވެސް އެމްޑީޕީ ފަދައިން އޮންލައިންކޮށް ކެމްޕެއިން ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ރަށްޔިތުންނާ އެޗްޕީއޭގެ ގަވާއިދުތަކާ ހިލާފުނުވާ ގޮތަށް ބައްދަލު ކުރުމުގެ ފުރުސަތުވެސް އެބަ އޮތެވެ.

ޝަކުވާ ކުރުމުގެ ބަދަލުގައި އިދިކޮޅު ކޯލިޝަނުން އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރުން މުހިންމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް