ads
ސީލައިފްގެ އެމްޑީ އައްމަޓީ ---
އައްމަޓީގެ ބަންދަށް 10 ދުވަސް ޖަހައިފި
ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި، ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ، (އައްމަޓީ)ގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އައްމަޓީގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައިވަނީ އޭނާގެބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަކް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. 

މި މައްސަލައިގައި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ، އައްމަޓީގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތަށް އެ އޮފީހުގެ ފަރާތުންވެސް ދިޔަ ކަމަށެވެ. އަދި އައްމަޓީގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ފުލުހުން އެދުނު އިރު، މައްސަލަ ނިމެންދެން އައްމަޓީ ބަންދު ކޮށްދިނުމަށް ޕީޖީގެ ފަރާތުން ޝަރީއަތުގައި އެދުނު ކަމަށް ޝަފީއު ވިދާޅުވިއެވެ. 

އައްމަޓީ ފިލައިގެން އުޅޭތީ، އޭނާ ހޯދަން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް، އޭނާ ހައްޔަރު ކުރި ކަމަށް އިންޓަޕޯލުން ފުލުހުންނަށް އެންގީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ.  

އެގޮތުން ލަންކާ ފުލުހުން އައްމަޓީ ހައްޔަރު ކުރީ، ލަންކާ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް މީގެ ކުރިން ފުލުހުން ބުނެފައި ވެއެވެ. 

އައްމަޓީގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ރާއްޖެ ގެނައީ މިއަދު ކަމަށް ފުލުހުން މީގެ ކުރިން މައުލޫމާތު ދީފައިވެއެވެ. 

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން 280 މީހުންގެ އަތުން ފައިސާ ނެގި އެވެ. އެކަމަކު އެޕާޓްމަންޓްތައް ނުލިބި އެމީހުންނަށް އިންސާފު ނުލިބި ލަސްވާތީ އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ އައްމަޓީ ހައްޔަރުކުރަން ގޮވާލާއި މީގެ ކުރިން ތަފާތު ހަރަކާތްތައް ވެސް ބާއްވާފަ އެވެ. 

ސީލައިފްގެ ހައުސިންގް ޔުނިޓުތައް އެޅުމަށް ކޮންމެ މީހެއްގެ އަތުން ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާ ނަގާފައިވާ ކަމަށް ވެ އެވެ.

ދެހާސް ސާދަ ވަނަ އަހަރު އިއުލާންކުރި އެ މަޝްރޫއުގައި ސީލައިފުން ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނުކޮށް ފައިސާ ނެގުމުގެ ސަބަބުން ގެއްލުންވި މީޙުންގެ ތެރެއިން 203 މީހަކު ވަނީ ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަ ސަރުކާރުން ކޯޓުން ބޭރުގައި ނިންމީ ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ފްލެޓް ގަތުމަށް އެމީހުންނަށް ފުރުސަތުދޭ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް