ads
ވިއްސާގެން ދިޔަ ފުރާޅު މަގުމަތީގައި——
ގަދަވަޔާއިއެކު ވިއްސައިގެންދިޔަ ޓިނުގަނޑުން ނުޖެހި ސަލާމަތްވީ ހަމަ ކިރިޔާ!
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޮސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މެޓުން ލަފާކުރާގޮތުން ގުގުރުމާއެކު ބޯކޮށްވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަަށް ވައި ގަދަވާނެއެވެ.

މާލޭ ސިޓީއަށްވެސް މިއަދު ވަނީ ހުއްޓާނުލާ އެތައް އިރެއްވަންދެން ބޯކޮށް ވާރޭވެހިފައެވެ. މިހާރު ވާރޭ ހުއްޓާފައި ވީނަމަވެސް ގަދަ ވަޔާއިއެކު ގިނަ ގެއްލުންތަކެއް އެކި ސަރަހައްދުތަކަށް ދަނީ ލިބެމުންނެވެ. 

އެގޮތުން ލޮނުޒިޔާރާތް މަގުގައި ހުރި ގަހެއް ވެއްޓި އެ މަގު ބަންދުކުރަން ޖެހުނުއިރު، ވައިގަދަ ވުމުގެ ސަބަބުން ބްރިޖް ވިއު ޕްލެޓްފޯމްގެ ފުރާޅުވެސް ވަނީ ވަޔާ އެއްލާލާފައެވެ. 

ސޯޝަލް މީޑިއާގައި މީހަކު ހިއްސާކުރި ވީޑިއޯއެއްގައި، ބްރިޖް ޕްލެޓްފޯމުގެ އިތުރުން ބްރިޖް ޕްލެޓް ފޯމު ކައިރީ ހަދަމުންދާ ތަނެއްގެ ޓިނުތައް ވަޔާ ދާތަން ފެނެއެވެ. އެގޮތުން އެއް ޓިނުގަނޑު ވަޔާއެކު މަގުމައްޗަށް ވިއްސާގެންދިޔައިރު ވީޑިއޯއިން ފެންނަ ގޮތުން އެވަގުތު މަގުމަތިން ސައިކަލްގައި ދާން އުޅުނު މީހެއް ޓިނުގަނޑުގައި ނުޖެހި ސަލާމަތްވެފައިވަނީ ހަމަ ކިރިޔާއެވެ. 

ޓިނުގަނޑު ވިއްސާގެން ދިޔަ ވަގުތުގެ ކުޑައިރުކޮޅެއްގެ ކުރިން އެމީހާ ސައިކަލް މަޑުޖައްސާލާތަން ފެނެއެވެ. އެޔަށްފަހު ކުއްލިއަކަށް އެ ޓިނުގަނޑުވަނީ ވިއްސާގެން އައިސް އެމީހާގެ ސައިކަލް ކުރިމައްޗަށް ވަނީ ވެއްޓިފައެވެ. އެވަގުތު ގިނަ ބައެއް މަގުމަތީގައި ހަރަކާތްތެރިވަމުންދިޔައިރު އެފަދަ އެއްޗަކުން ޖެހިއްޖެނަމަ ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. 

ގަދަ ވަޔާއިއެކު މާލޭގެ ސަރަހައްދުތަކުން މިފަދަ ހާދިސާތައް ހިނގަމުންދާއިރު އެކަމަށް ސަމާލުވާން ޕްލޭނިން މިނިސްޓްރީންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އެ މިނިސްޓްރީން ނެރެފައިވާ ނޯޓިސްއެއްގައި ވަނީ، މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި އިމާރާތްތަކާއި، އިމާރާތްކުރަމުންދާ ތަންތަނުގައި ބަހައްޓާފައިވާ ތަކެއްޗާއި ހަރުކޮށްފައިވާ ތަކެތި ހުރީ ވަޔާ އެއްލާނުލާނެ ފަދަ ގޮތަކަށް، ރައްކާތެރިކޮށް ކަން ކަށަވަރުކުރުމަށް އެދިފައެވެ.  

ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލާފާކޮށް މިހާތަނަށް ދެ ޔެލޯ އެލާޓެއް މެޓުން ވަނީ ނެރެފައެވެ. އެންމެ ފުރަތަމަ އެލާޓެއް ނެރެފައިވަނީ ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. އެޔަށްފަހު މޫސުން ގޯސްވެ އިތުރު ޔެލޯ އެލާޓެއް ނެރެފައި ވަނީ ހަވީރު 17:00 އިންފެށިގެން މިރޭ 21:00 ގެ ނިޔަލަށް ށ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ. 

މެޓުން ބުނީ މިސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށްވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. 

މެޓުން ބުނީ، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ދެކުނު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން، ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. 

އޭގެއިތުރުން މޫސުން ގޯސްވެ، ކަނޑުތައްވެސް ގަދަވާނެތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވާން އެމްއެންޑީއެފްއިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.  

މިގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރެ އެވެ. 

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވެސް އެދިފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް