ads
ގައިޑްލައިންއާ ހިލާފަށް ހިންގި ފިހާރައެއް ބަންދުކޮށްފައި--
ކުދި ވިޔަފާރީތައް އިނދަޖެހެނީ ކީއްވެ؟
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ދިވެހިރާއްޖެ ކުރިމަތިލާން ޖެހިފައިވާއިރު މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވެފައެވެ. އުންމީދު ނުކޮށް ހުއްޓާ އައި މި ވަބާގައި އެންމެ ބޮޑު ގެއްލުންތަކެއް ވީ އެއް ބަޔަކަށް ވާނީ ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކެވެ. ނަމަވެސް ކޮވިޑް 19 ގެ ހާލަތުގައި އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދިންނަމަވެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބުނަމުން އަންނަނީ އެމީހުން "އިދަޖެހެމުން" ދާކަމަށެވެ.

އިގްތިސާދުގެ ބޮޑު ދެ ސިނާއަތް ކަމުގައިވާ ފަތުރުވެރިކަމާއި، މަސްވެރިކަމުން ފެހި ސިގުނަލް ފެންނަމުން އަންނައިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން މާޔޫސްވާން ޖެހުނީ ކީއްވެތޯ ބަލައިލީމެވެ. މިގޮތުން ވިޔަފާރިވެރިންނާއި ކަމުގެ މާރިހުންގެ ލަފާ ހޯދައިލީމެވެ. 

ކުދި ވިޔަފާރި ވެރިން މި ދަރަޖައަށް ދާންޖެހުނު ޖެހުނު މައިގަނޑު ސަބަބަކީ، މިފަދަ ކަމެއް ދުވަހަކު ވެސް ކުރިމަތި ވެދާނެ ކަމަށް އަންދާޒާ ކުރެވިފައި ނެތުމެވެ. އެހެން ކަމުން މިފަދަ ހާލަތަކަށް ތައްޔާރުވެ، ކަންކުރާނެ ގޮތުގެ ޕްލޭނެއް ކުރިއާލައި ހެދިފައި ނެތުމުން، ކަން ކުރާނެ ގޮތެއް ނުވިސްނި ގޮތް ހުސްވީއެވެ. ދުނިޔޭގައި މި ބަލި ފެތުރެމުން ދިޔަ އިރުވެސް ހީކުރެވިފައި އޮތީ ރާއްޖެއަށް މިބަލި ނާންނާނެ ކަމަށެވެ. ނުވަތަ އޭގެ މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ.

ނަމަވެސް އަލުން އެ ވިޔަފާރިތަކަށް އަރައިގަނެ ކުރިން ހުރި ދަރަޖައަށް ދާން އެޅޭ ހުރަހަކީ ދައުލަތުންނާއި، ގާނޫނުތަކުން އަދި ގަވާއިދުތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކާއި ބޮޑު ފަރަގެއް ބެހެއްޓުންކަމަށް ކަމުގެ މާހިރުން ދެކިލައްވައެވެ.

ނަމަވެސް ވިޔަފާރިވެރިންނަށް މިކަން އިހުސާސުވަނީ މުޅިން އެހެން ގޮތަކަށެވެ. ވިޔަފާރި ތަކަށް ދިމާވެފައިވާ ދަތި ތަކުގެ ތެރޭގައި ވިޔަފާރި ތަކަށް ބޭނުންވާ ތަކެތި އަގު ބޮޑުވުން މިއީ ވަރަށް ދަތި ކަމެއް ކަމުގައި ވިޔަފާރިވެރިން މައުލޫމާތު ދެއެވެ. މުދާ ވިކޭ ވަރު ވަރަށް ބޮޑަށް މަދު ވެފައި ވާއިރު، މުދަލުގެ އަގު ބޮޑު ވުމުގެ އިތުރުން ވިޔަފާރި ކުރުމަށް ބޭނުންވާ އެހެނިހެން ހަރުމުދާ އަގު ބޮޑު ވުމާއި ގުޅިގެން ލިބޭ އާމްދަނީ ކުޑަވެ، ބޮޑެތި ގެއްލުން ތަކެއް ލިބެމުންދާ ކަމުގައިވެސް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. 

ރާއްޖެއިން ބޭރުން ގެންނަ މުދާ މިހާރު ނުގެނެވުން މިއީ ވެސް ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއްގެ ގޮތުގައި އެމީހުން ފާހަގަ ކުރެއެވެ.

އަހަރެމެންނަކީ ބެންކޮކުން މުދާ ގެނެސްގެން ވިއްކާ ބައެއް. މިހާރު އެކޮޅަށް ގޮސް މުދާ ގަންނަން ވަރަށް އުނދަގޫ. ދެވޭ ފަހަރެއްގަ ވެސް ގެނެވޭ މުދާ އަގު ބޮޑު ވީމަ ވިއްކަން ޖެހެނީ ބޮޑު އަގުގަ. އޭރަށް ގަންނަ މީހުން މަދުވޭ. ދއން އޮތީ އަގު ހެޔޮކޮށް ވިއްކުން، އޭރުން ލިބޭ ފައިދާ ވަރަށް ބޮޑުތަން ކުޑަވޭ. -ބޭރުން މުދާ ގެނެސްގެން ވިއްކާ ފަރާތެއް-

އަދި ރިސޯޓު ތަކަށް މުދާ ވިއްކާ ފަރާތްތަކުން އެމީހުންނަށް ވެސް ވަރަށް ބޮޑެތި ދަތިތަކެއް ހުރި ކަން ފާހަގަ ކޮށްފައިވެއެވެ.

މިހާރު ރާއްޖެ އަންނަ ފަތުރުވެރިން މަދުވީމަ ހިންގާ ރިސޯޓުތައް ވަރަށް މަދު. އަނެއްކާ މުދާ ގަންނަ ރިސޯޓަކުންވެސް ގަންނަނީ ވަރަށް މަދުން. އެހެން ވީމާ ހަގީގަތުގަ ކުރާ ވިޔަފާރީގެ ދެކޮޅު ނުޖެހޭ -ރިސޯޓުތަކަށް މުދާ ވިއްކާ ފަރާތެއް-

މާލޭގައި ހިންގާ ގިނަ ފިހާރަ ތަކަކީ އިމާރާތަށް ބޮޑު ކުއްޔެއް ދައްކައިގެން ހިންގާ ވިޔަފާރިތަކަށް ވެފައި މިހާރު ލިބޭ އާމްދަނީ ކުޑަ ވުމުގެ ސަބަބުން ކުލި ދައްކާފައި ގެއަށް ގެންނަން އެއްވެސް ފައިދާއެއް ނޯންނަ އިރު، ގިނަ ފަހަރަށް ވަނީ ގެއްލުނ ކަމުގައި އެފަރާތްތަކުން ބުނެއެވެ. 

މީގެ އިތުރުން އަތޮޅު ތެރޭގައި ހިންގާ ފިހާރަ ތަކަށް ވެސް ވަރަށް ގިނަ ދަތިތަކެއް ކުރިމަތި ވަމުން އަންނަ ކަމުގައި ބުނަމުން އެފަރާތްތަކުން ފާހަގަ ކޮށްފައި ވަނީ އެންމެ ދަތި ވަނީ މިހާރު ބޭނުންވާ ގިނަ މުދާ ނުލިބުން ކަމުގައެވެ. އަދި ލިބޭ މުދާ މަދު ވެފައި، ނާލުގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހުމުން ކުރާ ވިޔަފާރި އިން ދެކޮޅު ނުޖެހޭ ކަމުގައެވެ. 

އަސްލު އެންމެ އުނދަގޫ ވަނީ މިހާރު މުދާ ހޯދަން. ބޭނުންވާ މުދާ ގިނަ ފަހަރު އޮންނަނީ ނުލިބިފަ. އަނެއްކާ މަދު މުދާ ކޮޅެއް ލިބޭއިރު ނާލު އެހާ ބޮޑު. އަހަރެމެންގެ ދޯންޏެއް ނޯވޭ އެހެންމަ ޖެހެނީ ނާލަށްް ބޮޑު އަގެއް ދައްކައިގެން މުދާ ގެންނަން. އަނެއްކާ ރަށުގެ ގިނަ މީހުންނަކީ ރިސޯޓު ތަކުގަ އުޅޭ މީހުން ވީމަ ވަޒީފާ ގެއްލިފަ ހުރީ މިހާރު. ދެން އެމީހުންނަށް ވެސް އިތުރު ގޮތެއް ނެތީމަ ދަރަންޏަށް ނަގަނީ. ދަންނަ މީހުން ވީމަ ނުކެރޭ ނުދީ ހިފަހައްޓަކަށް ވެސް. އެހެންމާ މިހާރު ނުހުރޭ ފިހާރަ ހިންގާ ވަރަށް ކޭޗް އަސްލު. - ވިޔަފާރިވެރިއެއް-

ހަމަ އެހެންމެ ގިނަ ބައެއްގެ ވަޒީފާ ގެއްލިފައި ވުމުން ދަރަންޏަސް ތަކެތި ނަގާ މިންވަރު ގިނަ ވެފައި ވާއިރު، ވިޔަފާރި ހިންގުމަށް އެކަށީގެންވާ ވަރަށް އަތުގައި ފައިސާ ނުހުންނަ ކަމަށް ވެސް މިފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް އެއް ރަށެއްގައި އުޅޭ ދަންނަ މީހުންތަކެއް ހާލުގައި ޖެހިފައިވާއިރު ދަރަންޏަށް ތަކެތި ދޫ ނުކޮށް ހިފަހައްޓަން ނުކެރޭ ކަމުގައި ވެސް މިފަދަ ފަރާތްތަކުން ވަނީ ބުނެފައެވެ. 

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ވަމުން އަންނަ ގެއްލުން ތަކަށް ލުޔެެއް ހޯދައި ދިނުމުގެ ގޮތުން އީއައިބީގެ އެހީ އާއި އެކުގައި ބީއެމްއެލްއިން ވަނީ ލޯނު ދިނުމަށް ނިންމާފައެވެ. އެގޮތުން މި ލޯނުގެ ދަށުން 15.42 މިލިއަން ރުފިޔާ އާއި ހަމައަށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައި ވާއިރު މުއްދަތުގެ ކުރިން ފުރުސަތު ބަންދު ކޮށްފައިވަނީ މިއަދަދު ހަމަ ވުމާއި ގުޅިގެންނެވެ. 

އެގޮތުނަ ބައެއް ވިޔަފާރިވެރިން ބުނެފައި ވަނީ ލިބުނު ފައިދާއަށް ވުރެ ގެއްލުން ބޮޑު ވުމުގެ ސަބަބުން ވިޔަފާރި މިހާރު ހުއްޓާލާފައި ވާ ކަމަށެވެ. އަދި ބައެއް ވިޔަފާރިވެރިން ބުނެފައި ވަނީ ދުވާލެއްގެ މައްޗަށް ތިންހާސް ރުފިޔާ ވެސް ނުލިބޭ ކަމަށާއި މިކަމުގެ ސަބަބުން މުވައްޒަފުންގެ މުސާރަ އާއި ކުލި ދައްކަން އުނދަގޫވެފައިވާ ކަމަށެވެ.

މި ލޯނުގެ ފައިސާ އަނބުރާ ދައްކަން ހަތަރު އަހަރާއި ހަތް އަހަރުގެ މުއްދަތެއް ލިބޭއިރު އިންޓެރެސްޓް ގެ ގޮތުގައި ދައްކަން ޖެހެނީ އެންމެ ހަ އިންސައްތަ ރުފިޔާއެވެ. މީގެ ސަބަބުން ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށް ބެލެވެއެވެ.

އަނބުރާ ކުރީގެ ހާލަތަށް ނައި ކަމުގައި ވިޔަސް ފަތުރުވެރި ކަމުގެ ސިނާއަތާއި މަސްވެރި ކަމުގެ ސިނާއަތް މަޑުމަޑުން ކުރި އަރަމުން އަންނަ އިރުގައި ވެސް މެދު ފަންތީގެ ވިޔަފާރިތަކަށް ގެއްލުން ވަމުންދާ ކަމަށް އެމީހުން ބުނުމެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މިއަހަރު ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި މިންވަރު ވަނީ 34.2 އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް އެ ސިނާއަތަށް ފެހި ސިގުނަލް އޮތްކަމަށް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ބުނަމުންނެވެ. މިއަހަރު ނިމޭއިރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަކީ އެ މިނިސްޓްރީގެ އަމާޒެކެވެ. 

ކޯޕަރޭޓް ސްޓްރެޓެޖީ އެންޑް ގަވާނޭންސް އިން މާސްޓާސް ޑިގްރީ ހާސިލް ކޮސްފައިވާ އަހުމަދު މިހާދު ވިދާޅުވީ، މެދު ފަންތީގެ ވިޔަފާރި ތަކަށް މި އަޑިގަނޑުން އަރައި ނުގަނެވިގެން އުޅޭ މައިގަނޑު އެއް ސަބަބަކީ ހަރަދުތައް ބޮޑުވުން ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުން ދޭ އަހަމިއްޔަތުކަން ކުދި އަދި މެދުފަންތީގެ ވިފާރިތަކަށް ނުދޭތީކަމަށެވެ. 

މި އަޑިގަނޑުން އަރައިގަންނަން ބޭނުންވާ ނަމަ ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ފިޔަވާ އެހެން ހުރިހާ ހަރަދެއް ކަނޑާލުމަކީ ވަރަށް މުހިންމު. އަޑި ގަނޑަށް ވެއްޓެން ދިމާވި މައިގަނޑު ސަބަބަކީ ދުރާލާ މިފަދަ ކަމަކަށް ތައްޔާރުވެ، ކަން ކުރާނެ ގޮތުގެ ސްޓްރޭޓެޖިކް ޕްލޭނެއް ހެދިފައި ނެތުން. -މިހާދު-

މީގެ އިތުރުން ފަތުރުވެރި ކަމުގެ ސިނާއަތް އަލުން ކުރިއަރަން ފަށާފައިވާކަން ފާހަގަ ކުރަމުން ކުރީގެ އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ލެކްޗަރާއެއްގެ ގޮތުގައި ވެސް އުޅުއްވި މިހާދު ވިދާޅުވީ ފަތުރުވެރި ކަމުގެ ސިނާއަތަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެމުން އަންނަ ކަމަށާއި މެދު ފަންތީގެ ވިޔަފާރި ތަކަށް ވެސް މިފަދަ އަހައްމިޔަތު ކަމެއްދީފި ނަމަ ކުރިއަރާ ދާން ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ.

ހަމައެހެންމެ، އީއައިބީ ލޯނުގެ ސަބަބުން ފަސޭހަ ތަކެއް ވެދާނެކަން ފާހަގަ ކުރަމުން އޭގައި ރިސްކުވެސް ބޮޑުކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ލޯނު ނަގައިގެން ވިޔަފާރި އިތުރު ހަރުފަތަކަށް ނުގެންދެވިއްޖެނަމަ އެކަމުގެ ބިރުވެރިކަން ބޮޑުވާނެކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. 

މި ލޯނުގެ ބޭނުން ކޮށްގެން ވިޔަފާރި އިތުރު ހަރުފަތަކަށް ގެންގޮސް ކުރިއަރުވަން ޖެހޭނެ. އެހެން ނޫނީ ހަމަ އެކަނި ވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މި ލޯނު ނަގައިފި ނަމަ ފަހުން ދައްކަން ޖެހޭ ރުފިޔާ ގިނަ ވާއިރު، ވިޔަފާރި އިތުރު ހަރުފަތަކަށް ނުގޮސް އޮންނާނީ. މީގެ ސަބަބުން ވާ ފައިދާއަށް ވުރެ ފަހުން ދައްކަން ޖެހޭ ރުފިޔާ ގިނަ ވީމާ ގެއްލުން ބޮޑުވެދާނެ.

ވިޔަފާރިތައް މެދުގައި ފަރަގު ކުރުން ނައްތާލުން މުހިންމު: 

ކޮވިޑް 19 ގެ ހާލަތުން ދިވެހިރާއްޖެ އަރައިގަންނަމުން އަންނައިރު، އެ ހާލަތާއި އެއްގޮތަށް ބޮޑެތި ވިޔަފާރިތައް ވަކިން ހާއްސަކަށް ފަތުރުވެރިކަން އަންނަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. ސަރުކާރުގެ ފަރާތުން ވެސް ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ ބުރަ މަސައްކަތް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ކޮވިޑަށްފަހު ކުރަމުން އަންނަތަނެއް ނުފެނެއެވެ. އަދި ކޮވިޑުގެ ކުރިންވެސް އިސްކަން ދީފައި އޮތީ ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ ބޮޑެތި ސިނާއަތްތަކަށްކަން ފާހަގަކޮށްލެވެއެވެ. 

ކޮވިޑް 19 އިން އަރައިގަތުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ސްކީމުތަކެއް ސަރުކާރުން ހުޅުވާލި ނަމަވެސް އެ ސްކީމްތަކަކީ ބޮޑު ރިސްކެއް އޮތް ސްކީމްތަކެއްކަމަށް ކަމުގެ މާހިރުން ދެކިލައްވައެވެ. ސަބަބަކީ ލޯނާއެކު ވިޔަފާރި ކުރި ނޭރުވިއްޖެނަމަ ބޮޑު ދަރަންޔަކާއި ކުރިމަތިލާންޖެހޭނެތީއެވެ. 

ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ އެންމެ މުހިންމު މައުލޫމާތު ކަމާގުޅުންހުރި މުއައްސަސާތަކުންވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުންވެސް މުހިންމެވެ. ސަބަބަކީ ވިޔަފާރިތައް ކުރިއަށް މައުލޫމާތާއި ހުނަރުވެރިކަން ވެސް މުހިންމު ވީމައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް