ads
ވީޑިއޯ ރިޕޯޓް-
މޫނު ނެތް ބަޔަކަސް ވޯޓުލާން ވީމަ ފެނޭ!
މިއީ ސިވިލް ސާވިސްގެ ގާނޫނަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ހުށައެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކައެކެވެ. ސިވިލް ސާވިސް މުވައްޒަފުންނަކީ ބައެއްގެ "އަޅުން" ތަކެއް ކަމަށް ދޭހަވާ މޭރުމުން، ސަލީމް މި ދެއްކި ވާހަކަ އިސާހިތަކު ސޯޝަލް މީޑިއާގައި ދައުރުވެ، އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވި އެވެ.

ސިވިލް ސާވިސް މުވައްޒަފުންނަކީ ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން، ކައްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެންޖެހޭ ބައެއްގެ ގޮތުގައި ސަލީމް ވިދާޅުވެފައި ވަނީ ތަޖުރިބާކާރުން ވެސް އެމީހުންނަކީ "ފޭސްލެސް" ބައެއްގެ ގޮތުގައި ސިފަކުރާ ކަމަށް ވިދާޅުވެ އެވެ. ސިވިލް ސާވިސްގެ މުވައްޒަފަކަށްވުމާއެކު އެމީހުންނަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުން މަހްރޫމްވެގެންދާ ބަޔަކަށްވާނެ ކަމަށް ދޭހަކޮށް ދެއްވެވި ވާހަކަތަކާއެކު މެމްބަރު ސަލީމް ވެއްޓުނީ ހޫނު ފެނަށެވެ. އެތައް ބަޔަކު އޭނާއާާ ދިމާކޮށްލީ އެވެ. 

ރާއްޖޭގައި ވަޒީފާ އަދާކުރަމުންދާ މީހުންގެ ނިސްބަތުން ބޮޑު އިންސައްތައަކީ މިބުނާ ސިވިލް ސާވަންޓުންނެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި އަދިވެސް ސަރުކާރުގެ އެކި ތަންތަނުގައި މަސައްކަތް ކުރަމުންދާ ސިވިލް ސާވެންޓުންނާއި ދިމާކޮށްލުމަކީ މީހުން އެހާ ރުހުން ކަމަކަށް ވެސް ނުވި އެވެ. ވާނީވެސް އެހެންތާ އެވެ. މި ކުޑަކުޑަ އާބާދީ އޮތް ރާއްޖޭގައި ކޮންމެ އާއިލާއެއްގައި ވެސް މިބުނާ ސިވިލް ސާވަންޓުންގެ ދެތިން ހަތަރު މީހުން ތިބެ އެވެ. ލިބޭ މުސާރައާ ނުބައްދަލު މިންވަރަށް ބުރަ މަސައްކަތްކޮށް އެތައް ދަލެއް އޮހޮރުވައިގެންވެސް ކުރެވުނު ރަނގަޅު ކަމެއް ނެތް މޭރުމަކުން މަޖިލީޙުގެ އިއްޒަތްތެރި މެމްބަރަކު ވާހަކަ ދެއްކުމުން، އެކަން ހަޖަމުކުރަން ވެސް ދަތިވާނެ އެވެ. ގެއަށް ގެންދަން ރަނގަޅު އާމްދަނީއެއް ނުލިބުނުތާ މަޖިލީހުގެ ތަޅުމުގައި ކޮށްލީ ފަލީހަތެވެ. ސިފަކުރެއްވީ އަޑެއް ނެތް އަޅުންތަކަކަށެވެ.

ކޮންމެއަކަސް މުޅި ރާއްޖެ މިކަމުގައި އަޑުއުފުލަމުން އަންނައިރު އަޅުގަނޑުގެ ނަޒަރު ވެސް ހިއްސާކޮށްލާނަމަވެ އެވެ. އެއްގޮތަކަށް ވެސް މެމްބަރު ސަލީމްގެ ވާހަކަތަކަށް އަޅުގަނޑަށް އެއްބަސް ވެވޭކަށް ނެތެވެ. ސިވިލް ސާވިސްގައި މަަސައްކަތްކުރާ މީހަކަށް ވުމަކީ އެއްގޮތަކަށް ވެސް އޭނާގެ ހިޔާލާއި ޝުއޫރު ސޯޝަލް މީޑިއާގައި ހިއްސާނުކުރެވޭނެ ސަބަބެއް ނޫނެވެ. ބޭނުންހާ ވާހަކައެއް ވެސް ނުދެއްކެންވީ ސަބަބެއް ނޫނެވެ. އަދި އޭނާގެ އަޑު ކަނޑުވާލާ މަރު ތަންމައްޗާއި ހަމައަށް އަނގައިގައި ޓޭޕު އަޅާފައި ބައިތިއްބަން ވެސް ޖެހޭ ސަބަބެއް ނޫނެވެ. ބަޔަކު މީހުން ހެދިހާ ގޮތެއް ހަދަން މަޑުން ތިބެންވީ ސަބަބެއްވެސް ނޫނެވެ. ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ލިބޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދޭއިރު ސިވިލް ސާވަންޓުން އެކަމުން އިސްތިސްނާވާނެ ވަކި ސަބަބެއް ވެސް ގާނޫނުގައި ނެތެވެ. 

މެމްބަރު ސަލީމްގެ ރާގު ހުރި ގޮތަށް ބަލާއިރު މިއީ ލަދުވެތި ވާހަކަތަކެކެވެ. ހުދު އިއްޒަތްތެރި މެމްބަރު ނިސްބަތްވެވަޑައިގަންނަވާ ހޯރަފުށީ ދާއިރާއަށް ބަލާނަމަ ވެސް އެތައް ސިވިލް ސާވަންޓުންނެއް އަންނަނީ އެތަނުގައި މަސައްކަތްކުރަމުންނެވެ. މިއީ އެމީހުނަށް ވެސް ކޮށްލެވުނު ފުރައްސާރައެކެވެ. 

އެމީހުންނަކީ ފޭސްލެސް ބައެއް ކަމަށް ވިދާޅުވާ މި ވާހަކަ އިންތިހާބަކާ ދިމާކޮށް ހަނދާނަށް ގެންނަން މުހިއްމެވެ. އެއްކަލަ ސިވިލް ސާވަންޓުގެ ގާތަށް ވޯޓު ހޯދަންދާއިރު ވެސް އެމީހުންނަކީ އަޑެއް ބަޑެއް އިއްވުމުގެ ބާރު ނެތް ބައެއް ކަމާއި ވަޒިފާގެ އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން ކަށްވަޅަށް ދާންދެން އަނގަމަޑުލައިގެން ތިބެޖެހޭ ބައެއް ކަމަށް އާރާއި ބާރު އޮތް ދުވަހު ވިދާޅުވެވުނު ހަނދާންވެއްޖެނަމަ ހަމަ ހަގީގަތުގައި ވެސް ލަދުވެތިވާނެ އެވެ. 

ދައުލަތުގެ މުވައްޒަފުންނާއި މަސައްކަތްތެރިން "އަޅުވެތި" ކުރުމުގެ ސަގާފަތް ނައްތާލަން ޖެހެ އެވެ. ރުންކުުރު ގޮތަކަށް މައާފަށް އެދުމަކީ އެކަން ސިވިލް ސާވަންޓުންގެ ހިތުން ފަސޭހައިން ފިލައިގެންދާނެ ކަމެއް ނޫނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް