ads
ޕީޖީ ޝަމީމް މިއަދުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި.. ފޮޓޯ: މަޖިލިސް
އެކަށީގެންވާ ސަބަބެއް ނެތުމުން ވެންޓިލޭޓަރުގެ މައްސަލާގައި ދައުވާ ނުކުރަން ނިންމައިފި
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، އެކަމުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީން ނިންމި ނިންމުން މުރާޖާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ހުށަހެޅި ހުށަހެޅުން އެ މައްސަލަ މުރާޖާ ކުރާނެ އެކަށީގެންވާ ސަބަބެއް ނެތްކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަބުރާ ފޮނުވާލައިފި އެވެެ.

ވެންޓިލޭޓަރުގެ މައްސަލައިގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭހެން 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް އެދި އޭސީސީން މައްސަލަ ޕީޖީއަށް ފޮނުވި އެވެ. އެ މައްސަލަ ޕީޖީއަށް ފޮނުވުމުން ޕީޖީން ވަނީ އެކަމުގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރަން ނިންމާފައެވެ. އެހެންކަމުން އެ މައްސަލަ އަލުން މުރާޖާ ކުރުމަށް އެދި އޭސީސީން ވަނީ ޕީޖީގައި އެދިފައެވެ.

އެހެންނަމަވެސް އެ މައްސަލަ އަލުން މުރާޖާ ކުރުމަށް ނުފެންނަ ކަމަށް ނިންމާ، ކުރިން ޕީޖީން އެކަމުގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރަން ނިންމާފައިވާ ނިންމުން ބަދަލު ނުކުރާނެކަން ޕީޖީ އޮފީހުން އޭސީސީއަށް އަންގާފައިވާ ކަމަށް ފެތުރޭ އަޑުތަކާއި ގުޅޭގޮތުން ޕީޖީ އޮފީހުން ސީއެންއެމްއަށް ބުނީ އެ މައްސަލަ އަބުރާ ފޮނުވާލާފައިވަނީ އެ މައްސަލަ މުރާޖާ ކޮށްދިނުމަށް ކަމަށް ބުނެ ފަހުން އޭސީސީން ފޮނުވާފައިވާ ކަންކަމުގެ ތެރޭގައި، ޕީޖީން އެ މައްސަލާގައި ދައުވާ ނުކުރަން ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ވަރުގެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށެވެ.

ވެންޓިލޭޓަރު މައްސަލާގައި، ދައުވާއެއްކޮށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ޕީޖީން މީގެ ކުރިން ވެސް ބުނެފައިވާތީ، އެކަމުގައި ހިލާފު އުފެދި އެ މައްސަލަ އިތުރަށް މުރާޖައާ ކުރުމަށާއި، ތަހުގީގީ އެހެން އިދާރާތަކުގައި ހުރި އެމައްސަލައާއި ގުޅޭ ހެކި ހޯދުމަށް، ޕީޖީއަށް ލަފާ އެރުވުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު މަޖިލީހުންވެސް ވަނީ ނިންމާފައި ވެއެވެ. 

އެކަމުގައި ޕީޖީން އެ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުމުން ޖުޑިޝަރީ ކޮމިޓީން އެކަން ބެލުމަށް ފަހު ނިންމާފައިވަނީ ތިން ހުށަހެޅުމެއް ޕީޖީއަށް ހުށަހެޅުމަށެވެ. 

އެ ތިން ހުށަހެޅުމަކީ، ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި ހުރި މި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ލަފާއެރުވުމާއި، ކޮމިޓީގެ ފުރަތަމަ ހުށަހެޅުމުގައި ވާ ގޮތަށް އަމަލު ކުރުމާއެކު، މި މައްސަލަ އަލުން މުރާޖައާ ކުރުމަށް ޕީޖީއަށް ލަފާއެރުވުމާއި، މި މައްސަލަ އަލުން މުރާޖައާ ކުރުމާ މެދު ޕީޖީ އޮފީހުން ނިންމަވާ ގޮތެއް، ޖުޑީޝަރީ ކޮމިޓީއަށް އެންގުމަށް ދެންނެވުމެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން އެނގުނީ ހެލްތު މިނިސްޓްރީގެ އޮޑިޓުންނެވެ.

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލާގަ އެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ހެލްތް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން އަދި 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް