ads
އަސްލަން
އައްޑުއަށް އުފާވެރި ދުވަހެއް، އަހުގެ ދަތުރުތައް ފެށިއްޖެ!
އައްޑޫއަށް މިމަހުގެ ހަ ވަނަ ދުވަހު އަސްތައް ގެނައީ ސަދަން ސްޓެލިއަންސް ކުންފުނީގެ ފަރާތުންނެވެ. އެ ދުވަސް ވެގެން ދިޔައީ އައްޑޫސިޓީގެ އެތައް ޒުވާނުންނެއްގެ ދިގު އިންތިޒާރެއްގެ ފޮނި ނިމުން ގެނުވި ދުވަހަކަށެވެ.

އައްޑޫ ސިޓީއަށް ގެނައި އަސްތައް ބަލާލާއި، އަސްތަކާއެކު ފޮޓޯ ނަގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް އޮތީ ހުޅުވާލާފައެވެ. އެހެންނަމަވެސް އަސްތައް މާހައުލަށް ހޭނުމަށް އިތުރު ވަގުތު ބޭނުންވާތީ އަސްތައް ދުއްވަން މިހާތަނަށް ފުރުސަތު ހުޅުވާ ނުލާއޮތުމަށްފަހު އިއްޔެ މިވަނީ އެ ފުރުސަތުވެސް ހުޅުވާލާފައެވެ. 

މާހައުލަށް އެންމެ އަވަހަށް ހޭނުނު "އަސްލާން" އާއި އެކީ އިއްޔެ އައްޑޫ ރައްޔިތުންނަށް އަސްދުއްވުމުގެ ފުރުސަތު ހުޅުވާލިއިރު ގިނަ އަދަދެއްގެ ކުޑަކުދިންވަނީ އެ ފުރުސަތުގެ ބޭނުންކޮށް މި ތަޖުރިބާ ކޮށްފައެވެ. ދައުރުވަމުންދާ ފޮޓޯތަކަށް ބަލާލުމުން އެ ކުދިންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ކުލަވަރުތަކެވެ. 

އައްޑޫއަށް އަސްތައް ގެނައި "ސަދަން ސްޓޭލިއަންސް" ކުންފުނީގެ އަހުމަދު އަގްލީލް (ކިޑް) މިއަދު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަސްތަކުގެ ތެރެއިން ހުދުކުލައިގެ "އަސްލާން" ބޭރަށް ނެރެ ދުއްވާލުމުގެ ފުރުސަތު އިއްޔެ ހުޅުވާލުމާއިއެކު ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަސްދުއްވާލުމުގެ ފުރުސަތު އެންމެންނަށް ހުޅުވާލި ނަމަވެސް ގިނަ ބަޔަކު ފުރުސަތު ދިނީ ކުޑަކުދިންނަށް ކަމަށް އަގްލީލް ވިދާޅުވިއެވެ. 

އިއްޔެ އަސްލާން އެކަނި ނެރުނު ނަމަވެސް މިއަދު އަސްލާން ގެ އިތުރުން ސޯފީވެސް ނެރޭނެ ކަމަށާއި ކުރިއަށް އޮތް ތާގައި ހުރިހާ އަސްތައް އެއްކޮށް ނެރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް އަގްލީލް ވިދާޅުވިއެވެ.

" މާހައުލަށް ހޭނިފަ ވަނީ ހުރިހާ އެއްޗެހިވެސް އެހެންނަމަވެސް އަންހެން ފިރިހެން ދެބައި އެޖެސްޓް ކުރަންވެގެން އަސްލު މި މަސައްކަތް ކުރަނީ އެހެންވެ ބޮޑަށް ވަކިން މި ގެންގުޅެނީ" އަގްލީލް ވިދާޅުވިއެވެ.

ކޮށިން ބޭރަށް ނެރެ ހުޅުވާލެވިފައިވާ މާހައުލެއްގައި ފަސް ގަނޑުގައި އަސްތައް ދުއްވާލުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު، ކޮންމެ ދަތުރަކަށް ނަަގަނީ 150 ރުފިޔާއެވެ. އަގްލީލް ވިދާޅުވީ، ކުރިއަށް އޮތް ތާގައި އަސްދުއްވުމުގެ ޝެޑިއުލްއެއް ޕެކޭޖްތަކާއިއެކު އާއްމުކުރާނެ ކަމަށާއި މަސައްކަތް ކުރަމުން ދަނީ އައްޑޫ ސިޓީގައި ހޯސް ރައިޑިންއަށް ޒުވާނުން ޝައުގުވެރި ކުރުވާ އެއީ ކުޅިވަރަކަށް ހެދުމަށް ކަމަށެވެ. 

އަސްތައް ދުއްވާލުމުގެ ފުރުސަތު އައްޑޫ ސިޓީގެ އެހެން ރަށްރަށަށް ވެސް ހުޅުވާލާނެ ކަން އަގްލީލް ވަނީ ފާހަގަކޮށްފައެެވެ. އިއްޔެ ފޭދޫގައި އެ ފުރުސަތު ހުޅުވާލެވިގެން ދިޔައިރު، އަގްލީލް ވިދާޅުވީ، ފުރަތަމަ ފަހަރަށް ވުމުން ބައެއް ކުދިން ތަންކޮޅެއް ބިރުން އުޅުނު ނަމަވެސް ކުރިއަށް އޮތްތާގައި ރަނގަޅު ވާނެ ކަމަށް ބެލެވޭ ކަމަށެވެ. 

33%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް