ads
ވީޑިއޯ ރިޕޯޓް-
ވެންޓިލޭޓަރު ހިޔާނަތުގައި ބައިވެރިވި ހަމަ އެކަކުވެސް ނެތީ؟
ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ނާޒުކު ފައްތަރެއްގައި ވަނިކޮށް ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލާގައި އޭރުގެ މިނިސްޓަރު އަމީންއާއެކު އެ މިނިސްޓްރީގެ 11 މީހެއްގެ މަައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.

އެ މައްސަލާގައި ޕީޖީން ބުނެފައި ވަނީ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާނުކުރަން ނިންމާފައި ވަނީ ކޯޓުގައި އެކަން ސާބިތުކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށެވެ.

އެހެންކަމުން އެ މައްސަލަ އަލުން މުރާޖާ ކޮށްދިނުމަށް އެދި އޭސީސީން ވަނީ އަނެއްކާވެސް ޕީޖީ އޮފީހަށް ހުށަަހަޅާފަ އެވެ. އެހެންނަމަވެސް އެ ހުށަހެޅުން އެ މައްސަލަ މުރާޖާ ކުރާނެ އެކަށީގެންވާ ސަބަބެއް ނެތްކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަނބުރާ ވަނީ ފޮނުވާލާފަ އެވެ.  

އެކަމާއި ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުން ބުނެފައިވަނީ، އެ މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ އެ މައްސަލަ މުރާޖާ ކޮށްދިނުމަށް ކަމަށް ބުނެ ފަހުން އޭސީސީން ފޮނުވާފައިވާ ކަންކަމުގެ ތެރޭގައި ވެސް ޕީޖީން އެ މައްސަލާގައި ދައުވާ ނުކުރަން ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ވަރުގެ އެކަށީގެންވާ ސަބަބެއް ނެތުމުން ކަމަށެވެ.

އެކަށީގެންވާ ސަބަބެއް އޭސީސީން ހުށަނާޅާ ކަމަށް ބުނެ މައްސަލަ ދެވަނަ ފަހަރަށްވެސް އަނބުރާ އޭސީސީއަށް ފޮނުވާލާ އެ މައްސަލައާއި ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޕީޖީ އޮފީހަށް އަމާޒުވެފައެވެ. 

އެގޮތުން، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، ވެންޓިލޭޓަރު މައްސަލާގައި ދައުވާނުކުރަން ކުރިން ނިންމި ނިންމުން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޖީން ބުނާނަމަ އެ ސަބަބު ސާފުކޮށްދޭންޖެހޭނެ ކަމަށެވެ. އަދި ރައްދުގައި ދައުވާ ކުރާންޖެހޭ ސަބަބުތައް މިހާލަތުގައި އޭސީސީން ހާމަކޮށްދިނުމަކީ ކުރާންޖެހޭކަމެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ. 

އަދި ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅޭ މައްސަލައިގައި ދައުވާނުކުރާނަމަ ވެންޓިލޭޓަރުތައް ރައްޔިތުންނަށް ދައްކަންޖެހޭ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްވެސް ވަނީ ވިދާޅުވެފައެެވެ. އަދި އަމީނަށް ވަޒީރުކަން އިޔާދަކޮށްދިނުމަށް ފަހު، ލިބުނު ގެއްލުމުގެ ބަދަލު ވެސް ދޭން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

އޭގެ އިތުރުން ކޮރަޕްޝަނަށް މި ސަރުކާރުން ގެންގުޅޭ ޒީރޯ ޓޮލަރެންސްއަކީ ވެސް އެއީތޯ ޝިޔާމް ވަނީ ސުވާލު އުފައްދާފައެވެ. 

މީގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ، ކޮވިޑްގެ، އެންމެ ބޮޑު ކޮރަޕްޝަންގައި ވެންޓިލޭޓަރު ގަންނަން 2 މިލިއަން ޑޮލަރު ނެގި ކަމަށެވެ. އެހެންނަމަވެސް ވެންޓިލޭޓަރުވެސް އަދި ފައިސާވެސް ނުލިބުނުކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ، ޕީޖީ އޮފީހަކީ ރައީސް އޮފީހުގެ ޑިވިޝަނެއްކަން ކަށަވަރުވެއްޖެ ކަމަށާއި ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމްގެ ޒިންމާއަކީ ރައީސް އަބްދުﷲ ޔާމީނަށް ދަޢުވާކުރުން އެކަނިކަމަށެވެ. އަދި މިއީ ދައުވާ ކުރަންޖެހޭ ވަރު މައްސަލައެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ވެންޓިލޭޓަރު މައްސަލާގައި، ދައުވާއެއްކޮށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށް ޕީޖީން މީގެ ކުރިން ވެސް ބުނެފައިވާތީ، އެކަމުގައި ހިލާފު އުފެދި އެ މައްސަލަ އިތުރަށް މުރާޖައާ ކުރުމަށާއި، ތަހުގީގީ އެހެން އިދާރާތަކުގައި ހުރި އެމައްސަލައާއި ގުޅޭ ހެކި ހޯދުމަށް، ޕީޖީއަށް ލަފާ އެރުވުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ދެ ވަނަ ދުވަހު މަޖިލީހުންވެސް ނިންމާފައި ވެއެވެ. 

އެކަމުގައި ޕީޖީން އެ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުމުން ޖުޑިޝަރީ ކޮމިޓީން އެކަން ބެލުމަށް ފަހު ނިންމާފައިވަނީ ތިން ހުށަހެޅުމެއް ޕީޖީއަށް ހުށަހެޅުމަށެވެ. 

އެ ތިން ހުށަހެޅުމަކީ، ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި ހުރި މި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ލަފާއެރުވުމާއި، ކޮމިޓީގެ ފުރަތަމަ ހުށަހެޅުމުގައި ވާ ގޮތަށް އަމަލު ކުރުމާއެކު، މި މައްސަލަ އަލުން މުރާޖައާ ކުރުމަށް ޕީޖީއަށް ލަފާއެރުވުމާއި، މި މައްސަލަ އަލުން މުރާޖައާ ކުރުމާ މެދު ޕީޖީ އޮފީހުން ނިންމަވާ ގޮތެއް، ޖުޑީޝަރީ ކޮމިޓީއަށް އެންގުމަށް ދެންނެވުމެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން އެނގުނީ ހެލްތު މިނިސްޓްރީގެ އޮޑިޓުންނެވެ.

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލާގަ އެވެ.

އެހެންނަމަވެސް އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް މިކަމުގައި ތުހުމަތު ކުރެވޭ 11 ބޭފުޅަކަށް ދައުވާ ކުރުމަށް ފޮނުވުމުން ފީޖީ އޮފީހުން އެކަމަށް އެދި އޭސީސީން ހުށަހެޅި ސަބަބަތަކުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެފައިވާއިރު ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ހެލްތް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން އަދި 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

އެހެންކަމުން މިއީ ދައުލަތައް ލިބުނު ބޮޑު ގެއްލުމަކަށް ވާއިރު މިކަމުގައި ކުށްވެރިވާ މީހަކު މިހާރު ނެތީތޯ މިއީ ގިނަ ބަޔަކު އުފައްދަމުންދާ ސުވާލެކެވެ. އެގޮތުން ވެންޓިލޭޓަރު މައްސަލާގައި ދައުލަތަށް ބޮޑު ގެއްލުމެއްވީއިރު އެ ޖަރީމާ ހިންގި މީހަކު މިހާރު ނެތީތޯ މަޝްހޫރު ދީނީ އިލްމްވެރިޔާ އަލީ ޒައިދު ސުވާލު އުފައްދާފައެވެ. ޝެއިހް ޒައިދު ވަނީ އެ މައްސަލާގައި ޕީޖީ ވެސް ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ކަމަށް ދެކޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ކުށްވެރިން ހިފާ ދާގަނޑު ޖޫރިމަނާކޮށް އޭގެ ގޮޅިތައް ކުޑަކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. 

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމަށް ދުބާއީ ކުންފުންޏަކާއި ހަވާލުކޮށް އެތަކެތި ރާއްޖެއަށް ނުލިބި ހެލްތް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ އަމީނަށް ގިނަ ބައެއްގެ ނުރުހުންވަނީ އަމާޒުވެ، އެ މައްސަލައިގައި އަމީން މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، އިސްތިއުފާ ޔާ ހަމައިން މައްސަލަ ނިމިގެން ނުވާނެކަން ގިނަ ބަޔަކު ގަބޫލް ކުރެއެވެ.

ރާއްޖޭގައި މިފަހުން ހިނގި އެންމެބޮޑު ހިޔާނާތުގެ މައްސަލަކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތަށް ބޮޑެތި އަދަދުތަކުން ގެއްލުން ވެފައިވާއިރު އަދިވެސް އެ ފައިސާ އަނބުރާ ހޯދުމަށް މިވަނީ ނުކުޅެދިފަ އެވެ. އަދި އެފައިސާ އެތައް ބައެއްގެ އެކައުންޓްތަކަށް ވަދެފައިވާކަން މިކަމުގައި އަދީބާއި ދެކޮޅަށް ކުރިއަށްގެންދިޔަ ޝަރީއަތުން އެނގެން އެބައޮތެވެ. 

އެހެންކަމަށްވާނަމަ ވެންޓިލޭޓަރު މައްސަލައިގައި ދުބާއީ ކުންފުންޏަށް ދެއްކި 30.9 މިލިއަން ރުފިޔާ ދިވެހިންގެ ތެރެއިން އެއްވެސް ބަޔަކަށް ލިބިފައިވޭތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި ތަހުގީގީ މަރުހަލާގައި މިފައިސާ ދުބާއީ ކުންފުންޏަށް ވަނުމަށް ފަހު ދިވެހި އެއްވެސް ބަޔަކަށް ލިބިފައިވޭތޯ އިދާރާތަކުން ބަލަންޖެހެ އެވެ. 

މިފަދައިން ތަހުގީގު ކުރިއަށްދޭތޯ އޭސީސީއާ ސީއެންއެމްއިން މީގެ ކުރިން ސުވާލު ކުރުމުން އެ މުއައްސަސާއިން ބުނެފައިވަނީ ތަހުގީގުތަކާއި ގުޅޭ އެފަދަ މައުލޫމާތު ހާމަނުކުރާ ކަމަށެވެ. 

ވެންޓިލޭޓަރު ގަތުމަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދެއްކި 30.9 މިލިއަން ރުފިޔާ އަމިއްލަ ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށް އުޅުނު ކަމުގެ ތުހުމަތު ވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެލްތް މިނިސްޓްރީއަށް ކޮށްފައިވެ އެވެ. އެގޮތުން އޮގަސްޓް 18 ވަނަ ދުވަހު މަޖިލީހުގައި ވާހަކަ ދައްކަވަމުން އޮޑިޓް އޮފީހުގެ ޑިރެކްޓަރު އިބްރާހީމް ފަޒީލު ވިދާޅުވީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާ ޖެނަރަލް ޓްރޭޑިންއަށް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ 30.9 މިލިއަން ރުފިޔާ އަމިއްލަ މީހެއްގެ ބޭންކު އެކައުންޓަށް ޖަމާކުރަން ހެލްތު މިނިސްޓްރީން މަސައްކަތް ކުރި ކަމަށެވެ.

އެޑްވާންސް ފައިސާ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން ހެލްތު މިނިސްޓްރީން މަސައްކަތް ކޮށްފައިވާކަން އެ ލިޔެކިޔުންތަކުން އެނގެން ހުރި ކަމަށް ފަޒީލް ވިދާޅުވިއެވެ. އަދި އެ ފައިސާ އެ އެކައުންޓަށް ޖަމާ ނުކުރެވުނީ އެކަން ފިނޭންސް މިނިސްޓްރީން ރިޖެކްޓު ކުރުމުން ކަމަށްވެސް ފަޒީލް ވިދާޅުވިއެވެ.

މިކަން މިގޮތަށް އޮތުމުން، އަދި ރައްޔިތުންގެ ނޭވާހޮޅިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގުމަށް މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭއިރު މި 30.9 މިލިއަން ރުފިޔާ ދިވެހިންގެ ތެރެއިން އެއްވެސް ބަޔަކަށް ލިބިފައިވޭތޯ ބަލައި އެ ފައިސާ އަނބުރާ ހޯދުމަކީ މިކަމުން ރައްޔިތުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުރެވެން އޮތް ހަމައެކަނި މަސައްކަތެވެ. އަދި އެފަދަ ފަރާތެއް ހުރި ނަމަ، އެފަރާތެއްގެ މައްޗަށް ތަހުގީގު ހިންގާ ހައްގު އަދަބު ދެވެންޖެހޭ ކަމަށް ގިނަ ބަޔަކު ދެކެވެ. މިފަދަ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރުކުރެވޭނީ މިމަގުން މަސައްކަތް ކޮށްގެން ކަމަށްވެސް ގިނަ ބަޔަލު ގަބޫލް ކުރެއެވެ. 

އެހެންނަމަވެސް އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެ މި މައްސަލާގައި އެއިން އެއްވެސް މީހެއްގެ މައްޗަށް ތަހގީގެއް ނިހިންގި ދައުވާވެެސް ނުކުރަން ނިންމުން މިއީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް