ads
ހުޅުމާލޭގައި ފްލެޓްތައް ތަރައްގީކުރުން--
"ޑޮކްޓަރުންނާއި ނަރުހުންނަށް ފްލެޓް ދިނުމުން ނިކަމެތިން ބޯހިޔާވަހިކަމުން މަހްރޫމްވޭ"
ހިޔާ މަޝްރޫއުގައި ޑޮކްޓަރުންނާއި، ނަރުހުންފަދަ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ކެޓެގަރީތަކެއް ހިމެނުމުގެ ސަބަބުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެންމެ ނިކަމެތި މީހާ މަހްރޫމްވެގެންދާ ކަމަށް މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ބުނެފި އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ކޮމިޓން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައި ބުނީ ހިޔާ މަޝްރޫއަކީ އިޖުތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކުރެވިފައިވާ މަޝްރޫއަކަށްވީއިރު، އެކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ މަޝްރޫއު އަމާޒުކުރުމުގެ ބަދަލުގައި، ޑޮކްޓަރުންނާއި، ނަރުހުންފަދަ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ކެޓެގަރީތަކެއް އެ މަޝްރޫއުގައި ހިމެނިފައިވާ ކަމަށެވެ. 

އެގޮތުން، އެ ކެޓެގަރީތަކުގައި ހިމެނޭ، ރަނގަޅު އާމްދަނީއެއް ލިބޭ އަދި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ފަރާތްތަކަށް އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރެވޭ ފްލެޓްތައް ލިބި، އެކަމަށް އެންމެ ބޭނުންޖެހިފައިވާ ނުވަތަ ދިރިއުޅުމުގެ ފެންވަރު ދަށް، އަދި އިގްތިސޯދީ ގޮތުން ނިކަމެތި ފަރާތްތަކަށް އިޖްތިމާއީ ބޯހިޔާވަހިކަން ލިބުމުން މަހްރޫމްވުމަށް މަގުފަހިވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

އެކަމާއި ގުޅިގެން ކޮމިޓީން ހުށަހަޅާފައި ވަނީ ހިޔާ މަޝްރޫއުގައި ހިމަނާފައިވާ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަކޮށްފައިވާ ކެޓެގަރީން ފްލެޓް ލިބުމަށް ޝަރުތު ހަމަވެ، ފްލެޓް ލިބޭނެކަމަށް މިހާރު ކަނޑައެޅިފައިވާ ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާކުރުމަށްފަހު، ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ރާވާފައިވާ އެކި ގިންތިތަކުގެ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތަކުގެ ތެރެއިން އެ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތު އެންމެ އެކަށޭނަ ގިންތިއަކުން އެފަރާތްތަކަށް ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށެވެ.

އޭގެ އިތުރުން އިޖްތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކޮށް ކުރިއަށް އޮތްތަނުގައި ސަރުކާރުން ހިންގާ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތައް އަމާޒުކުރެވޭ ފަރާތްތަކަކީ ވަކި ފަންނެއްގައި ކުރިއަރާފައިވާތީ ނުވަތަ ވަކި ވަޒީފާއެއް ނުވަތަ ވަކި މަގާމެއް އަދާކުރާތީ ނުވަތަ ވަކި ވަރަކަށްވުރެ ބޮޑު އާމްދަނީ އެއް ލިބޭތީ އިޖްތިމާއީ ގެދޮރިވެރިކަން ލިބެންޖެހޭ ފަރާތްތަކެއްކަމަށް ކަނޑައެޅުމުގެ ބަދަލުގައި، އެ ބާވަތުގެ ބޯހިޔާވަހިކަން ލިބިދެވެނީ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތަށް ބަލާއިރު އެކަމަށް އެންމެ ބޭނުންޖެހިފައިވާ އަދި އެންމެ ހައްގުވެރި ފަރާތްތަކަކަށްކަން ސަރުކާރުން ކަށަވަރުކުރަންވާނެ ކަމަށެވެ. 

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު މިހާރު އާންމުކޮށްފައިވާއިރު އެތަންތަން ލިބުނު މީހުންނަށް މި މަސް ނިމުމުގެ ކުރިން ތަޅުދަނޑި ހަވާލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން ކަމަށް ބުނެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންގެންދާ 16 އިމާރާތުގައި ހުރި ދެ ކޮޓަރީގެ 6720 ފުލެޓް ކެޓަގަރީތަކަށް ކަނޑައެޅިފައިވާ ފުލެޓްތަކުގެ އަދަދު ބަދަލުތަކެއް ވެސް ވަނީ ގެނެސްފަ އެވެ. އެގޮތުން ޑޮކްޓަރުންނާއި ނަރުހުނަށް ކަނޑައެޅި 475 އިން 233 އަށް މަދުކުރިއިރު ޓީޗަރުންގެ ކެޓަގަރީގެ ފްލެޓްތަކުގެ އަދަދު 625 އިން 523 އަށް ވަނީ މަދުކޮށްފަ އެވެ. އަދި އެކަނުވެރިން މައިންނާއި ބަފައިންގެ ކެޓަގަރީގެ ފްލެޓްތަކުގެ އަދަދު 500 އިން 423 އަށް މަދުކޮށްފައިވާއިރު އުރުމުން 18-40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންގެ ކެޓަގަރީގެ ފްލެޓްތަކުގެ އަދަދު ވަނީ 1،000 އިން 805 އަށް މަދުކޮށްފަ އެވެ.

އޭގެ އިތުރުން މާލޭ ރަށްވެހިންގެ ކެޓަގަރީގެ ފްލެޓްތަކުގެ އަދަދު ވަނީ 1،000 އިން 1،772 އަށް އިތުރުކޮށްފަ އެވެ. އަދި ގުޅީފަޅު އަދި ޓާޓާ ފްލެޓަށް ކުރިމަތިލީ ފަރާތްތަކުން ބޯހިޔާވަހިކަން ހަމަޖެހިފައި ނުވާ މީހުނަށް ހާއްސަކުރި 300 ގެ އަދަދު ވަނީ 120 އަށް މަދުކޮށްފަ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް