ads
ޝިއުނާ-- ފޮޓޯ: އަވަސް
އިސްތިއުފާ ދޭނެ ސަބަބެއް ފެނިއްޖެނަމަ އިސްތިއުފާދޭނަން: ޝިއުނާ
މަގާމުން އިސްތިއުފާ ދޭނެ ސަބަބެއް ފެނިއްޖެނަމަ އިސްތިއުފާދޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

ޝިއުނާ މިހެން ވިދާޅުވީ ވެންޓިލޭޓަރުގެ ކޮރަޕްޝަނުގެ މައްސަލައާއި ގުޅިގެން އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައިވެސް އެކި ފަރާތްތަކުން އޭނާގެ އިސްތިއުފާއަށް ގޮވާލާފައިވާކަން ޝިއުނާ ފާހަގަ ކުރެއްވި އެވެ. އަދި އެފަދަ މަގާމެއްގައި ހުންނައިރު އެކި ކަހަލަ ކޭސްތަކާއި ގުޅިގެން އެފަދަ ކޮމެންޓުތައް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ މަގާމުން އިސްތިއުފާ ދިނުމަށް ވަކި ފަރާތަކުން ޕްރެޝަރު ނުކުރާ ކަމަށާއި، ނަމަވެސް އޭނާ އަދާ ކުރައްވާ މަގާމުގެ ގޮތުން އޭނާ ޖަވާބުދާރީ ކުރަން ތިބި ފަރާތްތަކުން އޭނާގެ އިސްތިއުފާ އަށް އެދުމަކީ މައްސަލައެއް ކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ. 

ޝިއުނާ ވިދާޅުވީ، އޭނާ މިހާރު ހުރި މަގާމުން އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ފެންނަ ހިސާބުން މަގާމުން އިސްތިއުފާ ދޭނެ ކަމަށެވެ. 

ވެންޓިލޭޓަރުގެ ހިޔާނާތުގެ މި މައްސަލައިގެ އައުޓްކަމް އާ ގުޅިގެން މަގާމުން ދުރުކުރާނެ ވާހަކަ މަޝްވަރާ ކުރެވިފައިވާކަން ޝިއުނާގެ ވާހަކައިގައި މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އޭނާގެ ނޯ ކޮންފިޑެންސް ވޯޓު ނަގަންވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ޝިއުނާ ވިދާޅުވިއެވެ.

މީގެ އިތުރުން މި ފަދަ ކަންކަމަކީ އެކަމާ ގުޅިގެން ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށް ޝިއުނާ ވިދާޅުވިއެވެ. ޝިއުނާ ވިދާޅުވީ، މައްސަލައެއްގެ "އައުޓްކަމް" އަންނަ ގޮތަކުން ކޮންމެ ފަހަރަކު އޭސީސީގެ މެމްބަރުން މަގާމުން ދުރުކުރަން ވެއްޖެނަމަ، އޭސީސީގެ މެމްބަރުންނަށް އެމީހުންގެ މަސައްކަތް ކުރުމަށް އުނދަގޫ ވާނެ ކަމަށެވެ. އަދި މިއީ އޭސީސީ މިނިވަންކަމާއެކު މަސައްކަތް ކުރުމަށް އެޅޭ ހުރަހެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝީއުނާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް