ads
ޝާހިދު--
ބަންގްލަދޭޝް މަސައްކަތްތެރިންނަށް ޝާހިދު ޝުކުރު ދަންނަވައިފި
މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އައިސް އެކި ދާއިރާތަކުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން، ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ކޮށްދޭ މަސައްކަތްތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފި އެވެ.

ބަންގްލަދޭޝްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރަން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންނެވިއިރު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ބަންގްްލަދޭޝްގެ މިނިވަންދުވަހާއި ބަަންގްލަދޭޝްގެ 'ފާދާ އޮފް ދި ނޭޝަން' ބަންގަބަންދު ޝެއިޚް މުޖީބުއްރަހުމާނުގެ އުފަންދުވަހުގެ ތަހުނިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ރައީސް މުހައްމަދު އަބްދުލް ހާމިދު، ބޮޑުވަޒީރު ޝެއިޚް ހަސީނާ އަދި ބަންގްލަދޭޝްގެ ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ. 

މިނިސްޓަރު ޝާހިދުގެ ވާހަކާގައި ބަންގްލަދޭޝްއަށް މިނިވަންކަން ގެނެސް، ޑިމޮކްރެސީއާއި އިންސާނީ ހައްގުތައް ގާއިމުކުރުމުގައި ބަންގަބަންދު ޝެއިޚް މުޖީބުއްރަހުމާނުގެ މިންނެތް މަސައްކަތް ފާހަގަކުރެއްވި އެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމާއި އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ބަންގްލަދޭޝްގެ ރައީސް މުހައްމަދު އަބްދުލް ހާމިދުގެ ދައުވަތަށް ރައީސް ސޯލިހު ބަންގްލަދޭޝްއަށް މިމަހު ކުރެއްވި ރަސްމީ ދަތުރުފުޅު ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން މިނިސްޓަރުވަނީ ހިއުމަން ރިސޯސް ޕްލޭސްމެންޓް، މަސްވެރިކަން، ސިއްހީ ދާއިރާއާއި ސަގާފީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ.

މިނިސްޓަރު ޝާހިދު ވަނީ މަސައްކަތްތެރިންގެ ގޮތުގައި ރާއްޖެ އައިސް އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ބަންގްލަދޭޝްގެ ރައްޔިތުން، ދިވެހިރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ކޮށްދޭ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފަ އެވެ. އަދި ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު މުހައްމަދު ނަޒަމުލް ހަސަން، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވާ މަސައްކަތަށް ވެސް ޝުކުރު ދެންނެވި އެވެ.

ވާޗުއަލްކޮށް ބޭއްވި މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް، ފޮރިން ސެކްރެޓަރީ އަބްދުގަފޫރު މުހައްމަދު، އެމްބެސެޑަރ-އެޓް-ލާޖް އަހުމަދު ސަލީމުގެ އިތުރުން ދިވެހި ސާރުކާރުގެ އެކި މުއައްސަސާތަކުގެ އޮފިޝަލުން، އަދި ދިވެހި ރާއްޖޭގައި ތިއްބަވާ ޑިޕްލޮމެޓުން، އދ. އާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުގެ އޮފިޝަލުންނާއި ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝްގެ ރައްޔިތުން ބައިވެރިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް