ads
ސީޕީ ހަމީދު
އާ ގާނޫނާއެކު ރައްޔިތުން އެދޭފަދަ ބަޔަކަށް ފުލުހުން ވާނެ: ސީޕީ
އައު ގާނޫނާއެކު ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން އެދޭފަދަ މުއައްސަސާއަކަށް ވެގެންދާނެ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާ ގުޅިގެން ޕޮލިސް ލައިފަށް ދެއްވި ހާއްސަ އިންޓަވިއުގައި ސީޕީ ވިދާޅުވީ މާޗު މަހުގެ 27 ވަނަ ދުވަހު އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން މުއައްސަސާގެ ތަރައްގީއަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި އެ ތަރައްގީތަކާއެކު ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.  

ސީޕީ އިތުރަށް ވިދާޅުވީ، ފުލުހުންގެ މުއައްސަސާއާއި ކަމާބެހޭ ފަރާތްތަކުގެ ވަރަށް ބުރަ މަސައްކަތާއެކު ވުޖޫދަށް ގެނެވިފައި މިވާ ފުލުހުންގެ ހިދުމަތުގެ ގާނޫނަކީ ތަހުޒީބީ ކުލަތައް ފުލުހުންގެ މުއައްސަސާގައި ޖައްސުވައިދޭނެ ގާނުނެއް ކަމަށެވެ. އަދި ޒަމާނާއެކު ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްހުރި އުނދަގޫތައް ނައްތައިލުމަށް މަގުފަހިވެގެންދާނެ ކަމަށާއި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ފުލުހުން މަސައްކަތް ކުރަމުންދާއިރު ޒިންމާދާރުކަމާއެކު ޖަވާބުދާރީވުން އިތުރުވެގެންދާނެ ކަމަށެވެ.

އަދި އަތޮޅު ތެރޭގައި ފުލުހުން ގާއިމުވެ ތިބޭ ތިބުން އިތުރަށް ހަރުދަނާވެ، ތަހުޒީބުވެފައިވާ އެހެނިހެން މުޖުތަމައު ތަކުގައިވެސް ފުލުހުން މަސައްކަތް ކުރަމުން އަންނަ ފަލްސަފާ ކަމުގައިވާ ނެއިބާހުޑް ޕޮލިސިންގެ ހިދުމަތް ދިވެހި ވެއްޓާ އެއްގޮތަށް ބަދަލުކުރެވި، އަވައްޓެރި ފުލުހުންގެ ހިދުމަތް އެ ފަލްސަފާގެ މައްޗަށް ވަރަށްބޮޑަށް މަސައްކަތް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް ބޭނުންވާ ތަމްރީނުތައް މުއައްޒަފުންނަށް ދެމުން ގެންދާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ މައިގަނޑު އަމާޒަކީ ދިވެހި މުޖުތަމައުގައި ދިރިއުޅޭ ފަރާތްތަކާއި ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ގާއިމުކުރުމާއި ދިވެހި ވެށީގައި ހިންގާ ކުށްތަކާއި އެކަންކަމާ ގުޅިގެން އުފެދިފައި އޮންނަ ބިރުވެރިކަމާއި ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތްކުރުން ކަމަށް ވިދާޅުވި އެވެ. 

ހަމަ އެހެންމެ ދިވެހި ފުލުހުންނާއި މެދުގައި މިހާރު ރައްޔިތުންނަށް އޮތް އިތުބާރަށް ވުރެ ބޮޑު އިތުބާރެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި، މުޖްތަމައުގައި ދިމާވާ އެކި ކަހަލަ މައްސަލަތައް ހައްލު ކުރުމުގައި ރައްޔިތުންނާއި ގުޅިގެން ހިޔާލު ހޯދައިގެން މަސައްކަތް ކުރާނެ ކަމަށް ވެސް ސީޕީ ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް