ads
މަޖިލީހުގެ ރައީސް ނަޝީދު ---
ރާއްޖެއަށް ބޭނުންވަނީ 3000 ހައުސިންގް ޔުނިޓު: ނަޝީދު
މި ރާއްޖޭގައި ބޭނުންވަނީ 3000 ސޯޝަލް ހައުސިން ޔުނިޓުކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

އެގޮތުން ހިޔާ ފްލެޓް ނިމި، އެތަނަށް މީހުން ވެއްދޭ ވަރުވުމުން، ދެން ކަންކުރަން ވަރަށް އުނދަގޫވާނެ ކަމަށާއި، އެކަމުގައި ކަން ހިނގާ ގޮތް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިންވެސް ވިދާޅުވެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ގާތްގަނޑަކަށް އެއްވެސް އެއްޗެއް ދެވެން ނެތް ރައްޔިތުން ތިބި ކަމަށެވެ. މިއީ މާ ބޮޑު އާމްދަނީއެއް ނުލިބުމުގެ ސަބަބުން، ބޯހިޔާވަހިކަމަށް، އަދި އިތުރު ކަމަކަށްވެސް އެއްޗެއް ދެވެން ނެތް ބައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. މިހެން ކަން ހުރި ނަމަވެސް، އެމީހުނަށްވެސް ދައުލަތުން ވަކި ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނިކަމެތި، ނަމަވެސް ކޮންމެވެސް އާމްދަނީއެއް ލިބޭ މީހުން ތިބި ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. މިއީ މުޅި އާއިލާގެ އެންމެންގެ އާމްދަނީ އެއް ކޮށްލުމުން ގާތްގަނޑަކަށް 17،000 ނުވަތަ 15،000 ގެ އާމްދަނީއެއް ލިބޭ މީހުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ، މި ފަރާތްތަކަށް 5000 ނުވަތަ 6000ގެ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. 

ނަމަވެސް 5000 ނުވަތަ 6000 އަށް ފްލެޓު އަޅާއިދޭނެ މީހަކު ނުވާނެ ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި ހިލޭ ފްލެޓެއް އަޅައިދޭނެ ބަޔަކުވެސް ނޫޅޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. މިފަދަ ހާލަތެއްގައި ސަރުކާރުން މިކަން ދެކޮޅު ޖައްސާނީ ކިހިނެތްތޯ ނަޝީދު ސުވާލު އުފައްދާފައިވެއެވެ.

މިހާރު ސިޔާސަތަކަށް ގެންގުޅެނީ "ކްރޮސް ސަބްސިޑައިޒް" ކުރުމުގެ އުސޫލެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިއީ ލޯނު ނަގައިގެން ކުރަންވީ މަސެއްކަތެއް ނޫން ކަމަށާއި، މިއީ ކޮމާޝަލް މަސައްކަތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. 

އެގޮތުން ގާކޮށި އަދި ހުޅުމާލޭގެ ކޮރަލް ވިލާ ފަދަ ތަންނަކީ ކޮމާޝަލް އުސޫލުން ހަދާފައިވާ ތަންތަން ކަމަށާއި، ސަރުކާރު ލޯނު ނުނަގާ އަޅާފައިވާ ތަންތަން ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ. އަދި މިއީ ލޯނު ނުނަގާ ސަރުކާރަށް ކުރެވެން އޮތް ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް