ads
ފަސް ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން--
ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއަށް
ފަސް ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެމްޓީސީސީއަށް އެ ފަސް މަޝްރޫއު ހަވާލުކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެގޮތުން އެމްޓީސީސީގެ ފަރާތުން އެކަމުގެ އެއްބަސްވުންތަކުގައި ސީއީއޯ އާދަމް އާޒިމް ސޮއިކުރެއްވިއިރު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދެވެ. 

އެގޮތުން މ. މުލަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރެވުނުއިރު އެ މަޝްރޫއުއަކީ 66.17 މިލއަން ރުފިޔާގެ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ ދަށުން، 90.411 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. އެ މަޝްރޫއުއަކީ 105 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ. 

ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަކީ 16.9 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ ދަށުން، 200 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 40 މީޓަރުގެ ގްރޮއިންސް ޖެހުން ހިމެނޭއިރު އެ މަޝްރޫއުއަކީ 105 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ. މިވަގުތު ކުރިއަށްދާ މި މަޝްރޫއުގެ އީ.އައި.އޭގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ އޭޕްރީލް މަހުގެ ނިޔަލަށް ކަމަށް ވެސް ބުނެ އެވެ.

އޭގެ އިތުރުން ދެން ހަވާލުކޮށްފައި ވަނީ ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއެވެ. އެ މަޝްރޫއުއަކީ 96.8 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 250 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނޭއިރު އެއީ 180 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 13.10 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން، 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އެ މަޝްރޫއުއަކީ 150 ދުވަހުގެތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

ރ. ރަސްމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަކީ 68.11 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން، 336 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނޭއިރު އެ މަޝްރޫއުއަކީ 180 ދުވަހުގެތެރޭ ނިންމަން ޖެހޭ މަޝްރޫއެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް