ފޮޓޯ:ސީއެންއެމް
ރާޅެއް ނާރާ، ނަމަވެސް ހަމަ ސުނާމީއެއް ފަދަ!
Share
2004ވަނަ އަހަރު އެރި ސުނާމީގެ ބޮޑު ރާޅުން ރާއްޖޭގެ ރަށްތަށްތަކާއި ދިވެހީންގެ މުޅި ދިރިއުޅުން ދޮވެލާއިގެން ރަށުގެ އަނެއް ފަރާތުން ފައިބާގެންދިޔަ ސުނާމީ ކާރިސާއަކީ ދިވެހިންގެ ހިތުން ދުވަހަކުވެސް ފިލާގެންދާނެ ހާދިސާއެއް ނޫނެވެ.
Advertisement

މި ހާދިސާގައި މުޅި ރާއްޖޭއަށް ލިބުނު ގެއްލުމަކީ މިއިންޒަމާނެއްގައިވެސް ތަޖުރިބާކޮށްފައި ނުވާވަރުގެ ގެއްލުންތަކެކެވެ. އުމުރު ދުވަހު ބިނާކުރަމުން އާ ދިރިއުޅުން ރާޅާއިއެކު ގެންދިޔައިރު އެ ހާދިސާއަށް 16 އަހަރުވީއިރުވެސް މިއަދުވެސް އެ ބިރުވެރިކަން ދިވެހިންދަނީ ތަހަންމަލް ކުރަމުންނެވެ. 

ކިރިއާވެސް މޫސުން ގޯސްވެ، ވައިގަދަވެލައިފިނަމަ ނުވަތަ ކަނޑުތައް ގަދަވެއްޖެނަމަ، ގޭގައި ހިފާގެންގުޅޭ ސާމާނު މައްޗައްލާ ފޮރުވާ، އިރުއިރުކޮޅާ ކަނޑުތައް އޮތީ ކިހިނެތްތޯ ބަލާ މީހުން އަދިވެސް ރާއްޖޭގައި އެބައުޅެއެވެ. 

މިވީ 16 އަހަރުތެރޭ ސުނާމީއެއް ނޭރިނަމަވެސް ދޭތެރެދޭތެރެއިން އުދަ އަރައެވެ. ދުވަސްތައް މާޒީވަމުންގޮސް މިއީ މާބޮޑު ބިރުވެރިކަމަކަށްވެސް މިހާރު ނުވެއެވެ. ސަބަބަކީ ތަކުރާރުކޮށް އުދައެރި ނަމަވެސް މާބޮޑު ގެެއްލުމެއް ނުވާތީއެވެ. 

ނަމަވެސް އިއްޔެގެ ދަންވަރުގެ ވަގުތެެއްގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އައްޑޫސިޓީން ފެށިގެން ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް އަދި ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ދެ ފަހަރެއްގެ މަތިން އޮރެންޖް އިންޒާރު ނެރެފައެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އިއްޔެ ވަނީ އެކި ވަގުތުތަކުގައި އެކި އެލާޓްތައް ނެރެފައެވެ. 

އެޔަށްފަހު އިއްޔެ ފެނިގެންދިޔައީ މާލޭ ސަރަހައްދު ހިމެނޭ ގޮތަށް މުޅި ރާއްޖެއަށް ގަދަ ވަޔާއިއެކު މޫސުން ގޯސްވެގެން ދިޔަތަނެވެ. ބޯކޮށް ވާރެވެހުމާއިއެކު މިއިން ދުވަހަކު ނުވާ ވަރަށް ވައިގަދަވެ، ކަނޑުތައްވެެސް ގަދަވެގެން ދިޔައިރު އެންމެ ބޮޑު ގެއްްލުމެއް ވެފައިވަނީ އައްޑޫ ސިޓީއާއި ފުވައްމުލަކަށެވެ.

your imageވިއްސާރާގެ ސަބަބުން ލިބުނު ގެއްލުން

ރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހްމީ އަހްމަދު ސީއެންއެމްއަށް އިއްޔެ ވިދާޅުވީ އެ ސިޓީގެ ވަރަށް ގިނަ ގެތަކަށް ފެންވަދެެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ގިނަ ގަސްތަކެއް ވެސް ވެއްޓިފައިވާ ކަމަށް ފަހްމީ ވިދާޅުވި އެވެ.

އަދި 29ވަނަ ދުވަހުގެ ދަންވަރުން ފެށިގެން ކުރި ވިއްސާރާގައި އެ ސިޓީގެ ދެ ގެއެއްގެ ފުރާޅު ވަނީ އެއްލާލާފަ އެވެ. ފަހްމީ ވިދާޅުވީ އެއްގެއެއްގެ ބަދިގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ.

ފުވައްމުލަކުގެ ޑެޕިއުޓީ މެޔަރު މުހައްމަދު ޒިރާރު ސީއެންއެމްއަށް ވިދާޅުވީ 28ވަނަ ދުވަހުގެ ހެނދުނުން ފަށައިގެން އެ ސިޓީއަށް ވާރޭ ވެހެމުން ދިޔަ ކަމަށެވެ.

ގދ. ގައްދޫއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެރަށުގެ ކައުންސިލަރު އާމިރު އަބްދުﷲ ސީއެންއެމްއަށް ވިދާޅުވީ އެރަށުގެ ދެ ގެޔަކުގެ ފުރާޅުގެ ޓިނުތައްވަނީ ނައްޓައިގެން ގޮސްފައި ކަމަށެވެ. އޭގެ ތެރެއިން އެއް ގެއެއްގެ ޓީވީ އާއި ސިޓިންރޫމްގައި ހުރި ފަރުނީޗަރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ބޮޑެތި ގަސްތައްވެސް ވެރި ގެއްލުންތައް ވެފައިވާއިރު ބައެއް ރަށްރަށަށް ވަނީ އުދައިގެ އަސަރުވެސް ވަރަށް ބޮޑަށް ކޮށްފައެވެ. 

your imageރަށްތަކަށް ލިބިފައިވާ ގެއްލުން

އިއްޔެ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ވިއްސާރަކުރިއިރު، މެޓުން ބުނެފައިވަނީ އިއްޔެ ސ.ގަމަށް 166 މިލިމީޓަރުގެ ވާރޭވެހި، 55 މޭލަށް ވައި ބާރުވެފައިވާ ކަމަށެވެ.

ވިއްސާރައިގައި އިއްޔެ ދޯންޏެއް އަޑިއަށްގޮސް، ބާޖެއް ފަރަކަށް ލަށްވެ، ހިންނަވަރަށް އުދަވެސް އަރާފައިވާއިރު، އިއްޔެގެ އިރޮއޮއްސި 06:00 އާއި ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮތީ ޔެލޯ އެލާޓް ނެރެފައެވެ.

ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ވިއްސާރަކުރަމުން އަންނައިރު މިއަދުން  ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓުން ބުނީ އިއްޔެ އެންމެގިނަ އަދަދަކަށް ވާރޭވެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ އައްޑޫ ގަމަށް ކަމަށެވެ. އަދި ވައި އެންމެގަދަވެފައި ވާކަމަށް ރެކޯޑް ކުރެވިފައިވަނީ ގަޑިއަކު ފަސް މޭލު ބާރުމިނަށް ސ. ގަމުގެ މެޓް އޮފީހުގައި ކަމަށް މެޓުން ބުނެއެވެ 

އެ ކޮޅިގަނޑު ރާއްޖެއާއި ދުރަށް (ހުޅަނގުއުތުރަށް) ޖެހެމުން އަންނަކަން ފާހަގަކޮށް މެޓުން ބުނީ މިއަދުން ފެށިގެން ރާއްޖެސަރަހައްދަށް ވާރޭވެހުން މަދުވެފައި ވައިޖެހޭ ބާރުމިންވެސް ދަށްވާން ފަށާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

your imageގެއެއްގެ ފުރާޅު ވަޔާ ދިއުމުން ސިފައިން ހަރަކާތްތެރިވަނީ --- ފޮޓޯ: އެމްއެންޑީއެފް  

މޫސުން ގޯސްވުމުގެ ސަބަބުން ލިބުނު ގެއްލުމާއި ގުޅިގެން ސިފައިން ވަނީ ގިނަ ރަށްތަަކަކަށް އެހީތެރިކަން ފޯރުކޮށްދީފައެެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދިން ގޮތުގައި ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ބައެެއް ރަށްރަށުގައި ގޭގޭގެ ފުރާޅު އެއްލާލުން، ފެންބޮޑުވުން އަދި ގަސްތައް ވެއްޓުންފަދަ ހާދިސާތައް، ވިއްސާރައިގެ ސަބަބުން ހިނގާފައި ވެއެވެ.

އެގޮތުން ފުވައްމުލަކުގައި ފެން ބޮޑުވެގެން ބައެއް ގޭގެއަށް ފެންވަނާތީ، 89 ގެއެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ސިފައިން ކުރިއެވެ. މީގެއިތުރުން، ވައިގަދަވެ ފަސް ގެއެއްގައި ހުރި ރުއް ވެއްޓުމާ ގުޅިގެން އެ ރުއްތައް ނެގުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ތިން ރަށަކަށް ވިއްސާރައިގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

your imageފުވައްމުލަކު ގެޔަކަށް ފެންވަދެފަ

ރާއްޖޭގެ ސަރަހައްދުގައިވާ ކޮޅިގަނޑުގެ ބާރު މިއަދު ދަށްވާނެކަމަށް މެޓުން ލަފާކޮށްފައިވާއިރު މިއީ މިފަހަކުން ރާއްޖެއަށް ވިއްސާރާގެ ސަބަބުން މިހާ ބޮޑެތި ގެއްލުންތަކެއް ލިބުނު ފުރަތަމަ ފަހަރެއެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެކި ރަށްތަކުގެ ފޮޓޯތަކުން ސިފަވެގެންދަނީ 2004ވަނަ އަހަރު އެރި ސުނާމީ ކާރިސާގެ މަންޒަރުތަށް ފަދަ މަންޒަރުތަކެވެ. ތަފާތަކީ މިފަހަރު އެވަރުގެ ރާޅެއް ނާރާކަމެވެ. އެހެންނަމަވެސް ހަމަ ސުނާމީއެއްފަދައެވެ.

your imageފުވައްމުލަކު ގެއެއް

ރާއްޖެއަކީ ބިންތިރި ގައުމަކަށްވެފައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ގައުމަކަށް ވެގެންދަނީ މިކުޑަކުޑަ ދިވެހިރާއްޖެއެވެ. ތިމާވެށި ރައްކާތެެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމުވަނީ ރާއްޖެއަކީ ބިންތިރި ކުޑަ ގައުމަކަށް ވާތީއެވެ. 

ކަނޑުތައް އުފުލުމާއިއެކު އެންމެ ފުރަތަމަ ބޯމަތިން ނަގާ ރާޅާއިއެކު އަޑިއަށްދާން އޮތް ގައުމަކީވެސް މި ކުޑަކުޑަ ދިވެހިރާއްޖެއެވެ. އެހެންކަމުން އަވަސް ހައްލުތަކެއް، މިފަދަ ކާރިސާތަކުން ސަލާމަތް ވެވޭނެ ގޮތްތަކެއް އަހަރެމެން އެބަ ހޯދަންޖެހެއެވެ. 

ރާޅެއް ނޭރިނަމަވެސް ބޯކޮށް ވެހޭ ވާރޭ ކޮޅާއިއެކުވެސް ފެނުގެ އަޑިއަށްދާ މި ރާއްޖޭގެ ރަށްތަކަށް އެކަންކަމުން ރައްކާތެރިވެވޭނެ އަވަސް ހައްލެއްވެސް ބޭނުންވެއެވެ. 

your imageއިއްޔެ ކުރި ވިއްސާރާގައި އަސަރުކުރި ރާއްޖޭގެ ރަށެއް

ރަށްގިރުމުގެ ސަބަބުން ލިބޭ ގެއްްލުންތަކުން ކުދިކުދި މިރަށްތަށް ސަލާމަތްކުރުމަށްވެސް އަވަހަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.  

32%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
42%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް