ads
އަލީ ވަހީދު--
އަލީ ވަހީދު ފުރަން ހުއްދަދިން މައަސަލައަށް ފާރަވެރިވާން މަޖިލީހުން ފާސްކޮށްފި
ޖިންސީ ކުށުގެ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ކުރީގެ ޓްއަރިސަމް މިނިސްޓަރު އަލީ ވަހީދުގެ ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރަން ހުއްދަދިން މައްސަލާގައި އަލީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ހުއްދަދިން ފަނޑިޔާރުގެ މައްސަލަ ކުރިއަށްދާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާރަވެރިވާން ފާސްކޮށްފި އެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަދީ ޕާސްޕޯޓް ހިފަހައްޓާފައި އޮތްއޮތުން ބާތިލުކޮށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރަން ހުއްދަދީ ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ މި ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުއެވެ. 

އެއަމުރާއިއެކު ހަމަ އެދުވަހު އަލީ ވަހީދު ފުރައިގެން ގޮސްފައިވާއިރު، އެ މައްސަލާގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން ޕީޖީން ވަނީ ވަހީދުގެ ޕާސްޕޯޓު ދޫކުރަން ހުއްދަދިން ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައެވެ. މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ އެ މައްސަލަ ކުރިއަށް ދާގޮތާއިމެދު ފާރަވެރިވުމަށެވެ. 

އަލީ ވަހީދު ފުރަން ހުއްދަދިން މައްސަލާގައި އެއްވެސް ބައެއްގެ އިހްމާލެއް އޮތްތޯ ބެލުމަށް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ އަންހެން މެންބަރުންނެވެ. އެގޮތުން އެ މައްސަލަ ބަލައި ޖުޑިޝަރީ ކޮމެޓީއިން ތައްޔާރުކުރި ރިޕޯޓަށް މިއަދު މަޖިލީހުގެ ތަޅަމުގައި ވޯޓަށް އަހާފައިވާއިރު، އެ ރިޕޯޓްގައިވާ ކަންކަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 33 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ފާސްވާން ބޭނުންވަނީ 17 މެންބަރުންގެ ވޯޓެވެ. 

ވަހީދުގެ ޕާސްޕޯޓު ދޫކުރަން ހުއްދަދިން ފަނޑިޔާރުގެ ސުލޫކީ މައްސަލަ ކުރިއަށް ދާގޮތާއިމެދު ފާރަވެރިވުމަށް ހިމަނާފައިވަނީ މި ރިޕޯޓުގައެވެ. މީގެ އިތުރުން އެ ރިޕޯޓުގައި ވަނީ ކުއްތަކުގައި ދައުވާ ކުރާ ފަރާތްތައް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފުރާނަމަ މިހާރު ދޫކުރާ ޕާސްޕޯޓުގެ ބަދަލުގައި ޓްރެވަލް ޑޮކިޔުމެންޓެއް ދޭގޮތަށް އުސޫލު ބަދަލުކުރުމަށާއި، އެމީހަކު ފުރައިގެން ދާނެ ތާރީހާއި އަންނާނެ ތާރީހެއް ކަނޑައެޅުންފަދަ ގިނަ ކަންތައްތަކެއް ހިމަނާފައެވެ. 

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ވަނީ ބޭސް ފަރުވާއަށް ކަމަށް ބުނެ ތުރުކީއަށް ވަޑައިގެންފަ އެވެ. އަލީ ވަހީދު ފުރަން ނެރުނު އަމުރު ބާތިލުކޮށް ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އަލީ ވަހީދުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށައެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެންނެވެ.

އެ އަމުރުގައި ބުނެފައިވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށާއި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވާ ކަމަށެވެ. އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުތިމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށް ވެސް އެ އަމުރުގައި ވެއެވެ. މި އަމުރު ނެރެފައިވަނީ ގާޒީ ހަސަން ސައީދެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓްގެ ވާހަކަތައް ދޮގުކޮށް އަމުރު ބާތިލުކުރުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެފައެވެ.

އެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް އޭރު ކްރިމިނަލް ކޯޓުން އަމުރު ނެރުތާ 48 ގަޑިއިރު ވަނީ ހަމަވެފައެވެ. އެހެން ކަމުން މައްސަލަ ބަލައިނުގަނެ ވަނީ ބޭރުކޮށްލާފައެވެ.

އެ ނިންމުން އިސްތިއުނާފު ކުރުމުން ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމުން ބަދަލުކޮށް މައްސަލަ ބަލަައިގަތުމަށް ނިންމާފައެވެ. އެހެން ކަމުން ޕީޖީ އޮފީހުން ވަނީ މައްސަލަ އަލުން ހުށައަޅާފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި ތާރީހާމެދުވެސް ވަނީ ސުވާލު އުފެދިފައެވެ. ކްރިމިނަލް ކޯޓުން ނެރުނު ފުރަތަަމަ އަމުރުގައި އަމުރު ބާތިލުކުރީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެދިގެން ކަމަށް ލިޔެވިފައިވާތީ އަލުން އިސްލާހުކޮށް ޕީޖީ އޮފީހަށް ފޮނުވި އަމުރުގައި ޖަހާފައިވަނީ މި މަހުގެ 10 ވަަނަ ދުވަހުގެ ތާރީހެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ނުވަވަނަ ދުވަހުއެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އަޑުއެހުން ބާއްވާ އަމުރު އިއުލާނުކުރީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށާއި އަމުރު ޕީޖީ އޮފީހަށް ލިބުނީ 11 ވަަނަ ދުވަހު ކަަމަށެވެ. އަމުރުގައި ތާރީހެއް ކަމަށް އޮތީ 10 ފެބްރުއަރީ ކަމަށާ ފުރައިގެން ދިޔަ ކަމަށް ވަނީ އަމުރުގައި އޮތް ތާރީހުގެ ކުރިން ފެބްރުއަރީ ނުވަވަނަ ދުވަހު ކަމަށެވެ. އަދި ޖާމިނު ލިޔުމުގައި އޮތީ ނުވައެއް ފެބްރުއަރީގައި އަމުރު ނެރެފައިވާ ކަމަށެވެ.

އަލީ ވަހީދު ފުރައިގެން ގޮސްފައިވާއިރު އޭނާގެ މައްޗަށް ގިނަ ދަައުވާތަކެއް ވަނީ އުފުލާފައެވެ. މީގެ ތެރޭގައި 

  • ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ދަނީ ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް