ads
ކުޑަކުދިންގެ ހިޔާ
ހިޔާތަކުން ކުދިން ފިލަނީ ކީއްވެ؟
ދައުލަތުގެ ބެލުމުގެދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހަދާފައި ހުންނަ ކުޑަކުދިންގެ ހިޔާގެ ގިނަ މައްސަލަތަކެއް ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ފެންމަތިވެފަ އެވެ. އަދި ގިނަ ބައެއްގެ ކަންބޮޑުވުމާއި ފާޑުކިޔުން މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީއަށް ވަނީ އަމާޒުވެފަ އެވެ.

އެގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، ހުޅުމާލޭގައި ބައިތިއްބާފައި ހުންނަ ފިޔަވަތީގައި ބައެއް ކުޑަ ކުދިންތަކަކަށް އިހުމާލުވާކަމަށް މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި ވަނީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގަ އެވެ.

އެ ވީޑިއޯގައި ފެނިގެން ގޮސްފައި ވަނީ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ ހަތަރު މީހަކު މީހަކު ވެގެން، އަންހެން ކުއްޖަކު ބޭރަށް ނެރި އަވީގައި ބަހައްޓާފައި ހުރި މަންޒަރެވެ. މެންދުރުގެ ގަދައަވީގައި އެކުއްޖާގެ އިތުރުން އެހެން އަންހެން ކުއްޖަކު ވެސް ބޭރަށް ނެރިފައި ހުއްޓެވެ.  

އެ ވީޑިއޯ އާންމު ކުރި މީހާ ބުނި ގޮތުގައި އެކަން ފިޔަވަތީގެ އިސްވެރިންނަށް ރިޕޯޓްކުރި އެވެ. އަދި ކަމާއި ގުޅޭ ފޮޓޯ ފޮނުވުމަށް ވެސް އެދުން ކަމަށް ބުންޏެވެ. 

މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ އެކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެހާ ހިސާބުން އެ މައްސަލައިގެ އަޑުތައްވެސް އޮބިގެން ދިޔަ އެވެ.

ހަމަ އެއަހަރުގެ ޖަނަވަރީ މަހުގައި ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ހުރި އަންހެން ކުއްޖަކު އެތަނުން ފިލައިގެން ލޯންޗެއްގައި ރަށަށް ފުރައިގެން ދިޔަ މައްސަލައެއްގައި އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމުގެ އަޑުތައް ފެތުރިގެން ދިޔަ އެވެ. ނަމަވެސް އެކަން ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.

ދެހާސް 2019 ގައި ކުޑަކުދިންގެ ހިޔާގެ ފުރާޅުގެ މަތީގައި ކުދިން އުޅޭ ވީޑިއޯ އެއް ވެސް ވަނީ އާންމުވެފަ އެވެ. އަދި ކުޑަކުދިންގެ ހިޔާގައި ހުރި ކުއްޖެއް ބަލިވެއިން ކަމަށް ވެސް ވާހަކަތައް ފެތުރިގެން ދިޔަ އެވެ. ނަމަވެސް އެހުރިހާ ވާހަކަތަކެއް ޖެންޑާ މިނިސްޓްރީއިން ވަނީ ދޮގުކޮށް އޮއްބާލާފަ އެވެ.

އަދި އެ އަހަރުގެ ޑިސެމްބަރު މަހުގައި ކުޑަކުދިންގެ ހިޔާއިން ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބި ތިން އަންހެން ކުއްޖަކު ފިލައިގެން ދިޔަ އެވެ. ނަމަވެސް އެކުދިން ވަނީ އަމިއްލައަށް އަނބުރާ ހިޔާއަށް އައިސްފައި ކަމަށް ފުލުހުން އޭރުގައި ބުނެފައި ވެއެވެ.

ހިޔާގައި މައްސަލަތަކެއް އުޅޭކަމަށް އަޑުއަރާފައި ވަނިކޮށް ދެން ފެނިގެން ދިޔައީ އެތަނުގެ ކުއްޖެއް އަމިއްލަ ދުލުން އެކުއްޖާ އުޅެމުން ދިޔަ ހާލަތު ކިޔާދިން ވީޑިއޯއެއް އާންމުވި މަންޒަރެވެ.

އެގޮތުން  ކުއްޖާ ވަނީ ބަނޑު ފުރޭ ވަރަށް ކާން ލިބެނީ ބައެއްފަހަރު ކަމަށް ބުނެފަ އެވެ. އަދި އެތަނުގައި އެއްޗެހި ކިޔާކަން ފާހަގަކޮށް އެގޮތަށް އެއްޗެހި ކިޔާއިރު އެތަނުގައި އުޅޭ ކުދިން އެކުއްޖާއާ ދިމާލަށް ބަލަހައްޓައިގެން ތިބެގެން މަލާމާތް ކުރާކަމަށް ވެސް އެ ކުއްޖާ ރޮމުން އިނދެ ކިޔައިދެ އެވެ. 

އޭގެ އިތުރުން އެކުއްޖާ ވަނީ އެގޮތަށް މީހުން އެއްޗެހި ކިޔުމުން އެވާހަކަތައް ހިއްސާކުރުމުން ވެސް އެތަނުގައި މަސައްކަތް ކުރާ މީހުން އެކަމަށް އަޅާ ނުލާ ކަމަށާއި އެންމެ ފަހުން އެގޮތަށް ކުދިން ކިޔާ އެއްޗެއްސަށް އެކުއްޖާ ވެސް އަޅާނުލާ ހުންނަނީ ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން ފިރިހެން ކުދިން ބެހޭތޯ ސުވާލުކުރުމުން އެކުއްޖާ ވަނީ ފިރިހެން ކުދިން ވަރަށް ހަޑި ހުތުރު ބަހުން ވާހަކަ ދައްކާ ކަމަށް ވެސް ބުނެފަ އެވެ. 

ޖެންޑާއިން އޭރުގައި މި ވީޑިއޯއާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކުޑަކުދިންގެ ހިޔާގެ މައްސަލަތައް ފެންމަތިވެ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ފެނިގެން ދިޔައީ ކުޑަކުދިންނާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން އިހުމާލުވެފައިވާކަމަށް ފާހަގަކުރެވޭ މައްސަލަތަކާގުޅޭ ތަހުގީގެއް ކުރަމުން އަންނަކަމަށް ކުޑަކުދިންގެ މައްސަލަތައް ބަލާއި، ރިޔާސީ ކޮމިޝަނުން ބުނިތަނެވެ.

އަދި 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ކުޑަކުދިންނާއިމެދު އެތަނުގެ މުވައްޒަފުންގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަށް ދީފައިވާ މައްސަލައިގައި 11 ފަރާތެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިވަނީ ނިމިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.

އޭގެފަހުން ކުޑަކުދިންގެ ހިޔާގައި އެތަނުގެ ކުދިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހަ މީހަކަށް ދައުވާ ކޮށްފިކަމަށް ޕީޖީ އޮފީހުން ބުނެފައި ވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

މިއަހަރުގެ ތެރޭގައި ޖެންޑާ މިނިސްޓްރީއިން އަތޮޅުތެރޭ ރަށްތަކުގައި ގާއިމްކޮށްފައިވާ އަމާންވެއްޓަށް ކުދިން ފޮނުވާފައިވާއިރު އެކުދިންގެ ފަރާތުން ފެންނަނީ ވަރަށް ނޭދެވޭ އުޅުމެއްކަމަށް ބައެއް ރަށްތަކުން ވަނީ މައުލޫމާތު ދީފަ އެވެ.

އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް ރޭގައި ކުޑަކުދިންގެ ހިޔާގައި ހާދިސާއެއް ހިނގާފައިވާކަން ޖެންޑާ މިނިސްޓަރީއިން ވަނީ ސީއެންއެމްއަށް ކަށަވަރުކޮށްދީފަ އެވެ. އަދި މިހާރު ކުޑަކުދިންގެ ހިޔާ ވަނީ އާންމު ހާލަތަށް ގެނެވިފައި ކަމަށް ވެސް ޖެންޑާއިން ބުނެ އެވެ. 

ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި 10 ކުއްޖަކު ރޭގައިވަނީ އެތަނުން ފިލައިގެން ގޮސްފަ އެވެ. ނަމަވެސް ފަހުން އެ ކުދިން ގެނައި ކަމަށާއި ނަމަވެސް ތަކެއްޗަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި އެއް ކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ކުއްޖާ އަދިވެސް ހުރީ ފުލުހުންގެ ހައްޔަރުގައި ކަމަށެވެ. 

އެހެންކަމުން ފާއިތުވެދިޔަ އަހަރު ތަކުގައި ޖެންޑާގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ކުދިން ބަހަލައްޓަމުން ދާއިރު އެކުދިން ފިލައިގެން ދިޔުމުގެ ހަގީގަތަކީ ކޮބާތޯ އެވެ.

ޖެންޑާއިން އެކުދިންނަށް ބޭނުންވާ ހުރިހާ އެހީއެއް ފޯރުކޮށްދޭ ކަމަށް ބުނަމުން ދާއިރު އެކުދިން އެތަނުގައި އުޅެން ބޭނުން ނުވުމުގެ ސިއްރަކީ ކޮބާތޯ އެވެ. މިއީ ވަރަށް ގިނަ ބެއެއްގެ ހިތުގައި މިހާރު އުފެދިފައިވާ ސުވާލެ ކެވެ.

 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް