ads
ސުޕްރީމް ކޯޓު--
އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކުރި ހުކުމެއް ބާތިލްކޮށްފި
އިލެކްޝަންސް ކޮމިޝަނުން ކެނޑިޑެންސީ ބާތިލް ކުރި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރާ ހަސަން މޫސާއަށް ކައުންސިލް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް އެކޯޓުން ބާތިލުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހު 23ގައި ސުޕްރީމް ކޯޓުން ހަސަން މޫސާއަށް ކައުންސިލް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ހުކުމް ކުރުމުން، އޭގެ ދެދުވަސް ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އަލުން އެ މައްސަލަ ބަލައި ދިނުމަށް އެދި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

އެގޮތުން ސުޕްރީމް ކޯޓުގައި އިއްޔެ މި މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ބޭއްވި އިރު، މައްސަލަ އިލެކްޝަނާއި އެއްކޮޅަށް ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރު މަޖިލީހުގެ އިއްތިފާގުންނެވެ.

އެގޮތުން ކަނޑޫދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް އެދި ހަސަން މޫސާ އިލެކްޝަނަށް 17 ފެބްރުއަރީ 2020ގައި ފޯމު ހުށަހެޅި އިރު، ފ. ބިލެއްދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާހުކުމާއި އެއްގޮތަށް ދައްކަން ޖެހޭ 86،148.28 (އަށްޑިހަ ހަހާސް އެއް ސަތޭކަ ސާޅީސް އަށް ރުފިޔާ އަށާވީށް ލާރި)ގެ ސާބިތު ދަރަންޏެއް ނުދައްކާ އޮތްކަން ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ. އަދި މިއާއެކު ހަސަން މޫސާގެ ކިބައިގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިހާބުގެ ކެނޑިޑޭޓުކަމުގެ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށް އެ ކޯޓުން ކަނޑައަޅާ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައި ވެއެވެ.

އިލެކްޝަންސް އިން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ސުޕްރީމް ކޯޓުގެ ކުރީގެ އަމުރަށްފަހު، ހަސަން މޫސާގެ ނަން އަލުން ކެނޑިޑެސީ ލިސްޓުގައި ހިމަނާ، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަ ކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވާ ގޮތް އާންމު ކުރި ފަހުންނެވެ. 

ހަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އީސީން ކަނޑައަޅަފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އީސީން ބުނީ އޭރު ބުނަމުން އައީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓް ހަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަން، އެކޮމިޝަނަށް ސާބިތުވާ ކަމަށެވެ. 

ނަމަވެސް ހަސަން މޫސާގެ ފަތާރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން އެކޯޓުން އީސީގެ މި އެންގުން ބާތިލު ކުރީ، ހަސަން މޫސާއަށް އެންގި އެންގުމަކީ ގާނޫނުން އީސީއަށް ލިބިފައިވާ 48 ގަޑިއިރު ފަހަނަ އަޅާ ދިޔަފަހުން އީސީން އެންގި އެންގުމެއް ކަމަށް ބުނެ، އެ އެންގުމަކީ ވަގުތު ފަހަނަ އެޅިފަހުން ފޮނުވި އެންގުމަކަށް ވުމާއި ގުޅިގެންނެވެ. 

ނަމަވެސް ހަސަން މޫސާގެ ކެންޑިޑެސީ އީސީން ގަބޫލްކުރިއިރު އޭނާގެ ސާބިތު ދަރަންޏެއް އޮތްކަން ލިޔެކިޔުމުން ފެންނަން އެބަހުރި ކަމަށާއި އެ މައްސަލަ އަނެއްކާވެެސް ސްޕްރީމް ކޯޓަށް އީސީގެ ފަރާތުން ހުށަހަޅާފައިވަނީ އެހެންވެ ކަމަށް މިމައްސަލަ އީސީގެ ފަރާތުން ކޯޓަށް ހުށަހެޅުމަށްފަހު އީސީން ބުނެފައިވެއެވެ. 

ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ދެ ކެންޑިޑޭޓަކު ކުރިމަތިލާފައިވެ އެވެ. އެއީ ޕީޕީއެމްގެ ފަރާތުން ކުރިމަތިލި ހަސަން މޫސާ އާއި އެމްޑީޕީގެ ފަރާތުން ކުރިމަތިލި އަހްމަދު ރީހާން އެެވެ. އެހެންނަމަވެސް އީސީން ހަސަން މޫސާގެ ކެންޑިޑެސީ ބާތިލްކުރުމާއެކު ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ދެވަނައަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓް ރީހާންއަށް އެ ގޮނޑި ވަނީ ޔަގީންވެފަ އެވެ. އޭގެ ފަހުން ސުޕްރީމްކޯޓުގެ ކުރީގެ އެންގުމާއެކު، އިލެކްޝަނުން ވަނީ ހަސަން މޫސާގެ ނަން އަލުން ކެނޑިޑެސީ ލިސްޓުގައި ހިމަނާފައެވެ. ނަމަވެސް، ސުޕްރީމް ކޯޓުން އިއްޔެ ނިންމި ނިންމުމާއި ގުޅިގެން އަލުން ރީހާން އަށް ގޮނޑި ކަށަވަރު ވާނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބައެއް މެންބަރުން ނަން އަނބުރާ ގެންގޮސްފައިވާތީ ވޯޓަކާއި ނުލާ 120 މެންބަރަކަށް މިހާރުވަނީ ގޮނޑި ޔަގީންވެފަ އެވެ. މީގެ ތެރެގައި ގިނައީ ސަރުކާރު ތަމްސީލު ކުރާ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ.

އަންނަ އޭޕްރީލް މަހުގެ ދިހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކައުންސިލް އިންތިހާބަށް 2264 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް 1670 ކެނޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އަދި މި އިންތިހާބުގައި ޖުމުލަ 3934 ކެނޑިޑޭޓުން އިންތިހާބު ކުރާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް