ads
މަބްރޫކް ---
ވެންޓިލޭޓަރު މައްސަލައިގައި ރާއްޖެއިން އާބިޓްރޭޝަނަށް ދާން ތައްޔާރު ވަނީ!
ވެންޓިލޭޓަރު މައްސަލައިގައި ރާއްޖެއިން އާބިޓްރޭޝަނަށް ދާން އެޓާނީ ޖެނެރަލް އޮފީހުން ތައްޔާރު ވަމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުން ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

އެގޮތުން މިހާތަނަށް ސަރުކާރުން އައީ ހެލްތް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން، ފައިސާ ދައްކާފައިވާ ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތްތައް ކުރަމުން ކަމަށް މަބްރޫކު ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން ނަތީޖާއެއް ހާސިލު ކުރެވިފައި ނުވާ ކަމަށް މަބުރޫކް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން މިހާތަނަށް އެކި ފަހަރު މަތިން ވެންޓިލޭޓަރުތައް ރާއްޖެއަށް ގެނައުމަށް ބޭނުންވާ އަދަދަށް މުއްދަތުވެސް ދެވިއްޖެ ކަމަށާއި، ވެންޓިލޭޓަރުތައް ހޯދުމުގައި އެކި ޓައިމްލައިންތައް ފަހަނައަޅާ ހިނގައްޖެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މިހާރު އެޓާނީ ޖެނެރަލްގެ ވިސްނުން ހުރީ އަދި ތައްޔާރު ވަމުން އަންނަނީ އާބިޓްރޭޝަނަށް މި މައްސަލައިގައި ދިވެހި ސަރުކާރުން ދިއުމަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

"މިކަމުގައި ކަންކުރަންވީ ގޮތް އެގްޒެކިއުޓާސް ޖެނެރަލްއާއި ހެދިފައި އޮތް އެގްރީމަންޓުގައި ވަރަށް ސާފުކޮށް އިނގެން އެބައޮތް. މިކަން ކުރެވެން ޖެހޭނީ ޔުނައިޓެޑް ނޭޝަންސް ކޮމިޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް ލޯ އާ އެއްގޮތުގެ މަތިން އިންޓަނޭޝަނަލް އާބިޓްރޭޝަނެއް، އެ އާބިޓްރޭޝަން ހިންގާނީ ދިވެހި ރާއްޖޭގައި. މިކަމުގައި މިހާރުގެ ހާލަތު ހުރިގޮތުން މީގެ ބައެއް ކަންކަން ވާޗުއަލީވެސް ހިނގައިދާނެ. އެހެންނަމަވެސް ރާއްޖޭގައި ހިންގާ އާބިޓްރޭޝަނެއްގެ ގޮތުގައި މި އާބިޓްރޭޝަންގެ އާބިޓްރޭޓަރަކަށް ވާނީ ބައިނަލްއަގްވާމީ އާބިޓްރޭޓާއެއް. އަދި މި މައްސަލައިގައި އަޅުގަނޑުމެން މިހާރު މިއެދެނީ މި އެގްރީމަންޓާއި ހިލާފުވެފައިވާކަމަށް ދެކި، މިކަމަށް ދެއްކުނު ފައިސާ އަނބުރާ ހޯދަން." މަބްރޫކު ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ރާއްޖެ ގެނައުމަށް ސަރުކާރުން ހަރަދު ކުރި ފައިސާ އަނބުރާ ހޯދުމަށް އާބިޓްރޭޝަނަށް ދިނުމަށް އެޓާނީ ޖެނެރަލް އޮފީހުން ނިންމާފައިވާއިރު، އާބިޓްރޭޝަންގައި ވަކި ގޮތަކަށް ނިންމުމުން، ރާއްޖެއަށް މިކަމުގެ ފައިސާ އެ ކުންފުނިން ދައްކަން ޖެހޭ ކަމަށް ނިންމިއްޖެނަމަ އެފައިސާ ލިބޭނެ ކަމުގެ ޔަގީންކަމާމެދު ގިނަބައެއްގެ ސުވާލު ހުންނާނެ ކަމަށް މަބުރޫކު ފާހަގަ ކުރެއްވިއެވެ.

މަބްރޫކު ވަނީ މިކަމަށްވެސް ޖަވާބު ދެއްވާފައެވެ. އެގޮތުން މިކަމާ އެޓާނީ ޖެނެރަލް އާއި ސުވާލު ކުރުމުން، މިކަހަލަ އިންޓަނޭޝަނަލް އާބިޓްރޭޝަން ތަކުގައި އިންޓަނޭޝަނަލް ކޮންވެންޝަންތަކާއި ޓްރީޓީތައް ހުންނަކަން އޭޖީން ފާޙަގަ ކުރި ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ރާއްޖެ އާއި ޔޫއޭއީ އަކީ ނިއުޔޯކް ޓްރީޓީގެ ބައިވެރިން ކަމަށާއި، މި މައްސަލަ ނިމުމުން އެކަން ތަންފީޒު ކުރުމުގައި ބައިނަލްއަގްވާމީ ޓްރީޓީތަކާއި ޖަމާއަތްތަކުން މަސައްކަތް ކޮށްދޭނެ ކަމަށް އޭޖީން ބުނި ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

މި މައްސަލައިގައި ސަރުކާރުގެ ވިސްނުން ހުރީ ފައިސާ އަނބުރާ ހޯދުމުގެ އިތުރުން މި މައްސަލައިގައި ކްރިމިނަލް އެލެމަންޓެއް ހިމެނޭނަމަ ޖިނާއީ ތަހުގީގެއް ކުރުމަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ޖިނާއީ ތަހުގީގެއް ކުރުމަށް ކުރެވެމުންދާ މަސައްކަތް ކުރިއަށް ގެންދަންވާނެ ކަމަށާއި މިކަމުގައި އެއްވެސް މީހަކު ޝަމިލުވެފައި ވާނަމަ، އެއީ ދިވެއްސެއް ނޫނީ ބިދޭސީއެއް ނަމަވެސް އެމީހަކާ ދޭތެރޭ ފިޔަވަޅު އެޅުމަށް ބޭނުންވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. 

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ހެލްތް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު އޭގެ ތެރެއިން އަދި 60 ވެންޓިލޭޓަރު އަދިވެސް ނުލިބެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާކަން ފަޅާއެރީ ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ އޮޑިޓުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް