ads
ހިންނަވަރަށް ރާޅު އަރަނީ
ހިންނަވަރަށް ރާޅު އަރާ ތަން ފެންނަ ބިރުވެރި މަންޒަރެއް
މިމަހުގެ 29 ވީ ހޯމަ ދުވަހުގެ ދަންވަރުގެ ވަގުތެެއްގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ގަޑިއަކު 34 މޭލާއި 40 މޭލު ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ދެ ފަހަރެއްގެ މަތިން އޮރެންޖް އިންޒާރު ނެރެފައެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް އެ ދުވަހު ވަނީ އެކި ވަގުތުތަކުގައި އެކި އެލާޓްތައް ނެރެފައެވެ. އެޔަށްފަހު ފެނިގެންދިޔައީ މާލޭ ސަރަހައްދު ހިމެނޭ ގޮތަށް މުޅި ރާއްޖެއަށް ގަދަ ވަޔާއިއެކު މޫސުން ގޯސްވެގެން ދިޔަތަނެވެ. ބޯކޮށް ވާރެވެހުމާއިއެކު ވައިގަދަވެ، ކަނޑުތައްވެެސް ގަދަވެގެން ދިޔައިރު، ޅ. ހިންނަވަރަށް ވަނީ ވަރަށް ބޮޑަށް އުދައަރާފައެވެ.

އެ ރަށަށް އުދައަރަން ފަށާފައިވަނީ ހެނދުނު 9:35އިން ފެށިގެންނެވެ. އެވަގުތުން ފެށިގެން ހުއްޓާނުލާ މެންދުރު 2:00 ޖެހުމާއި ހަމަޔަށް އެ ރަށަށް ވަނީ ވަރަށް ބޮޑަށް އުދައަރާފައެވެ. 

މީގެ މަންޒަރުތައް ފެންނަ ވިޑިއޯތަކެއް މިހާރު ޝޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، މި މަންޒަރުތަކުން ސިފަވަނީ 2004ވަނަ އަހަރު އެރި ސުނާމީގެ ބޮޑު ރާޅުން ރާއްޖޭގެ ރަށްތަށްތަކާއި ދިވެހީންގެ މުޅި ދިރިއުޅުން ދޮވެލާއިގެން ރަށުގެ އަނެއް ފަރާތުން ފައިބާގެންދިޔަ ސުނާމީ ކާރިސާގެ ބިރުވެރި މަންޒަރުތަކެވެ. 

ގިނަ ބަޔަކު ބުނާ ގޮތުން އެ ރަށުން ފެންނަ މަންޒަރުތަކުން ބޮޑަށް ސިފަވަނީ އުދައަށް ވުރެ ބޮޑަށް ކުޑަ ސުނާމީއެއް އަރައިގެން އުޅޭ މަންޒަރެވެ. މޫދާއި، ރަށުތެރެ ވަކި ނުވާއިރު، ރުޅިގަނދަވެފައިވާ ރާޅުތަށް ރަށުތެެރެއަށް އަރައިގެންދާ މަންޒަރު ފެނެއެވެ. 

ހިންނަވަރު ކައުންސިލްގެ ރައީސް ސީއެންއެމްއަށް މިވާހަކަ ސިފަކޮށްދެއްވަމުންވެސް ވިދާޅުވީ، އެ ދުވަހުގެ މަންޒަރުތައް ބޮޑަށް ފެނުނީ ސުނާމީއެއް އަރައިގެން އުޅޭފަދަ ގޮތަކަށް ކަމަށެވެ. 

2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާ އަކީ ދިވެހިންގެ ހިތުން ދުވަހަކުވެސް ފިލާގެންދާނެ ހާދިސާއެއް ނޫނެވެ. މި ހާދިސާގައި މުޅި ރާއްޖޭއަށް ލިބުނު ގެއްލުމަކީ މިއިންޒަމާނެއްގައިވެސް ތަޖުރިބާކޮށްފައި ނުވާވަރުގެ ގެއްލުންތަކެކެވެ. އުމުރު ދުވަހު ބިނާކުރަމުން އައި ދިރިއުޅުން ރާޅާއިއެކު ގެންދިޔައިރު އެ ހާދިސާއަށް 16 އަހަރުވީއިރުވެސް މިއަދުވެސް އެ ބިރުވެރިކަން ދިވެހިންދަނީ ތަހަންމަލް ކުރަމުންނެވެ. 

ކިރިއާވެސް މޫސުން ގޯސްވެ، ވައިގަދަވެލައިފިނަމަ ނުވަތަ ކަނޑުތައް ގަދަވެއްޖެނަމަ، ގޭގައި ހިފާގެންގުޅޭ ސާމާނު މައްޗައްލާ ފޮރުވާ، އިރުއިރުކޮޅާ ކަނޑުތައް އޮތީ ކިހިނެތްތޯ ބަލާ މީހުން އަދިވެސް ރާއްޖޭގައި އެބައުޅެއެވެ. މިވީ 16 އަހަރުތެރޭ ސުނާމީއެއް ނޭރިނަމަވެސް ދޭތެރެދޭތެރެއިން އުދަ އަރައެވެ. 

އުދައަށް ވުރެ ބޮޑަށް ހިންނަވަރަށް އަރަނީ ރާޅޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އަދި ހިންނަވަރަށް މިއީ އާ ކަމަކަށްވެސް ނުވެއެވެ. މިއީ ކޮންމެ އިރުވައި މޫސުމެއްގެވެސް ހާލެވެ. މިކަން ހުއްޓުވުމަށް ކުރެވޭނެ މާބޮޑު ކަމެއްވެސް ނެތެވެ. އެކަމަށް އޮތް ހަމައެކަނި ހައްލަކީ ރަނގަޅު ފެންވަރެއްގެ ބަނދަރެއް އަދި ބޭރު ތޮށްޓެއް އެ ރަށުގައި ތަރައްގީ ކުރެވިގެން ދިޔުމެވެ. މިއަދާއި ހަމަޔަށްވެސް މިކަމަށް އެތަށް މަސައްކަތެއް ކުރިނަމަވެސް އެތައް ޒަމާނަކުންސުރެ ހިންނަަަވަރު ރައްޔިތުން އުޅެންޖެހިފައި އޮތީ އިރުވައި މޫސުމުގައި ރުޅިގަދަވާ ކަނޑާއި ގާތްގުޅުމެއް ބާއްވައިގެން އެކަމަކީ ނުވާކަމަކަށް ހަދައިގެންނެވެ. 

މިދިޔަ އަހަރުގެ ނޮވެމްބަރު 10ވަނަ ދުވަހު މިކަމަށް ހައްލެއް ހޯދުމަށް އާ ބަނދަރުގެ މަސައްކަތް ފެށުމަށް ސޮއި ކުރެވިގެންދިޔައެވެ. މި މަޝްރޫއުގެ ތެރޭގައި އާ ބަނދަރު ތަރައްގީކުރުމާއި ހަލާކުވެފައިވާ ބޭރު ތޮށިގަނޑު މަރާމާތު ކުރުން ހިމެނެއެވެ. އެހެންނަމަވެސް އެކަމުގެ ކޮޅުމަތި ފެންނާނީ ކޮން ދުވަހަކުން ކަމެއް އަދި ނޭންގެއެވެ. 

ހިންނަވަރުގައި ބަނދަރުވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެހެންކަމުން އިރުވައި މޫސުމުގައި ކަނޑުތައް ގަދަވެ އުފުލިގެން އަންނައިރު ރަށަށް ރާޅު އެރުމަށް އެއްވެސް ހުރަހެއް ނޯވެއެވެ. އެ ރަށުގެ ޒަމާނުންސުރެ ބަނދަރެއްގެ ގޮތަށް ބޭނުންކުރަމުން އާއީ މީގެ އެތައް ޒަމާނެއްކުރިން ރައްޔިތުން ނިކުމެ އަމިއްލައަށް ވެލިބަސްތާ ޖަހައިގެން ހަނދާފައިވާ ވާޓަރެކެވެ. އޭގެން ކުރެވޭ އެއްވެސް ބޭނުމެއް މިހާރަކު ނޯވެއެވެ. އޭގެފަހުން ސުނާމީ ކާރިސާއާއި ގުޅިގެން އޭރުގެ ސަރުކާރުން ތަރައްގީކުރި ބަނދަރަކީ މިހާރުވެސް އެ ރަށުގައި ބޭނުންކުރާ ބަނދަރެވެ. އެހެންނަމަވެސް އެވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި އަމުދުން އިރުވައި މޫސުމަށް ކަނޑުތައް ގަދަވެގެން އަންނައިރު، އެ ބަނދަރު އޮތުމަކުން ރައްޔިތުންނަށް އެއްވެސް ރައްކަލެއް ނުލިބެއެވެ. 

އެހެންކަމުން މިފަދައިން މޫސުން ގޯސްވާ ދަނޑިވަޅުތަކުގައި ހިންނަވަރު ރައްޔިތުން އުޅެންޖެހެނީ ކަނޑުތަކަކީވެސް ރަށުގެ ބަޔަކަށް ހަދައިގެންނެވެ. އެ ނޫން ގޮތެއްވެސް ނެތީއެވެ. ހިންނަވަރު ރައްޔިތުން ވަނީ މިހާރު މިގޮތައް އުޅެން ހޭނިފައެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް