ads
އެންޑީއޭ ---
ވީހާވެސް ފަސޭހައިން ފަރުވާއަށް ދެވޭ ގޮތެއް ހޯދަންޖެހޭ: އެންޑީއޭ
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންނަށް ވީހާވެސް ފަސޭހައިން ފަރުވާ ދެވޭ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް އެންޑީއޭ ބޯޑުގެ ޗެއާމަން އަބްދުލް ހަމީދު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހަމީދު ވިދާޅުވީ، ފަރުވާ ހޯދުމަށް އެކުދިން ބޮޑު ތަކުލީފެއް އުފުލަން ޖެހޭ ކަމަށެވެ. 

އެގޮތުން ގިނަ ކުދިންނަށް ފަރުވާއަށް ޖޮއިން ކުރަން ނުވަތަ ފަރުވާއަށް ދިޔުން އުނދަނގޫ ކަމަށާއި، ފަރުވާއަށް ދިއުމަށް މާ ހާލުގައި އުޅެން ޖެހޭ ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު ފަރުވާއަށްވުރެ، ކަންމައްޗަކުން މަސްތުވާތަކެތި ގަނެގެން ބޭނުން ކުރަން މާ ފަސޭހަ ކަމަށް ހަމީދު ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ އަދިވެސް ކުދިންނަށް ފަރުވާގެ ފުރުސަތުގައި ޖޮއިން ކުރަން ނުވަތަ ފަރުވާއަށް ދިޔުން ހަމަ އުނދަގޫހެން. އުނދަގުލީހެން. އެއީ ކުއްޖަކު އުޅެން ޖެހޭ ހާލު މާ އުނދަގުލީ. އެއަށްވުރެ މާފަސޭހަ އެ ކުއްޖަކަށް މަގުމަތީ ކަންމަތިން މަސްތުވާތަކެތި ގަނެގެން ބޭނުން ކުރަން އުޅުން." ހަމީދު ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ މިކަން ރަނގަޅު ކުރެވެން އޮތީ މަސްތުވާތަކެތި ހޯދުމަށްވުރެ ފަރުވާއަށް ޖޮއިން ކުރުން ފަސޭހަ ކޮށްގެން ކަމަށެވެ. އަދި އެންޑީއޭއިން މިހާރު މަސައްކަތް ކުރަނީ ފަސޭހައިން ފަރުވާއަށް ދެވޭނެ ގޮތްތަކެއް ހޯދައިދޭން ކަމަށް ހަމީދު ވިދާޅުވިއެވެ. 

އެގޮތުން މިހާރުވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިންގެ ތެރެއިން ފަރުވާ އަށް އެދުނު ކުދިންގެ ކިއު ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށް ހަމީދު ވިދާޅުވެފައި ވެއެވެ. 

އެގޮތުން ކިއު ކުޑަވާން ދިމާވި އެއް ސަބަބަކަށް ހަމީދު ފާހަގަ ކުރެއްވީ، ރިހެބިލިޓޭޝަން ސެންޓަރަށް ގެންދިއުމުގެ ކުރިން، ފަރުވާއަށް އަންނަ މީހުން ކަރަންޓީނު ކުރަމުން ގެންދިޔަ ދިއުމެވެ. އެގޮތުން ދެ ތަނެއްގައި ކަރަންޓީނުގެ ކަންކަން ހަމަޖައްސާފައިވާ ކަމަށާއި، ފަރުވާއަށް ދަނީ ކަރަންޓީނަށް ފަހު ކަމަށް ހަމީދު ފާހަގަ ކުރެއްވިއެވެ. 

މީގެ އިތުރުން ކިއު ކުޑަވާން ދިމާވި އަނެއް ސަބަބަކަށް ހަމީދު ފާހަގަ ކުރެއްވީ، އެންޑީއޭއިން އަލަށް ފެށި އިތުރު ތިން މެޑިކަލް ޕްރޮގްރާމްއެވެ. މި ޕްރޮގްރާމްގެ ދަށުން އަމިއްލައަށް ޑޮކްޓަރަށް ދައްކާ ބޭސް ހިފައިގެން ނުވަތަ އައުޓް ޕޭޝަންޓް ކޮށް އޭނާގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި މިކަމާ ގުޅިގެން ރިހެބިލިޓޭޝަނަށް ވަކި ތަނެއްގައި ހުންނާކަށް ނުޖެހޭ ކަމަށް ހަމީދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރަށްރަށުގައި ތިބެގެން، ފަރުވާ ހޯދުމުގެ ކަންކަމަށް އެދުމުން އެކަމަށް ފެސިލިޓޭޓް ކޮށްދޭކަމަށް ހަމީދު ވިދާޅުވިއެވެ. ނަމަވެސް މިއީ އެ ރަށެއްގައި ތިބި މީހުން އަމިއްލައަށް އެދުމުން އެމީހުނަށް ފަހި ކޮށްދޭ ފުރުސަތެއް ކަމަށާއި، އެއީ އެރަށެއްގައި ހުންނަ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވޭ "ކޮމިއުނިޓީ ފަރުވާ"ގެ ކަންކަން ކަމަށް ހަމީދު ވިދާޅުވިއެވެ. އަދި ރަށުގައި ހުރެގެން ފަރުވާ ފުރިހަމަ ކުރުމަށް ލިބޭ ފުރުސަތަކީ ގިނަބަޔަކަށް ލިބޭނެ ލުޔެއް ކަމަށް ހަމީދު ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް