ads
ފޮޓޯ: ރައީސް އޮފީސް--
ތާރީހު ދިރާސާކޮށް ލިޔުމަކީ ކިޔަވާކުދިން ކުރަންޖެހޭ ގައުމީ މަސައްކަތެއް: ރައީސް
ރާއްޖޭގެ ދިގު އަދި މުއްސަނދި ތާރީހު ދިރާސާކޮށް، ލިޔެ، ރައްކައުކުރުމަކީ، ޔުނިވާސިޓީތަކާއި ކޮލެޖްތަކުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ކޮނޑުގައި އެޅިފައިވާ ގައުމީ މަސައްކަތެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި މި ވަނީ، އަލްގާޒީ ހަސަން ތާޖުއްދީން ލިޔުއްވާފައިވާ "ތާރީހް އިސްލާމި ދީބާ މަހަލް" ގެ ދިވެހި ތަރުޖަމާ ރަސްމީކޮށް ނެރެދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 

"ތާރީހް އިސްލާމި ދީބާ މަހަލް" އަކީ، ރާއްޖޭގެ ދިގު ތާރީހާ ގުޅޭގޮތުން ދިވެއްސަކު ލިޔުއްވާފައިވާ އެންމެ ފުރަތަމަ ފޮތެވެ. އަލްގާޒީ ހަސަން ތާޖުއްދީން މި ފޮތުގެ އަސްލު ލިޔުއްވާފައި ވަނީ އަރަބި ބަހުންނެވެ. ރައީސް މި ފޮތް ސިފަކުރައްވަނީ ރާއްޖޭގެ ތާރީހުގެ ވަރަށް އަގުހުރި ރަން މުތެއްގެ ގޮތުގައެވެ. އަދި، ގައުމީ ތަރިކައެއްގެ ގޮތުގައެވެ. 

އެމަނިކުފާނު ވިދާޅުވީ، މި ފޮތަކީ ކިޔަވާ ކުދިންނަށް ލިބުނު ވަރަށް އަގުހުރި އިލްމީ ހަދިޔާއެއް ކަމަށާއި ތާރީހު ދިރާސާ ކުރައްވާ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ވަރަށް އިތުބާރު ހުރި މަސްދަރެއް ކަމަށެވެ. 

އެ ފޮތް ނެރެދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގެ ކަމާގުޅޭ ފެކަލްޓީތަކުން، ރާއްޖޭގެ ތާރީހާ މެދު މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ދިރާސާކުރަން ޖެހިފައިވާ ކަމަށެވެ. އަދި، ދަރިވަރުންނަށް އެ ކަމަށް ހިތްވަރުދެއްވައި، ދިވެހި ބަހުގެ އެކެޑަމީގެ އެހީތެރިކަމާއެކު، އެ މަސައްކަތް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ފެއްޓެވުމަށް އެ މަނިކުފާނު ގޮވައިލެއްވި އެވެ.

ތާރީހު ދިރާސާކޮށް، ތާރީހީ ލިޔުންތައް ރައްކައުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވިދާޅުވީ، މިކަމުގައި އިސްކަންދޭންވީ ހަމައެކަނި އިހުގެ ތާރީހަށް ނޫން ކަމަށާއި އެއިރެއްގައި ކަން ހިނގަމުންދާ ގޮތް، އެއްވެސް ތައައްސުބެއް ނެތި، ތެދު ބަހުން ހާމަކުރުމަށް އިސްކަންދެއްވަން ޖެހޭ ކަމަށެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ، އެ ޒަމާނެއްގައި، އެ ކަމެއް "ލޮލުން ދެކި އަތުން ހިފި ބަޔަކަށް" ކަމަށެވެ.

"މިފޮތުގައި ހުރި ވާހަކަތަކަށް ބަލާއިރު، މިއީ ހަމައެކަނި ތާރީހު ފޮތެއް ވެސް ނޫން. މިއީ ދުނިޔަވީ ކަންކަމުގައި ހެޔޮ އިރުޝާދު ބޭނުންވާ މީހަކަށް ވަރަށް ބޭނުންތެރި އަގުހުރި ނަސޭހަތްތަކެއް. އިންސާނީ ތާރީހުގެ ފަތްފުށްތަކުން އިބްރަތް ހާސިލްކުރަން އެދޭ މީހަކަށް ވެސް، އެތައް ދަރުސްތަކެއް ލިއްބައިދޭނެ ފޮތެއް،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވަނީ "ތާރީހް އިސްލާމި ދީބާ މަހަލް" ދިވެހި ބަހަށް ތަރުޖަމާކޮށް ޗާޕުކޮށް ނެރުމުގައި ހަރަކާތްތެރިވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ. 

އެ ފޮތް ރަސްމީކޮށް ނެރެދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް