ads
ފޮޓޯ: އެމްޓީސީސީ
އައްޑޫ ސަރަހައްދީ ޕޯޓު ތަރައްގީކުރަން އެމްޓީސީސީއަށް
އައްޑޫ ސަރަހައްދީ ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ސ. ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސިއީއޯ ޝާހިދު އަލީ އެވެ. 

އެމްޓީސީސީން ބުނީ އައްޑޫ ސަރަޙައްދީ ޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 500،972 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 8.05 ހެކްޓަރުގެ ސަރަހައްދެއްގެ ބިންހިއްކުމާއި، 2360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 25،900 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ ކަމަށެވެ. 

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއަކީ 211.771 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 525 ދުވަސްތެރޭގައި އެވެ.

އެކަމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ހިތަދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި ހިތަދޫ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު އަސްލަމްއާއި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބް އާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުالله ސޯދިގު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް