ads
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތުމަތު ނަޝްވާ
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ފުރަތަމަ ފަހަރަށް ތިން އަންހެން ފުލުހުން
ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް ފުރަތަމަ ފަހަރަށް ތިން އަންހެން ފުލުހުންނަށް ދީފިއެވެ.

އެގޮތުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް މަގާމުގެ ކުރިއެރުން ލިބިފައިވަނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި 3 އޮފިސަރުން ކަމުގައިވާ ފާތިމަތު ނަޝްވާ އާއި މަރިޔަމް އަޒްމާ އަދި އިޒްމިއާ ޒާހިރުއެވެ.

 ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތުމަތު ނަޝްވާ 

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ލިބިލެއްވިއިރު ފާތިމަތު ނަޝްވާ ހުންނެވީ އަޕަރ ނޯތު ޕޮލިސް  ޑިވިޝަން ގެ ކޮމާންޑަރުގެ މަޤާމުގައެވެ. ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ހޭދަކޮށްފައިވާއިރު މިމުއްދަތުގެ ތެރޭގައި އެޑްމިން އޮފިސަރެއްގެ މަޤާމުން ފެށިގެން  ޔުނިޓް ލެވެލްގައާއި ޑެޕިއުޓީ ހެޑްގެ މަގާމާއި ހެޑް އޮފް ޑިޕާރޓްމަންޓްގެ މަޤާމު ފުރުއްވައި އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްކޮށްދެއްވާފައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒް ޑިޕާރޓްމަންޓްގެ އިސްވެރިއެއްގެ ހައިސިއްޔަތުން ކޮމިއުނިޓީއާއި ގުޅިގެން ކުށްމަދުކުރުމަށް ރާވާ ހިންގާފައިވާ ޕްރޮގްރާމްތަކެވެ. އެގޮތުން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ފުރާވަރު ކޭންޕް ފާހަގަކުރެވެއެވެ.

ފާތިމަތު ނަޝްވާ ފަސްޓް ޑިގްރީ ހާސިލުކުރައްވާފައިވަނީ މާސް ކޮމިއުނޭކޭޝަންއިންނެވެ. އަދި މާސްޓަރސް ޑިގްރީ ފުރިހަމަކޮށްފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިންނެވެ. އުނގެނުމާއި އުނގަންނައިދިނުމަށް ހާއްސަ ޝައުޤުވެރިކަމެއް ބަހައްޓަވާ ނަޝްވާ އަކީ ލައިސަންސްޑް ލައިފް ކޯޗެކެވެ. އަދި އޭނާ ގެންދަވަނީ ޕޮލިސް އެކެޑެމީން ހިންގާ ތަފާތު އެކި ކޯސްތަކުގައި ލެކްޗަރާއެއްގެ ގޮތުގައިވެސް ސެޝަން ނަންގަވައިދެއްވަމުންނެވެ. ނަޝްވާ އަށް 2018 ވަނަ އަހަރު ރެހެންދި އެވޯރޑްސް ލިބިފައިވެއެވެ. އަދި ސައުތު އޭޝިއަން ޕާޓްނަރޝިޕް ސަމިޓް އެންޑް ބިޒްނަސްގެ ފަރާތުން  ޕަބްލިކް ސެކްޓަރ އިން ހޮވި ސީއެސްއާރު ލީޑަރޝިޕް އެވޯރޑްވެސް ހާސިލުކޮށްފައިވެއެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ވިމެން އޮން ބޯރޑް އެވަރޑްވެސް ލިބިލައްވާފައިވެއެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު 

މަގާމު ލިބިލެއްވިއިރު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު ހުންނެވީ ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯރމް ޑިޕާރޓްމަންޓްގެ މަގާމުގައެވެ. ފުލުހުންގެ ހިދުމަތުގައި 16 އަހަރު ހޭދަކޮށްފައިވާއިރު މި މުއްދަތުގައި އެކި ދާއިރާތަކުން އަގުހުރި ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އިޒްމިއާ ފާހަގަކުރެވިފައިވަނީ ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަދި އެކަން އަމަލުން ސާބިތުކޮށްދޭން މަސައްކަތްކުރައްވާ އޮފިސަރެއްގެ ގޮތުގައެވެ. އެގޮތުން ފުލުހުންގެ ތެރެއަށް ކޮމިޝަންޑް ކުރެވުނު މަދު އަންހެން އޮފިސަރުންގެ ތެރޭ ހިމެނިފައިވާއިރު ރާއްޖޭގެ ޑިވިޜަނެއްގައި ފުރަތަމަ ފަހަރަށް ޑިވިޜަން ކޮމާންޑަރުކަން ކުރެއްވި އަންހެން އޮފިސަރަކީވެސް އިޒްމިއާ ޒާހިރުއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕޯކްސް ޕާސަންގެ މަޤާމާއި ވިކްޓިމް ސަޕޯޓްގެ ހެޑްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. އަދި ވިކްޓިމް ސަޕޯޓްގައި މަސައްކަތްކުރެއްވި ދުވަސްވަރު ސައިން ލެންގުއޭޖް ކޯހެއް ފުރިހަމަކުރައްވާ އެބަހުން މުއާމަލާތްކުރަންވެސް ދަސްކޮށްފައިވެއެވެ. މާސްޓަރސް ލެވެލްއަށް ތަޢުލީމު ހާޞިލުކުރައްވާފައިވުމުގެ އިތުރުން ސިންގަޕޯރ ޕޮލިސްއިން ހިންގާ ސީނިއަރ އޮފިސަރސް ބޭސިކް ކޯސްފުރިހަމަކޮށްފައިވެއެވެ. 

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާ 

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާއަކީ ފުލުހުންގެ ހިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ އެއް އަންހެން އޮފިސަރެވެ.

އެގޮތުން 25 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތްކޮށްފައިވެއެވެ. ސްޕްރިންޓެންޑެންޓްގެ މަގާމު ލިބިލެއްވިއިރު އަޒުމާ މިވަގުތު ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ޑިވިޝަންގެ ކޮމާންޑަރުގެ މަގާމުގައެވެ. ފުލުހުންގެ ހިދުމަތުގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވަނީ އިންވެސްޓިގޭޝަން ދާއިރާގައެވެ. މާސްޓާރސް ފެންވަރަށް ތަޢުލީމު ހާޞިލުކޮށްފައިވާއިރު އަޒުމާ ފާހަގަކުރެވިފައިވަނީ ހިތްވަރުގަދަ ކެރޭ އޮފިސަރެއްގެ ގޮތުގައެވެ.

 އެގޮތުން ފުލުހުންގެ ފުރަތަމަ އަންހެން ޑްރައިވަރަށް ވުމާއި، ފުރަތަމަ އަންހެން އެޓޯލް ކޮމާންޑަރުކަންވެސް ފާހަގަކުރެވިފައިވެއެވެ. ކްލެރިކަލް އޮފިސަރެއްގެ މަޤާމުން ފެށި މިވަޒީފާގައި އޭނާވަނީ ތަފާތު އެކި ދާއިރާތަކުގައި މުހިއްމު މަސައްކަތްތަކެއްކޮށްފައެވެ. ޚިދުމަތުގެ އެންމެ ދިގު މުއްދަތެއްގައި އިންވެސްޓިގޭޝަންގެ ދާއިރާގައި ހޭދަކޮށްފައިވާއިރު ޔުނިޓް ލެވެލްގައާއި ޑިޕާރޓްމަންޓްލެވެލްގެ އިސް މަގާމުތައް ފުރުއްވާފައިވެއެވެ. އެގޮތުން ހެޑް އޮފް ވިކްޓިމް ސަޕޯރޓްގެ މަޤާމާއި  ފެމެލީ އެންޑް ޖެންޑަރ އެފެއަރޒް ޑިޕާރޓްމަންޓްގެ ހެޑްކަންވެސް ކުރައްވާފައިވެއެވެ. އަދި ފުލުހުންގެ ތެރޭގައި އަންހެނުންގެ ދައުރު ފުޅާކޮށް އަންހެނުން ބާރުވެރިކުރުމަށް އުފައްދަވާފައިވާ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ނެޓްވޯރކްގެ ރައީސްގެ މަގާމަށް ކޮމިޝަނަރ އޮފް ޕޮލިސް އައްޔަންކުރައްވާފައިވާ އޮފިސަރަކީވެސް އަޒުމާކަން ފާހަގަކުރެވެއެވެ. ސްޕޯޓްސް ދާއިރާއަށް ޚާއްސަ ޝައުޤުވެރިކަމަށް ބަހައްޓަވާއިރު، ބާސްކެޓުން ރަން ވަނަތައް ހާޞިލުކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް