ads
މިނިސްޓަރު އިމްރާން އަބްދުﷲ
ކައުންސިލްތަކާއި އެކު ފުލުހުން މަސައްކަތްކުރާނެ އޮނިގަނޑު އެކުލަވާލެވާލަނީ
ކުރިއަށްއޮތް މަދު ދުވަސްތަކުގެ ތެރޭގައި ފުލުހުންނާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑުތައް ހެދޭނެކަމަށް މިނިސްޓަރު ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ އދ.އޮމަދޫ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އާދިއްތަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ. 

މިނިސްޓަރ ވިދާޅުވީ އުސޫލުތަކާއި, ޤަވާއިދުތަކުގެ ތެރެއިން ލަސްތަކެއްނުވެ އޮނިގަނޑު ހަމަޖެހިގެންދާނެކަމަށެވެ.

އެމަސައްކަތުގައި އެލްޖީއޭއާއި, ކައުންސިލްތަކާއި, ފުލުހުންނާއެކުގައި މަޝްވަރާ ކުރެވި, އުފެދިގެންދާ ޤަވާއިދުތަކަކީ ރަށުގެ އަމާން ވެއްޓަކަށް މަގުފަހިކުރުމަށް އެންމެ މުހިއްމު އެއްކަންތައްކަން އެމަނިކުފާން ފާހަގަކުރެއްވިއެވެ.

ފުލުހުންގެ އާޤާނޫނަށް އަމަލުކުރަން ފެށުމަކީ ފުލުހުންގެ މުއައްސަސާއަށާއި, ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެއީ ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށްވެސް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ. މިހިދުމަތް ފުޅާކުރުމަށްޓަކައި މިއެޅުނު ބިންގަލުގެ މައްޗަށް އަތޮޅުތެރޭގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ވަރަށްބޮޑު އަމާޒެއް ހިފާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަނީ އަޅުގަނޑުމެންނަށް ވަރަށް ވަރުގަދަ އަމާޒެއް ދެއްވާފަ. ކުރިއަށް މިއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ޤާއިމްކުރުމަކީ ވަރަށްބޮޑު ޒިންމާއެއް, ވަރަށްބުރަ މަސައްކަތެއް. މިމަސައްކަތް ކުރެވިގެންދާނީ ފުލުހުންގެ އެންމެ އިސް ސަފުން ފެށިގެން ހުރިހާ އޮފިސަރުންގެ އެހީތެރިކަމާއި, އެއްބާރުލުމާއެކުގައި." މިނިސްޓަރ ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ވެށި އެކުލެވިގެންވަނީ ހަގީގަތުގައިވެސް ވަރަށް އަމާން ސުލުހަވެރި ވެއްޓެއްގެ ގޮތުގައިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ދާދިފަހުން އަންނަންފެށި ބައެއް ބަދަލުތަކާއެކު ހާއްސަކޮށް މަސްތުވާތަކެތި ފުޅާދާއިރާއެއްގައި ފެތުރި އެކަމާ ގުޅިގެން އުފެދިގެންދާ ކުށްތަކަކީ ރަށްރަށުން ފެނުމަށް ރައްޔިތުން ނޭދޭ އެކަމަކު ކޮންމެވެސް ވަރަކަށް ފެންނަމުންދާ ކަންކަން ކަމަށެވެ.

އެކަމުން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް މިއަދު ލާމަރުކަޒީ އުސޫލުތައް ހަމަޖެހިގެންދާގޮތުން ކައުންސިލްތަކުން ފުލުހުންނަށް ދެވޭ އެއްބާރުލުމަކީ ރަށުގެ ކުށުގެ ވެށި ހަމަޖެހި, އަމާން ޞުލުހަވެރި ވެއްޓަކަމަށް ވުމަށްޓަކައި ވަރަށް މުހިއްމުކަމެއްކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް