ads
ތިމްޕޫގެ ކުޅުންތެރިއަކު މާލޭގައި ކޮވިޑު ޓެސްޓް ކުރަނީ
ތިމްޕޫ ކުޅުންތެރިން މާލެ އައިސް ކޮވިޑަށް ޓެސްޓްކޮށްފި
އޭއެފްސީ ކަޕް ކޮލިފައިންގައި ބުދަ ދުވަހު އީގަލްސްއާ ދެކޮޅަށް ކުޅެން މާލެ އައި ބޫޓާންގެ ތިމްޕޫ ސިޓީ އެފްސީގެ ކުޅުންތެރިން ކޮވިޑަށް ޓެސްޓްކޮށްފިއެވެ. ތިމްޕޫ ޓީމް މާލެ އައީ ހޯމަ ދުވަހު މެންދުރު ފަހުއެވެ.

އިންޑިޔާގެ ކަލްކަތާގައި ކުރު ކޭމްޕެއް ފުރިހަމަ ކުރުމަށް ފަހު ހޯމަ ދުވަހު މެންދުރު ފަހު މާލެއައި ތިމްޕޫ ޓީމު ތިބެނީ އުނިމާ ގްރޭންޑް ހޮޓަލުގައެވެ. ހޯމަ ދުވަހު މެންދުރު ފަހު މާލެ އައި ޓީމުގެ ހުރިހާ މެންބަރަކުން ކޮވިޑަށް ޓެސްޓް ކުރުމަށް ފަހު އެ ޓީމުން މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ޓެސްޓްގެ ނަތީޖާއަށް ފަހުއެވެ. ތިމްޕޫ ޓީމުން ބުނި ގޮތުގައި މިއީ އެ ޓީމުން ބުދަ ދުވަހުގެ މެޗަށް ހެދި ތިންވަނަ ޕީސީއާރު ޓެސްޓެވެ. އެ ޓީމުން ބޫޓާނުން ފުރި އިރު އަދި އިންޑިއާއަށް ދިޔުމަށް ފަހުވެސް ކޮވިޑަށް ޓެސްޓް ކުރިއެވެ.

ކްލަބު އީގަލްސްއާ ތިމްޕޫ ސިޓީ ކުޅޭ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު ރަސްމީ ބޯޅަ ދަނޑުގައެވެ. މާލެ އައުމުގެ ކުރިން ތިމްޕޫއިން ތަމްރީން ހެދީ އިންޑިޔާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައެވެ.

ބޫޓާން ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން އޭއެފްސީ ކަޕް ކޮލިފައިންއިން ފުރުސަތު ހޯދި ތިމްޕޫ މީގެ ކުރިންވެސް ވަނީ އޭއެފްސީ ކަޕްގައި ކޮލިފައިންގައި މާލޭގައި ކުޅެފައެވެ. އެއީ ދެހާސް ސަތާރަވަނަ އަހަރުއެވެ. އެ އަހަރު ތިމްޕޫ ކުޅުނީ ރާއްޖޭގެ ކްލަބު ވެލެންސިޔާއާ ދެކޮޅަށެވެ. ވެލެންސިޔާއާ ދެކޮޅަށް ބޫޓާނުގައި ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް މާލޭގައި ވެލެންސިޔާ އަތުންވަނީ ތިން ލަނޑު ސުން ލަނޑުން ބަލިވެފައެވެ. އެ ފަހަރާ ޚިލާފަށް މި ފަހަރު ކުޅޭނީ އެންމެ މެޗެކެވެ. އެހެންކަމުން ބުދަ ދުވަހު ކުޅޭ މެޗު އެއީ ނަތީޖާ ނެރެން ޖެހޭ މެޗެކެވެ.

އީގަލްސް އޭއެފްސީ ކަޕަށް ކޮލިފައިވީ މިދިޔަ ސީޒަންގެ ލީގުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ބުދަ ދުވަހު ތިމްޕޫއާ ދެކޮޅަށް ކުޅޭ މެޗަކީ އޭއެފްސީ ކަޕުގައި އީގަލްސްގެ ފުރަތަމަ ތަޖުރިބާއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް