ads
އަލީ ވަހީދު--
އަލީ ވަހީދު އުޅޭ ތަނެއް ހޯދުމަށް ޕީޖީއަށް އަމަރުކޮށްފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ އެޑްރެހެއް ހޯދެވުމަށްފަހު މާދަމާ 14:00 ގެ ކުރިން ކޯޓަށް ހުށައެޅުމަށް ޕީޖީ އޮފީހުގެ މައްޗަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

މިގޮތަށް އަމުރުކޮށްފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގައި ކޯޓަށް ހާޒިރުވުމުގެ ޗިޓު އަލީވަހީދު ރާއްޖެއިން ބޭރުގައި ހުރުމުން އޭނާއަށް ރައްދު ނުވާކަމަށް ހާމަކޮށް މިއަދު ބޭއްވި އަޑުއެހުމުގައެެވެ. 

މިއަދުގެ ޝަރީއަތުގެ މަޖިލިސް ފެއްޓެވުމަށްފަހު މައްސަލަ ބައްލަވާ އިސްފަނޑިޔާރު ވަނީ ޕީޖީ އޮފީހުން އަލީ ވަހީދުގެ އެޑްރެސްކަމަށް ދީފައިވާ އެޑެރެހަށް ޗިޓް ފޮނުވުމުން އޭނާ އެ އެޑްރެހުގައި ނޫޅޭކަން އެނގިފައިވާކަމަށާއި ޕީޖީ އޮފީހުން ދިން އީމެއިލްއާއި ވައިބާ ނަމްބަރުގެ އިތުރުން ވަޓްސްއެޕް ނަމްބަރަށް ވެސް ޗިޓް ފޮނުވާފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ނަންބަރުތަކުން އަލީ ވަހީދު ވަނީ ބެލިކަން އަންގައިދޭ "ސީން" ނުފެންނަ ގޮތް ހަދާފަކަމުން، އެ ޗިޓް އަލީ ވަހީދަށް ރައްދުވިކަން ކަށަވަރުނުވާކަމަށް ވިދާޅުވެފައެވެ.  

އަދި މައްސަލަ ބައްލަވާ އިސްފަނޑިޔާރު ވަނީ ޕީޖީ އޮފީހުން އަލީ ވަހީދު އުޅޭކަމަށް ހުށައެޅި އެޑްރެހުގައި އެނާ ނުޅޭކަން އެ އޮފީހަށް އެނގޭތޯވެސް ސުވާލުކުރައްވާފައެވެ. އަދި އެގޭނަމަ އެެ އެޑްރެސް ޖަހާ ކޯޓަށް ލިޔެޔުންތައް ހުށައެޅީ ކީއްވެތޯ އާއި، އެއީ ސައްހަ ނޫން މައުލާތެއް ހުށައެޅުން ނޫންތޯވެސް ފަނޑިޔާރުންވަނީ ސުވާލު ކުރައްވާފައެވެ.

މިކަމަށް ކޯޓުގައި ޖަވާބުދާރީވަމުން ޕީޖީގެ ފަރާތުން ދައުލަތުގެ ވަކީލް ވަނީ، އަލީ ވަހީދު މިހާރު އުޅޭ އެޑްރެސް އެ އޮފީހަށްވެސް ނޭގޭކަމަށާއި، މާލޭގައި އުޅުނު އެޑްރެސް ހުށަހެޅީ އޭނާ އެނބުރި އައިސް އުޅޭނީވެސް އެގޭގައިކަމަށް ބެލެވޭތީކަމަށް ވިދާޅުވެފައެވެ. 

އެހެންކަމުން ކޯޓުން ވަނީ، އަލީ ވަހީދު އުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު މާދަމާ މެންދުރު 14:00 ގެ ކުރިން ދައުލަތުން ކޯޓަށް އެކަން އެންގުމަށް އަމުރުކޮށްފައެވެ. އެއަށްފަހު ދައުލަތުގެ ވަކީލް ވިދާޅުވީ އަލީ ވަހީދު އުޅޭ އެޑްރެހެއް ސާފުކުރެވިދާނެ ކަަމަށެވެ. 

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ވަކި ހާލަތްތަކެއްގައި ދައުވާ ލިބޭ ފަރާތް ހާޒިރުނުކުރެވުނަސް މައްސަލަ ކުރިއަށް ގެންދެވިދާނެކަން ފާހަގަކުރައްވާ، އަލީ ވަހީދު ހާޒިރު ނުވިއަސް މައްސަލަ ކުރިއަށް ގެންދާން އެދިފައެވެ.

ނަމަވެސް ކޯޓުން މިއަދު އަމުރުކުރީ އަލީ ވަހީދު އުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު މާދަމާ އެންގުމަށެވެ. އަދި އެ މައްސަލަ ކުރިޔަށް ގެންދެވޭތޯ ނޫންތޯ ކަނޑައަޅާނީވެސް އެޔަށްފަހުން ކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލު ކޮށްލުމުން އޭނާ ބޭސް ފަރުވާއަށް ކަމަށް ބުނެ ތުރުކީއަށް ފުރާފައިވަނީ ފެބްރުއަރީ މަހުގައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކޮށްފައި ވަނީ އަލީ ވަހީދުގެ ސިއްހީ ހާލަތާއި ގުޅޭގޮތުން އޭނާ ހުށަހެޅި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްގެންނެވެ.

ކްރިމިނަލް ކޯޓުގެ އެ އަމުރުގައި ބުނެފައިވަނީ، އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަަމަށާއި އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައިނުވާ ކަމަށެވެ. 

އަލީ ވަހީދު ފިލައިގެން ދިއުމުގެ އިހުމާލު އޮތް ކަމަށް ދައުލަތުން ބުނުމުން އޭނާއާ ޖާމިނުވާނެ ފަރާތެއް ހުށައަޅާފައިވާ ކަމަަށް ވެސް އެ އަމުރުގައި ވެއެވެ. 

މި އަމުރާއި ގުޅިގެން ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގެ ވާހަކަތައް ދޮގުކޮށް އަމުރު ބާތިލުކުރުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެފައެވެ.

ޕީޖީން އެންމެ ފުރަތަމަ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް އޭރު ކްރިމިނަލް ކޯޓުން އަމުރު ނެރުތާ 48 ގަޑިއިރު ހަމަވެފައިވާކަމަށް ބުނެ، ހައިކޯޓު މައްސަލަ ބަލައިނުގަނެ މައްސަލަ ވަނީ ހައިކޯޓުން ބޭރުކޮށްލާފައެވެ. ޕިޖީން ދެވަނަ ފަހަރަށް މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ، ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން އިސްތިއުނާފު ކުރަން ދައުލަތުގެ ފަރާތުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅިފަހުންނެވެ. 

ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ އެ ކޯޓުގެ ރަޖިސްޓަރާގެ ނިންމުން ބަދަލުކޮށް މައްސަލަ ބަލަައިގަތުމަށް ނިންމާފައެވެ. އެހެން ކަމުން ޕީޖީ އޮފީހުން ވަނީ މައްސަލަ އަލުން ހުށަހަޅާފައެވެ.

މި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުން ތާވަލުކޮށްފައިވާއިރު، އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރުނު އަމުރު ބާތިލުކުރި ތާރީހާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ. އެގޮތުން ކްރިމިނަލް ކޯޓުން ނެރުނު ފުރަތަަމަ އަމުރުގައި، އަމުރު ބާތިލުކުރީ ޕީޖީ އޮފީހުން އެދިގެން ކަމަށް ލިޔެވިފައިވާތީ އަލުން އިސްލާހުކޮށް ޕީޖީ އޮފީހަށް އެ އަމުރު ފޮނުވި އިރު، އަމުރުގައި ޖަހާފައިވަނީ ފެބްރުއަރީ 10 ވަަނަ ދުވަހުގެ ތާރީހެވެ. އަލީ ވަހީދު ރާއްޖެއިން ފުރީ ފެބްރުއަރީ ނުވަ ވަނަ ދުވަހުއެވެ.  

ސަރުކާރުގެ ފަރާތުން އަލީ ވަހީދުގެ މައްޗަށް ކުރާ ދައުވާތަކަކީ، ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އަދި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އެވެ. 

މީގެ އިތުރުން ވެސް ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި، އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެއް އަލީ ވަހީދުގެ މައްޗަށް ކުރެ އެވެ. 

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި އަމުރު ނެރުއްވީ ފެމެލީ ކޯޓުގެ ކުރީގެ އިސްގާޒީ އަދި މިހާރު ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުއެވެ. ކްރިމިނަލް ކޯޓްގައި ހިނގަމުންދާ ގަޒިއްޔާތަކެއްގައި ދައުވާ ލިބޭ މީހާ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރެއް ބާތިލު ކުރުމަށް އެ ކޯޓުގެ ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި ފާޅުކަން ބޮޑު ގޮތެއްގައި ގާނޫނު އަސާސީއާ ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތްތަކާއި ހިލާފަށް އަމަލުކޮށްފައިވާތީ ޖޭއެސްސީން އަންނަނީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް